ވޭތުވި 2020 ވަނަ އަހަރުގެ ފަހުކޮޅު އިގްތިސާދީ ބޫމެއް އަންނާނެ ކަމަށް ސަރުކާރުން ވިދާޅުވި ކަމަށާއި، ނަމަވެސް އައިތަން ފެނުނީ ވެންޓިލޭޓަރުގެ ބޫމެއް އައިތަންކަމަށާއި، އެއީ ކޮރަޕްޝަނާއި ވައްކަމުގެ ބޫމެއްް ކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

މެންބަރު ސައީދު މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ، ކޯވިޑް-19 އާ ގުޅިގެން ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޢާއިލާ ގާތަށް ނުދެވި އެތައް މަހެއް ވެފައިވާތީއާއި އެފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލައި ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ސައީދު ވިދާޅުވީ، ކޯވިޑް-19ގެ ހާލަތުގައި އަހަރެއް ވޭތުވެގެން ގޮސްފައިވާއިރު، ރާއްޖެއިން ފެނިގެން ދިޔައީ މަޖިލިސް ހުޅުވަން ކުރި މަސައްކަތަށް ވެސް ސަރުކާރުން ހުރަސްއެޅި ތަން ކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަމައެކަނި ވިދާޅުވެވުނު ބަސްފުޅަކީ، ''މި އަހަރުގެ ފަހުކޮޅު ބޫމެއް އަންނާނޭ'' ކަމަށް ކަމަށެވެ.

''އެއީ 2020ގެ ފަހުކޮޅު، އެ ބޫމަކަށް ވެގެން ދިޔައީ ވެންޓިލޭޓަރުގެ ބޫމް އެ ބޫމަކަށް ވެގެންދިޔައީ އިއްޒަތްތެރި ރައީސް، ކޮރަޕްޝަނާއި ވައްކަމުގެ ބޫމެއް. އާމްދަނީގެ ބޫމެއް އައިނަމަ ހަމަގައިމު ވެސް ޓޫރިސްޓް ރިސޯޓުތަކުގެ މައްސަލަ ފާހަގަކުރެވޭނެ.''- ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަލައިލަން ބޭނުންނުވާ ވަރަށް ގިނަ ކަންތައްތައް ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.

''ތެދުފުޅެއް އެ ވިދާޅުވީ، މައިމޫންއާ؟ އެއީ އެޗް.ޕީ.އޭގެ ޑައިރެކްޓަރ މައުމޫނާއް އަޅުގަނޑު ވާހަކަދެއްކިން މި މައުޟޫޢުގައި، ވިދާޅުވީ ތިމަންނައަށް މަޖުބޫރޭ ރިސޯޓުތައް ހުޅުވާފައި ބަހައްޓަން، ތެދުފުޅެއް! އަޅުގަނޑުމެން އެންމެންނަށް މަޖުބޫރު ރިސޯޓުތައް ހުޅުވާފައި ބަހައްޓަން. އެހެންނަމަވެސް، އަޅުގަނޑަށް ކަމުނުދިޔަ ޖުމުލައަކީ ޑައިރެކްޓަރ ޖެނަރަލްގެ ވާހަކަފުޅުގައި، ތިމަންނައަށް ސަރުކާރުން އަންގާފައި އެބަ އޮތޭ، ޓުއަރިސްޓުންނަށް ރަށްރަށަށް، މީހުން ދިރިއުޅޭ ރަށްރަށަށް ދިޔަޔަސް، ދިޔަޔަސް މުވައްޒަފުންނަށް ނުދެވޭނެ ކަމަށް. އަދި ގޮސް ޓޫރިސްޓުން އުޅޭ ގޮތަށް ނޫޅެވޭނެ ކަމަށް. ޓޫރިސްޓުން އުޅޭ ގޮތް އެ މާނަކުރީ، ޓޫރިސްޓުންނަށް މާސްކު ނުލާ އުޅެވިދާނޭ. އެހެންނަމަވެސް، މުވައްޒަފުންނަށް ރަށަށް ވެސް ނުދެވޭނޭ، ދެން އަޅުގަނޑު ދެންނެވިން އެ ޓޫރިސްޓް މީހާ ރަށަކަށް ގޮއްސަ، މިސާލަކަށް ތޮއްޑޫ އަޅުގަނޑު މިސާލަކަށް ވެސް ނެގީ ތޮއްޑޫއަށް މި ދަނީއޭ ބަނޑޮސްގައި ހުރި ޓޫރިސްޓެއް ގެސްޓްހައުސަކަށް، ދާއިރުގައި ހަމަ އެ ބަނޑޮސްގައި މަސައްކަތްކުރާ މުވައްޒަފަކު މި ދަނީއޭ އޭނައާ އެކުގައި ފެރީން ރަށަށް. ދެން އަޅުގަނޑު ދެންނެވިން އެކަން ކުރެވޭނެހޭ؟ ނޫން، ނުކުރެވޭނޭ. މިއީ ކޮންކަހަލަ ދެކޮޅުޖެހޭ ކަމެއްތޯ؟''- ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޓޫރިސްޓް މީހާ ދާއިރުގައި ކޯވިޑް-19 އަކަށް އެއީ ޓޫރިސްޓެއް ކަމެއް، މުވައްޒަފެއް ކަމެއް، ފަރެންސޭސިއެއް ކަމެއް، އިނގިރޭސިއެއް ކަމެއް، ދިވެއްސެއް ކަމެއް ނޭނގޭނެ ކަމަށެވެ.

''ދެން އެނގޭނަމަ މިއަދު މި ދިވެހިރާއްޖޭގައި އަދި ޤައުމުތަކުގައި ޔުނައިޓެޑް ނޭޝަންސް މެދުވެރިކޮށް މައްސަލަ ޙައްލު ވެސް ކުރެވޭނެ. އެހެންވީމާ، މި ދެކޮޅުނުޖެހޭ ކަންތައް ޙައްލުކޮށްދޭން ޑައިރެކްޓަރ ޖެނަރަލަށް އަޅުގަނޑު ދެންނެވިން. އިއްޒަތްތެރި ރައީސް، މި މައުޟޫޢުގައި އިއްޒަތްތެރި ރައީސް އިސްނަންގަވަން އަޅުގަނޑު ގޮވާލަން މިއަދު. މި މަޖިލީހުން އިސްނަގައިގެން ނޫނީ މިކަމެއް ޙައްލެއް ނުވާނެ. ސަރުކާރަކަށް މިއަދު މި ސިޔާސަތެއް ނޭނގޭ.ސަރުކާރަށް މި ސިޔާސަތު ނޭނގޭ ސަބަބުތައް ވަރަށް ގިނަ''- ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލިސްއިން ޚާއްޞަ ކޮމިޓީއެއް ހަދައިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކޮށް އެ މީހުން ބޭނުންވާ ކަންކަން ރަނގަޅަށް އަޑުއަހަން ޖެހޭ ކަމަށެވެ. އަދި އެ މުވައްޒަފުންގެ ސަލާނަތްތެރި ކަމަށްޓަކައި، އެ މުވައްޒަފުން ރަށު ބަންދުގައި ތިބޭތިބުމަށް ވީހާ އަވަހަކަށް ނިމުމަކަށް ގެނެސް، ޓޫރިޒަމްގެ ސިނާޢަތް ވީހާ އަވަހަކަށް މިނިވަންކުރުމަށް މަސައްކަތް ކުރުމަށް މަޖިލިސް ރައީސް އަރިހުން އެދި ވަޑައި ގަންނަވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.