ރާއްޖޭގެ ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު ހެދި އެއްބަސްވުމަކާ ގުޅިގެން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓުގެ ހިއްސާގެ އަގު 13 އިންސައްތަ އިތުރުވެއްޖެއެވެ.

މިހާރު އެ ކުންފުނީގެ ހިއްސާއެއްގެ އަގު ވަނީ 88.80 ރުޕީސްއަށް އަރައިފައެވެ.

Ad
rt

ޖޭއެމްސީ އިން ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު އެއްބަސްވެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2000 ސޯޝަލް ހައުސިންގެ ޕްރޮޖެކްޓެއް ހިންގުމަށެވެ. މިޕްރޮޖެކްޓަކީ 137 މިލިއަން ޑޮލަރު (ދެ ބިލިއަން) ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސިން ހޯދަން ނިންމާފައިވަނީ ލޯނުގެ ޒަރީއާއިންނެވެ. އަދި ވަރަށް އަވަހަށް ފަންޑު ހަމަޖެހޭނެ ކަމަށާއި އެއާއެކު ފްލެޓް އެޅުމުގެމަސައްކަތް ފަށާނެ ކަމަށް ޖޭއެމްސީން ވަނީ އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދީފައެވެ.

ޖޭއެމްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެސްކޭ ތްރިޕާޓީ ވިދާޅުވީ މި ޕްރޮޖެކްޓާއެކު އެ ކުންފުނީގެ މަސައްކަތްތައް ފުޅާ ވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުންއެހެން ގައުމުތަކާ އޮންނަ ގުޅުން ބަދަހިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.