ކުރާ މަސައްކަތުގެ އަގުވަޒަންކުރުމަކީ އެމަސައްކަތެއް އިތުރަށް ފުރިހަމަކުރުމަށާއި މަސައްކަތުގައި ދެމިހުރުމަށް ލިބޭ ހިތްވަރެކެވެ. އެއީ ކުރާ މަސައްކަތަކީ މުހިންމު މަސައްކަތެއްގެ ގޮތުގައި އެހެން މީހުން ބަލައިގަންނަކަން އެނގުމުން އެމަސަކަތެއްގައި ދެމިހުރުމަށް ހިތްވަރު ލިބޭތީއެވެ. އެމަސައްކަތުގެ އަގު ވަޒަންކުރެވި ތިމާއަކީވެސް އަގުހުރި މީހެއްކަމަށް ޤަބޫލު ކުރެވޭތީ ލިބޭ ހިތްވަރެކެވެ.
މަސައްކަތުގެ އަގުވަޒަން ކުރުމަކީ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިޒަމާނުގައި ވިޔަފާރިތަކުން ބޭނުންކޮށް އުޅޭ އުކުޅެކެވެ. އޭގެ ސަބަބުން ހުނަރުވެރި ތަޖުރިބާހުރި ޤާބިލް މުވައްޒަފުން ވާދަވެރި އެހެން ވެރިޔަފާރިތަކުގެ ވަޒީފާއެއްގެ މައްޗަށް އެވިޔަފާރިއެއްގެ ވަޒީފާ އިޚުތިޔާރު ކުރާތީއާއެކުވެސްމެއެވެ.
މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް ރައްޔިތުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުތަކުންވެސް އެކި ސިފަސިފައިގައި އަގުވަޒަންކޮށް އުޅެއެވެ. މިއީ ޤައުމެއް ބިނާކޮށް ޤައުމިއްޔަތު ދެމެހެއްޓުމަށް ވެސް މުހިންމު ކަމެއްކަމުގައިވާތީއެވެ.
ދިވެހި ދައުލަތުންވެސް ކަނޑައަޅާ އުސޫލެއްގެ މަތިން ޤައުމަށް ޚިދުމަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރެއެވެ. މިގޮތުން ސަރުކާރަށާއި ދައުލަތަށް ފާހަގަކޮށްލެވޭ ފަދަ ޚިތުމަތެއް ކޮށްދީފައިވާ ފަރާތްތަކާއި، ގިނަ ދުވަސްތަކެއް ވަންދެން ޚިތުމަތް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ޒަމާނުންސުރެ ދިވެހި ސަރުކާރުން ހިތްވަރު ދެމުންއާދެއެވެ. "ޤައުމީ" ޚިދުމަތުގެ ނަމުގައެވެ.
ރާއްޖޭގެ މައްސަރުން ފެންނަމުންދަނީ ޤައުމަށް ކުރާ ޚިދުމަތުގެ އަގުވަޒަން ކުރުމުގައި އެހެން ދާއިރާތަކަށްވުރެ ވަކި ދާއިރާއެއް ޚާއްސަކުރެވި އިސްކަން ދެމުންދާތަނެއެވެ. ޤައުމަށް ޚިދުމަތް ކުރުމުންދޭ އިނާމު ސަރުކާރާއި ދައުލަތުން ހިއްސާވާ މުއައްސަސާތަށް ނުވަތަ ޕަބްލިކް ސެކްޓަރއަށް މާބޮޑަށް ޚާއްސަ ކުރެވިފައިވާތަނެއެވެ. ވަކި މުއްދަތަކަށް މިދާއިރާ މެދުވެރިކޮށް ދޭ ޚިދުމަތްތަކުގެ އަގު "ޤައުމީ" އިނާމުގެ ގޮތުގައި ދޭއިރު، ހަމަ އެމުއްދަތުގައި އެނޫން ދާއިރާތަށް މެދުވެރިކޮށް ޤައުމަށް ކުރާ ޚިދުމަތުގެ އަގުވަޒަންކުރުމުގައި އިހުމާލުވާތަނެއެވެ. މިއީ އަގު ވަޒަންކުރުމުގައި ނުސީދާގޮތެއްގައި ގެންގުޅެވޭ ތަފާތުކުރުމެއް ނޫންހެއްޔެއެވެ؟
ޤައުމަށް ކުރާ ޚިތުމަތުގެ އަގުވަޒަންކުރުމުގައި ޒަމާނުންސުރެ ޢަމަލުކުރަމުން އަންނަ ގޮތުގެ ސަބަބުން ޕްރައިވެޓް ސެކްޓަރގައި ބުރަކޮށް ދިގުމުއްދަތެއް ވަންދެން މަސައްކަތް ކުރާ އެތަށް ޚިދުމަތް ތެރިންނެއްގެ ހިތްވަރު އެލޭކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެއެވެ. އާޢިލާއާ ދުރުގައި އެތަށް ދުވަހެއް ވަންދެން ރިސޯޓުތަކާއި އޮޑިދޯނި ފަހަރުގައި މަސައްކަތް ކުރާ އެތަށް ސަތޭކަ ޚިތުމަތްތެރިންގެ ޚިތުމަށް "ޤައުމީ" ޚިތުމަތެއްގެ ގޮތުގައި ބަލައިނުގަންނަ ކަމުގެ އިޙްސާސް ދަނީ ކުރެވެމުންނެވެ.
ސަރުކާރުގެ އަގުވަޒަންކުރުމުގެ މިސިއާސަތުގެ ސަބަބުން ދާއިރާގެ ވަޒީފާތަކަކީ އެހެން ވަޒީފާތަކަށްވުރެ އަގުހުރި ޚާއްސަ ވަޒީފާތަކެއް ކަމަށް މުޖުތަމައުން ދެކެއެވެ. މީގެ ސަބަބުން ޤައުމަށް ޚިދުމަތް ކުރެވޭނީ ސަރުކާރު ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކޮށްގެންކަމަށް ޒަމާނުންހުރެ ދިވެހިންގެ ގިނަ ބަޔަކު އައީ ޤަބޫލުކުރަމުންނެއެވެ. "ޤައުމީ" ޚިދުމަތަކީ ކޮބައިކަން ގިނަ ރައްޔިތުންނަށް ވަނީ އޮޅިފައެވެ.
މައިންބަފައިން އެމީހުންގެ ދަރިންނަށް ކުޑައިރުންސުރެ ވިސްނާ ދެމުންދަނީ ޤައުމަށް ޚިދުމަތް ކުރުމަށް ސަރުކަރުގެ ވަޒީފާއެއް ޚިޔާރުކުރުމަށެއެވެ. އެހެންކަމުން ގިނަ ކުދިންގެ ސިކުނޑިތަށް އަމާޒު ކުރެވެމުންދިއައީ ސަރުކާރުގެ ވަޒީފާތަށް ބޮޑަށް ޚާއްސަވެފައިވާ އިދާރީ މަސައްކަތްތަކާއި، މެނޭޖްމަންޓް ދާއިރާ ފަދަ "ޑެސްކް ޖޮބް" ތަކަށެއެވެ. ފެނިގެން ދިއައީ މިއުންމީދުތަށް ފުރިހަމަ ވާނޭގޮތަށް ވިސްނުން ބަހައްޓައިގެން ކިޔެވުމުގެ ދާއިރާ ޚިޔާރުކުރި މަންޒަރެއެވެ. އެހެންކަމުން ގިނައިން އުފެދިގެން ދަނީ 'ސަޕޯޓް' ޚިދުމަތްތަކުގެ ޚިދުމަތްތެރިންނެއެވެ. ދޫކުށްލެވުނީ ޤައުމީ އުފެއްދުންތެރިކަން އިތުރުކުރަން މުޙިންމު ހުނަރާއި ޢިލްމެއެވެ.
ޤައުމެއް ބިނާކުރުމަކީ އެޤައުމެއްގެ ހުރިހާ މަސައްކަތްތެރިން ހިއްސާވެގެން ކުރާކަމެކެވެ. އެކި ބާވަތުގެ މަސައްކަތެތެރިންނާއި ޚިތުމަތް ތެރިންގެ ބައިވެރިވުމާއެކުއެވެ. އެކި ފަންތިއާއި ގިންތި ތަކުގެ މަސައްކަތްތެރިންނާއި ޚިތުމަތްތެރިންގެ ދައުރާއެކުއެވެ. ސަރުކާރާއި ދައުލަތާއި އަމިއްލަ ޖަމްޢިއްޔާތަކައި ވިޔަފާރި ނުވަތަ ކުންފުނިތަކާއި މީގެން އެއްވެސް މުއައްސަސާއަކަށް ނިސްބަތް ނުވާ "އަމިއްލަ" ފަރާތްތަކުގެވެސް އަގު ހުރި މަސައްކަތުންނެވެ. ދިވެހި ދައުލަތް އުފެދި ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ސިއްރަކީވެސް މިދެންނެވި ހުރިހާ ފަރާތްތަކުގެ މިންނަތް ބުރަ މަސައްކަތެއެވެ.
ޒުވާން އުމުރުން ފެށިގެން ގައިބާރު ދެރަވަންދެން މަގުން ކުނިނަގައި ސާފުކުރާ މީހާއާއި، މާރުކޭޓުގައި އުފެއްދުންތައް ވިއްކަން އިންނަ ސޭޓާއި، ގަދަ އަވީގައި ކަނޑުމަތީގައި ހޭދަކުރާ މަސްވެރިޔާއާއި، އަރާއިރާއެކު ދަނޑުބިމަށް މިސްރާބުޖަހާ ދަނޑުވެރިޔާއާއި، ސުފުރާ މަތީ ތަށިތަށް އަތުރާލަދޭ ވޭޓަރުން ފެށިގެން ސަރުކާރުގެ އޮފީސްތަކުން ޚިތުމަތް ދޭ ފަރާތްތަކުންވެސް ޤައުމަށް ކުރަނީ ޚިދުމަތެއެވެ. ރައްވެހިންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯދައިދޭން ކެނޑިނޭޅީ މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންނާއި ދަރިންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ބޮޑު ބައެއްގެ ޒިންމާ ކޮނޑު އަޅައިގެން ތިބި މުދައްރިސުންވެސް ކުރަނީ ޤައުމީ ޚިދުމަތެއެވެ. އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އުމުރުގެ ބޮޑުބައި އަމިއްލަ މަސައްކަތުގައި ހޭދަކުރާ ފަރާތްތަށްވެސް ކުރަނީ ޤައުމީ ޚިދުމަތެއެވެ.
ޤައުމީ ޚިދުމަތަކީ ޤައުމުގެ ރައްޔިތުންގެ މަންފާއަށް ކޮށްދޭ ޚިދުމަތެވެ. މުޖުތަމައެއް ބިނާކޮށްދޭ ޚިދުމަތްތަކެވެ. އިޖްތިމާޢީ ގޮތުންނާއި އިޤްތިސާދީގޮތުން ފޯރުކޮށްދޭ ޚިދުމަތްތަކެވެ. ޤައުމިއްޔަތުކަން ދަމަހައްޓައިދޭ ޚިދުމަތްތަކެއެވެ. ޤައުމެއްގެގޮތުގައި ދެމިއުތުމަށް ބޭނުންވާ ކޮންމެ ޚިދުމަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!