ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސެލްއާއި ޕެޓްރޯލްގެ އަގަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފި އެވެ.
އެކުންފުނިން ބުނީ، މީގެ ހަތަރުމަސް ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއްގެ މިންވަރާ އަޅާބަލާއިރު މިހާރު ތެޔޮފީފާއެއްގެ އަގުވަނީ ދެގުނައަށް ބޮޑުވެފައިކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް މިއައި ބޮޑު ބަދަލާއެކު، މި ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި 16 މާރޗް 2001 ން ފެށިގެން މި ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނައުމަށް ވަނީ ނިންމިފައެވެ.
އެސްޓީއޯއިން ނެރުނު އެންގުމެއްގައި ބުނެފައިވެއެވެ.
އަލަށް ގެނައި ބަދަލާއެކު ޑީސެލް ލީޓަރެއްގެ އަގު ވަނީ 9.19 ރުފިޔާއިން 9.79 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. މީގެ ކުރިން 8.44 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 8.85 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނެސްފައިވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުގަ އެވެ.
ކޯވިޑް-19ގެ ސަބަބުން ގިނަ ގައުމުތަކެއް ފުރަބަންދުކުރުމާއި ދަތުރުފަތުކުރުން ހުއްޓާލުމާއި އެކު ތެލަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ. އެހެން ނަމަވެސް ހާލަތު ރަނގަޅުވެ ދަތުރު ފަތުރު ކުރުން އިތުރު ވުމާއި އެކު ކުރިއެކޭއި އެއްގޮތަކަށް ތެލުގެ އަގު ވަނީ އުފުލެންފަށާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!