މާލެ ސަރަހައްދުގައި ހިންގާ ކެފޭ/ރެސްޓޯރެންޓުތައް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ދަންވަރު 1:30 ވަންދެން ހުޅުވައިގެން ހިދުމަތް ދެވޭ ގޮތް ހަދައި ދިނުމަށް މޯލްޑިވްސް އީޓަރީސް ޔޫނިއަން އިން ގޮވާލައިފިއެވެ.

އިއްޔެ ނެރުނު ބަޔާނެއްގައި އީޓަރީސް ޔޫނިއަން އިން ބުނީ އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔވަަޅުތަކުގެ ސަބަބުން ކެފޭތަކަށް ބޮޑެތި ގެއްލުން ވަމުންއަންނަ ކަމަށެވެ. އަދި ފަހުން ގެނައި ބަދަލުތަކާއެކު ފޫ ނުބެއްދޭވަރަށް އެތަންތަނަށް ގެއްލުން ވެފައިވާ ކަމަށް އެ ޔޫނިއަން އިން ބުންޏެވެ.

Ad
rt

އީޓަރީސް ޔޫނިއަން އިން މީގެ ކުރިން ބުނެފައިވާގޮތުގައި މިހާތަނަށް މުޅި ރެސްޓޯރެންޓު އިންޑަސްޓްރީއަށް 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ވެފައިވާކަމަށެވެ.

އީޓަރީސް ޔޫނިއަން އާއި ރެސްޓޯރެންޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ފާއިތުވި ހަފުތާ ތެރޭގައި އެޗްޕީއޭގެ ފިޔަވަޅުތަކާ ދެކޮޅަށް ހަޅުތާލު ކުރުމަށްވެސް ނިންމިއެވެ. މީގެ ސަބަބުން އެޗްޕީއޭއިން ވަނީ އެ އޮތޯރިޓީގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް ރޭގަނޑު 10:30 ވަންދެން ރެސްޓޯރެންޓުތަކުން ހިދުމަތް ދެވޭ ގޮތްހަދައިފައެވެ.

އެޗްޕީއޭއިން އިއްޔެ ގެނައި ބަދަލުތަކަކީ ރެސްޓޯރެންޓު އިންޑަސްޓްރީ މިހާރު އޮތް ހާލަތަށް ބަލާއިރު އެކަށީގެންވާ ހައްލެއް ނޫން ކަމަށް އީޓަރީސް ޔޫނިއަން އިން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ކެފޭތައް ހިންގާ މީހުންނަށް ތާއީދުކޮށް ޓްވީޓު ކުރައްވާފައެވެ. އެމަނިކުފާނު ވަނީ ވިޔަފާރިވެރިންނަށް އޮތްހައްލަކީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާލުން ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 6:00ގެ ފަހުން ވެހިކަލް ދުއްވުމާއި ރޭގަނޑު 11:00ގެ ފަހުން ބޭރަށް ނުކުމެއުޅުން ވަނީ މަނާކޮށްފައެވެ.