ހަނދުގައިވާ ލާވާ ޓިއުބްތަކުގައި ފޮރުވިފައި ހުންނަ "ލޫނާ އާކް"ތަކުގެ ތެރޭގައި ދިރޭތަކެތީގެ ދަރިފަންޏާއި ބިހާއި އޮށް ރައްކާ ކުރެވޭނެކަމަށް ބުނެ އެކަން ކުރަން ބައެއް ސައިންސްވެރިން ހުށަހަޅައިފިއެވެ.
"ލޫނާ އާކް" ނުވަތަ "ޖީން ބޭންކު"ތަކުގައި ދުނިޔޭގެ 6.7 މިލިއަން ދިރޭތަކެތީގެ ޑީއެންއޭ ރައްކާތެރިކަމާއެކު އެތައް ގަރުނެއް ވަންދެން ރައްކާ ކޮށްފައިވާ ބެހެއްޓޭނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ. މީގެ ތެރޭގައި ޖަނަވާރުންނާއި ފަންގައި އަދި ގަސްގަހާ ގެހި ވެސް ހިމެނެއެވެ.
މިހާތަނަށް ހެދި ރިސާޗުތަކުން ދައްކާގޮތުގައި މިތަކެތި ހަނދަށް ގެންދިއުމަށް 250 ރޮކެޓް ލޯންޗު ކުރަން ޖެހޭނެއެވެ.
ސައިންސްވެރިން ގަބޫލު ކުރާގޮތުގައި މިގޮތަށް ޑީއެންއޭ ރައްކާ ކުރުމުން ދުނިޔޭގެ ބައެއް ތަކެތި ނެތިގެން ދިޔަޔަސް އަލުން އެތަކެތި އާލާ ކުރުމަށް އެހީއަކަށްވާނެއެވެ.
މި ޕްލޭން ސައިންސްވެރިން ހުށަހަޅާފައިވަނީ މި މަހުގ ހަތްވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި އައިއީއީއީ އެރޯސްޕޭސް ކޮންފަރެންސްގައެވެ. މިކަމަށް ބޭނުންވާ އުޅަނދުތަކާއި ޓެކްނޮލޮޖީ މިވަގުތު ހެދިފައި ނެތް ނަމަވެސް ކުރިއަސް އޮތް 30 އަހަރު ތެރޭގައި އެކަން ކުރެވޭނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!