އައިސްލެންޑުގެ ވެރިރަށް ރޭކްޖަވިކް ކައިރީގައި ހުރި ފަރުބަދައެއް އިއްޔެ ގޮވައިފިއެވެ.

މި ފަރުބަދަ ގޮވުމުގެ ކުރިން ހަފުތާއެއް ވަންދެން އެ ގައުމަށް އެކި ވަރުގެ ބިން ހެލުން އައި ކަމަށް އެ ގައުމުގެ މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެއެވެ. މި ފަރުބަދަ ހުންނަނީ ވެރިރަށާ ގާތްގަނޑަކަށް 25 މޭލު ދުރުގައެވެ.

Ad
rt

ފަރުބަދަ ގޮވުމުގެ ސަބަބުން އެ ސަރަހައްދުގެ އުޑުމަތިވެސް ވަނީ ރަތް ކުލައަށް ބަދަލުވެފައެވެ. އެ ގައުމުން ވަނީ އެ ސަރަހައްދުގައި ފްލައިޓާ އެނޫނުންވެސް ތަކެތިއުދުހުން މަނާ ކޮށްފައެވެ.

އެ ގައުމުގެ ކޯސްޓު ގާޑުން ނެރެފައިވާ ވީޑިއޯއަކުން ދައްކާ ގޮތުގައި ފަރުބަދަ ގޮވައި އަލިފާން ފައިބާތަން ފެނެއެވެ. މިހާތަނަށް 200 މީޓަރަށް އަލިފާން ފައިބާފައިވާ ކަމަށްބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެެވެ.

ފާއިތުވި ހަތަރު ހަފުތާ ތެރޭގައި އެ ސަރަހައްދަށް ވަނީ 40،000 އަށްވުރެ ގިނަ ބިންހެލުން އައިސްފައެވެ. މިއީ މިހާތަނަށް އެ ގައުމަށް އެންމެ ގިނައިން ބިންހެލުންއައިފަހަރެވެ. ކުރިން އެ ގައުމަށް އެވްރެޖުކޮށް އަހަރެއްގެ މައްޗަށް ބިން ހެލުން އަންނަނީ 1000 އާއި 3000 ދެމެދުގެ އަދަދަކަށެވެ.

މި ފަރުބަދަ ހުރި ސަރަހައްދަކީ މީހުން ދިރިނޫޅޭ ސަރަހައްދަކަށްވުމުން މީގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުން ނުވާނެ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުންވަނީ ބުނެފައެވެ.

މިއީ ފާއިތުވި 800 އަހަރު ތެރޭގައި އެ ސަރަހައްދުގެ ފަރުބަދައެއް ގޮވި ފުރަތަމަ ފަހަރެވެެ.