ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ބޭނުންވާ ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާރވިސަސް އަށް ދޫކުރި 17.8 މިލިއަން ރުފިޔާ، ފެނަކަ އަށް އަނބުރާ ދެއްކުމަށް ހައި ކޯޓުންހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުގެ ނަންބަރު: 86/Cv-C/2017 ޤަޟިއްޔާއިން 22 އޮގަސްޓް 2017 ގައި ކޮށްފައިވާ ހުކުމް، ޝަރުއީ އަދި ގާނޫނީ އުސޫލުކަތާއި ހިލާފްކަމަށް ދެކޭބައި ފެނަކައިގެ ފަރާތުން 01 މާރޗް 2018 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

Ad
rt

ސިވިލްކޯޓުގެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވަނީ، ދަށުކޯޓުގައި ފެނަކައިން ޝަރޫގެ މައްޗަށް ދައުވާކުރިއިރު، ފައިސާ ދެއްކުމަށް އަމުރުކޮށްދިނުމަށް އެދިފައިވަނީ، ފަރުދީ ގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށެވެ. ސިވިލް ކޯޓުން ހުކުމް ކުރައްވާފައިވަނީ އެފައިސާއަށް ޝަރޫ ލޯންޗްސާރވިސަސްގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށެވެ.

ހައި ކޯޓުން ވަނީ ޝަރޫ އަކީ ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏެއް ކަމަށާއި އެ ކުންފުނިން ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަނެދިނުމަށް އެއްބަސްވެ އެއަދަދަށްދިވެހި ފައިސާ ނަގައި އެއްބަސްވެފައިވާ ގޮތުގެމަތިން ޑޮލަރު ވިއްކާފައިނުވާތީވެ، އަދި ޑޮލަރު ގަތުމަށް ދިން ދިވެހި ރުފިޔާވެސް ފެނަކަ ކޯޕަރޭޝަނަށް އަނބުރާރައްދުކޮށްފައި ނުވާތީ، މި މުއާމަލާތުގައި ޝަރޫ ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުން ފަރުދީ ހައިސިއްޔަތުން މި ފައިސާ އަށް ޒިންމާ އުފުލަންޖެހޭނެކަންކަނޑައަޅައިފައެވެ. އަދި ތިން މަސްދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

ޝަރޫ ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުން

  • މުހައްމަދު މުޝްތާގު / ދަފްތަރު ނަންބަރު 1231، މާލެ
  • ސަބާހު އަހްމަދު / ބ.ތުޅާދޫ / ކަންމަތީގެ
  • ޝަރުމީލާ ޒުބައިރު / ސ.މަރަދޫފޭދޫ، ރެޑްކްރޮސް

މީގެ އިތުރުން ޝަރޫއަކީ ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮތް ބަޔެއްތޯ ނުބަލައި ޑޮލަރު ގަންނަން ފައިސާ ދިނުމަކީ އޭރު އެ ކުންފުނީގައި ތިބި ވެރިންގެ އިހުމާލުން ކުރިކަމެއް ކަމަށްވެސް ވަނީ ނިންމައިފައެވެ.

ޑޮލަރުގޮތުމުގެ ނަމުގައި ޝަރޫ ލޯންޗް ސާވިސަސް އަށް ދޫކުރި ފައިސާ އަނބުރާ ލިބިފައިނުވާތީވެ، އެކަމުގެ ސަބަބުން ފެނަކައަށް އެކިއެކި ގޮތްގޮތުން ކުރިމަތިބިގޮންޖެހުންތަކާއި އަދި މާލީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޑެމޭޖް އެސެސްމަންޓެއް އޮޑިޓެއް މިހާރު ދަނީ ހަދަމުންނެވެ.

މި އެސެސްމަންޓް ނިމުމާއެކު މިމުއާމަލާތާއި ގުޅިގެން ފެނަކައަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް، މިކަމުގައި ޝާމިލްވޭ އިހްމާލުވި ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ފެނަކައިން ބުންޏެވެ.