ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ސައިޓް މިއަދު މޮބިލައިޒް ކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް 99.52 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވެއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެ ރަށުގެ 3.2 ހެކްޓަރުގެ ބިން ހިއްކައި 65،170.76 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 421 މީޓަރުގެ ސަރަހައްދުގެ އެއްގަމު ތޮށި ލުމާއި 123.9 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށީގެ އިތުރުން 170.55 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް 350 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ވަނީ ލަފާ ކޮށްފައެވެ.

އެމްޓީސީސީން މިހާރުވެސް އަންނަނީ ގިނަ ޕްރޮޖެކްޓުތަކެއް ހިންގަމުންނެވެ. އެގޮތުން، މިދިޔަ އަހަރަކީ އެ ކުންފުނީގެ 40 އަހަރުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އަހަރަށްވާއިރު މިއަހަރުވެސް އެހާ ކާމިޔާބުވާނެ ކަމަށް އެ ކުންފުނިން ލަފާ ކުރެއެވެ.