ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ފިހާރައެއް ރޭ މާލޭގައި ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިއެވެ. މި ރަސްމިއްޔާތުގައިބީސީސީގެ އިސް އޮފިޝަލުން ވެސް ބައިވެރިވިއެވެ.

Ad
rt

"އޮތެންޓިކް މޯލްޑިވްސް" ގެ ނަމުގައި ހުޅުވި މި ފިހާރައަކީ ދިވެހިންގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ހުޅުވި ފިހާރައެކެވެ. މި ފިހާރައިން ދިވެހިންގެ ހުނަރުވެރިކަމާއިއުފެއްދުންތެރިކަން ދައްކުވައިދޭ ތަކެތި ލިބެން ހުންނާނެއެވެ.

މި ފިހާރަ ހުޅުވާފައި ވަނީ އޯކިޑް މަގުގެ ޔުނިވާސަލް ބިލްޑިންގެ ގްރައުންޑް ފްލޯގަ އެވެ.

މި ފިހާރައިން ވިއްކާ ތަކެތީގެ ތެރޭގައި ދިވެހިންގެ ކުރެހުންތަކާއި އަތްތެރި މަސައްކަތްތަކުގެ އުފެއްދުންތައް ހިމެނެއެވެ. އަދި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރު ހަދާމީހުންނަށް އެތަކެތި ޝޮކޭސް ކުރުމަށް "ޝޯރޫމް ކޯނާ"އެއް ވެސް ވަނީ ހަދައިފައެވެ.

ބީސީސީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި “އޮތެންޓިކް މޯލްޑިވްސް”ގެ އިތުރު ދެ ފިހާރައެއް ހުޅުލެއާއި ހުޅުމާލޭގައި ހުޅުވައިފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެޑިއުޓީ ފްރީގައި ހުޅުވި ފިހާރައިގައި މިހާތަނަށް 60 އަށްވުރެ ގިނަ ދިވެހިންގެ އުފެއްދުންތައް ދަނީ ވިއްކަމުންނެވެ. އަދި ހުޅުމާލޭގައި ހުޅުވި ފިހާރައިގައި 50 އަށްވުރެ ގިނަމީހުންގެ އުފެއްދުންތަކަށް ވަނީ ޖާގަ ދީފައެވެ.

އެ ކުންފުނިން ބުނީ ކުރިއަށް އޮތްތާންގައި ޖާގަ ލިބޭ މިންވަރަކުން ދިވެހި އިތުރު އުފެއްދުންތަކަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބިމީހުންނަށް ފުރުސަތު ހޯދައި ދިނުމަށް އެކި ރަށްރަށުގައި ވެސް ފިހާރަތަކަށް ހުޅުވާނެ ކަމަށް ބީސީސީން ބުންޏެވެ.