މާލޭ ސިޓީގެ މަގުތަކަކީ ހިތްފަސޭހަ އަމާން މަގުތަކަކަށް ހަދަންޖެހޭކަމަށާއި، އެއީ އެންމެ ބޮޑު އެއް އަމާޒުކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޒޫމް މެދުވެރިކޮށް މާލޭ ސިޓީގެ ރައްޔިތުންގެ އަޑުއައްސަވައި، ސުވާލުތަކަށް ޖަވާބުދެއްވުމަށް ރޭ ކުރިއަށް ގެންދެވި އޮންލައިން ބައްދަލުވުމެއްގައި މާލޭގެ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، ރައްޔިތުން ވޯޓުލައިގެން ކައުންސިލަށް މީހުން އިންތިޚާބު ކުރަނީ ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތަށް މަސައްކަތްކޮށް، ރައްޔިތުންގެ ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރަން ކަމަށެވެ.

Ad
rt

އެ ބައްދަލުވުމުގައި ބައިވެރިވި ރައްޔިތެއްގެ ޝުއޫރު ފާޅުކުރަމުން ބުނެފައި ވަނީ، އެއްކޮޅަށް ދުއްވާ މަގުތަކުގައި ދެކޮޅަށް ޕާކްކޮށްފައި ހުރުމުން ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ. އެހެންކަމުން މުޢިއްޒު މާލޭގެ މޭޔަރުކަމަށް އިންތިޚާބުވެ ވަޑައިގެންފިނަމަ އެކަން ހައްލު ކުރަން އަޅުއްވާނެ ފިޔަވަޅަކީ ކޮބައިތޯ އޭނާ ސުވާލު ކުރިއެވެ.

''ވަރަށް ދަތިވާ މައްސަލައެއް، ފުދޭ ވަރަކަށް ފުޅާ މަގުތައް ވެސް ހުންނަނީ ދެފަރާތުގައި ޕާކު ކޮށްފައި، އަދި އެކަން ދިމާވާ މައިގަނޑު އެއް ސަބަބަކީ ސަރުކާރުން އެކަމުގައި ގެންގުޅޭ ސިޔާސަތުތައް، ވެހިކަލްތައް އެތެރެވުމުގައި ވަކި އުސޫލެއް، ހައްދެއްނެތް، ޑިއުޓީ ބޮޑު ކުރިނަމަވެސް ރައްޔިތުން ވެހިކަލްގެ ބޭނުން ޖެހުނީމަ ގެންނާނެ، ނަމަވެސް މިހާރު ނައްތާލަންވެ، ބާ ދަގަނޑަށް ވެފައި ހުރިނަމަވެސް ވެހިކަލްތައް ނުނެގޭ، ޕާކިންއަށް ހައްލުގެނެސްދޭނެ ކަމަށް މި ސަރުކާރުން ވަޢުދުވެފައި އޮތްނަމަވެސް އެކަމެއް އަދި ނުވޭ، ޕާކު ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ބުނި ނަމަވެސް އެކަމަށް އަދި ހައްލެއް ނުހޯދޭ''ޑރ. މުޢިއްޒު ވިދާޅުވިއެވެ.

''އެހެންއެކަން އޮތްނަމަވެސް ތިއީ ހައްލުކުރަންޖެހިފައި އޮތް މައްސަލައެއް، ހައްލުކުރަން ބަލާއިރު ތިން މުއައްސަސާއެއް މީގެ ތެރޭގައި ހިމެނޭ، އެއީ ޓްރާންސް ޕޯޓް އޮތޯރިޓީ، ޕޮލިސްގެ ޓްރެފިކް ޕޮލިސް އަދި ސިޓީ ކައުންސިލް، މި ތިން މުއައްސަސާގެ މެދުގައި އޮންނަ ގުޅުމެއްގެ ތެރެއިން ނުވަތަ އުފެދިފައި އޮންނަ ކޮމެޓީއެއްގެ ތެރެއިން މަގުމަތީގައި ޕާކު ކުރާނެ ޒޯނުތައް ކަނޑައެޅުމުގައި ވެސް، ވަންވޭ ކަނޑައެޅުން ވިޔަސް، ޓޫވޭ ކަނޑައެޅުން ވިޔަސް މިހެން ގޮސް ޕާކިންނާގުޅޭ ހުރިހާ ކަމެއް ކަނޑައެޅެނީ، މި ދެންނެވި 3 މުއައްސަސާ ގުޅިގެން''ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، އެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކޮށް، އެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

''ޝައްކެއްވެސް ނެތްގޮތުގައި ތި މައްސަލަ ހައްލުކުރާނަން އިރާދަ ކުރެއްވިއްޔާ، އެހެން މިދަންނަވާ އެއް ސަބަބަކީ ތި މައްސަލައިގެ ތެރޭގައި ހިމެނޭ ތިން މުއައްސަސާގެ ތެރެއިން އެއް މުއައްސަސާއަކީ ސިޓީ ކައުންސިލް، ސިޓީ ކައުންސިލްގައި މިތިބެނީ ރައްޔިތުން ވޯޓުލައިގެން ހޮވާ ބަޔަކު، ކީއްކުރަންތޯ ރައްޔިތުން ވޯޓު ދެނީ، ރައްޔިތުންނަށް މިހެން ހުންނަ ދަތިތައް ހައްލުކޮށްދޭނެ އުންމީދުކޮށްގެން، އެ އުންމީދުތަކުގައި ކޮޅުފައިން ޖަހާފައި އަމިއްލަ ކަންތައް ކުރަންއުޅޭ ބަޔަކު ހޮވައިފިއްޔާ އެއީ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ނޫން ގައިމުވެސް، އަޅުގަނޑާ ހަވާލުކުރާ ޒިންމާއެއް އަމާނާތެއް އިރާދަކުރެއްވިއްޔާ ވަރަށް ތެދުވެރިކަމާއެކު އަދާކޮށްދޭނަން، އެ ގޮތައް އަޅުގަނޑު މަސައްކަތްކުރާނީ، ޝައްކެތް ނެތްގޮތުގައި ތިމައްސަލައަށް ހައްލެއް ގެންނާނަން،''ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ، މުޢިއްޒު ވިދާޅުވީ އެ މައްސަލައަށް ހައްލު ގެންނައިރު، ޓްރެފިކް ޕޮލިހާއި، ޓްރާންސްޕޯޓް އޮތޯރިޓީއާއި ގުޅިގެން ރައްޔިތުންގެ އަޑުއަހައިގެން ދޭތެރެމެދުގައި ސިޓީކައުންސިލް އޮންނާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުން އިސްނަގައިގެން މަސައްކަތްކޮށް ޕާކު ކުރާނެ އިމާރާތްތަކާއި، ޖާގަތައް ރައްޔިތުންނަށް ދައްކައި ދެވޭނެ ކަމަށާއި، އެ މަސައްކަތް ފުރިހަމަވާއިރު ޕާކިންގެ މައްސަލައަށް އޮންނާނީ އެކަށޭނަ ހައްލެއް ގެނެވިފައިކަމަށް ވެސް ވިދާޅުވިއެވެ.

''މި މަސައްކަތް ކުރުމުގައި ވަރަށް ބޮޑު އިސްކަމެއް ދީގެން މިކަން ކުރާނަން، މާލޭގެ މަގުތައް ވާން އެބަޖެހޭ ހިތްފަސޭހަ އަމާން މަގުތަކަކަށް، އެއީ ރައްޔިތުން އެދިލައްވާ އެންމެ ބޮޑު އެއް އަމާޒު''ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެ މަސައްކަތް ކުރެއްވުމުގައި މާލޭގެ 4 ދިމާއެއްގައި މިހާރު ވެސް ޕާކު ކުރެވޭނެ ތަންތަން ހެދިދާނެކަން ފާހަގަ ކުރަށްވައި މުޢިއްޒު ވިދާޅުވީ، މަލްޓި ޔޫސް ޕާކިން ޖާގަތަކެއް ހެދޭގޮތަށް ސިޓީ ކައުންސިލުން އިސްނަގައިގެން ސަރުކާރަށް އޭގެ ހުރިހާ ތަފްސީލްތަކެއް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޕާކިންނަށް ހެދޭ އިމާރާތްތައް 10 ބުރިއަށް ހަދައި، ތިރީ 4 ބުރި ޕާކިންއަށް ޚާއްޞަކޮށް، ބާކީ 6 ބުރ،ި އެ އިމާރާތް ހަދައި ބަލަހައްޓާ މީހުން ކުރާ އިންވެސްޓްމަންޓް ކަވަރުކުރުމަށް ދިނުމުން އެ ކަންކުރެވޭނެ މަގު ފެންނާނެ ކަމަށް ވެސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.