މިއަހަރުގެ ތިންވަނަ ކުއާޓާގައި އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދުމިހާދު ވިދާޅުވެއްޖެއެވެ.

އައިއޭއެސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާދު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުން ވަރަށް ބޮޑު ދަތިވި ކަމަށެވެ. އަދިމީގެ ސަބަބުން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

ސަރުކާރުން އެ ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދެނީ ދަތުރުފަތުރުތައް ހުއްޓި އެ ކުންފުނީގެ ކޭޝްފްލޯ ދަށްވުމުގެ ސަބަބުންނެވެ. ނަމަވެސް މިހާލަތުން މިއަހަރުގެތިންވަނަ ކުއާޓާގައި އަރައިގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން މިދަނީ ކޮވިޑުން ފެށިގެން ފައިސާގެ އެހީތެރިކަމެއް އަޅުގަނޑުމެންނަށް ދެމުން. އަޅުގަނޑު އުއްމީދު ކުރަނީ މިއަހަރުގެ ތިންވަނަ ކުއާޓާ އަންނަންވާއިރަށްއަޅުގަނޑުމެންނަށް އެދެވޭ ބަދަލެއް އައިސް، ކުންފުނީގެ ފައިނޭންޝަލް ޕޮޒިޝަން ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް،" މިހާދު ވިދާޅުވިއެވެ.

މިހާދު ވިދާޅުވިގޮތުގައި މިހާލަތުން އަރައިގަތުމަށް ގޮންޖެހުންތަކެއްވެސް އެބަހުއްޓެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާ ބަންދުކޮށްފައި އޮތުމެވެ.

ޗައިނާއަކީ މޯލްޑިވިއަން އިން ގިނަ އަދަދެއްގެ ދަތުރުތައް ކުރަމުން އައި މަންޒިލެކެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން އެ ގައުމުގެ ބޯޑަރު ބަންދު ކުރި ގޮތަށް އަދިވެސް ނުހުޅުވައެވެ.

އައިއޭއެސްގެ ހިންގުމުގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރު ކުރުމަށް އެ ކުންފުނިން ވަނީ ބައިނަލްއަގްވާމީ ދަތުރުތައް ފުޅާ ކުރުމަށް ނިންމައިފައެވެ. މި ދަތުރުތަކަށްބޭނުންވާ ވައިޑް ބޮޑީ ދެ މަތިންދާބޮޓު މިއަހަރުގެ މެދުތެރޭގައި ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.