"ގޭތެރޭގައި މިހެންތިބެތިބެ ފޫހިވެއްޖެ. ރައްޓެހިންނާއެކު ބޭރަށް ދެވޭކަށްވެސް ނެތް. މިހެން ތިބެންވީމާ ހާދަ ފޫއްސޭ. މިހެން އަބަދު ގޭގަ އޮންނަންވެއްޖެއްޔާ މަ ބޯގޮވާފާނެ."
މީއީ ޒުވާނުންގެ އެކަނި އުދާސްތަކެއް ނޫނެއެވެ. ފުރާވަރުގެ ކުދިންނާއި ކުޑަކުދިންނާއި ހަރުމީހުންގެވެސް އުދާސްތަކެވެ. ބަހުރުވަ ތާފާތަސް އެންމެންވެސް ކުރަނީ މިޝަކުވާ އެވެ.
ކޮވިޑް -19 ރާއްޖެއައިސް މާލެއާއި ބައެއް ރަށްތަށް "ބަންދު" ކުރީންސުރެން އެންމެންހެން ތިބެންމިޖެހެނީ ގޭގައި ބަންދުވެފައެވެ. އެއްބަޔަކު ތަންކޮޅެއް ހިތް ފަސޭހަ ގެއެއްގައި ބަންދުވެފަ ތިބިއިރު ގިނަ ބަޔަކު "ކޮތަރު ކޮށި" ތަކެއްގަ އެވެ. ނޭވާ ހާސްވާން ކައިރިވެފަ އެވެ. ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުންނާކަށް އަމުރެއްނެތެވެ. ނުކުމެއްޖެނަމަ އަތްމަތި ދަތި މިދުސްތަކުގައިވެސް ކުރަނީ ބޮޑު ޖޫރިމަނާ އެކެވެ. ބައެއް މީހުންނަށް އަނބުރާ ގޭތެރެއަށް ވަދެވެނީ ކޮވިޑް-19އާއެކުގަ އެވެ.
ބޭރަށް ނުގޮސް ބަސްއަހައިގެން ގޭގައި ތިބޭށޭ ކިތަންމެ ވަރަކަށް ކިޔަސް ހާސްވަންޏާ ނުކުމެވޭނެ އެވެ. ގޭތެރެ ކިތަންމެ ހިތްފަސޭހައަކަސް އަބަދު ތިބެންވީމާ ފޫހިވެގެން ނުކުމެވޭނެ އެވެ. ރައްޓެހިންނާއެކު ބުރުޖަހާށާއި އަނގަތަޅަން ކޮފީތަކަށްވެސް ދެވޭނެއެވެ.
ވީޑިއޯ ގޭމް ކުޅެން އިންނަތާވެސް މިހާރު އަރެއްވާން ކައިރިވަނީއެވެ. ފިލްމުތަކަށް ގެއްލިފައިތިބޭތާވެސް އެހާދުވަސް ވެއްޖެއެވެ. ދުވަލުދާ ހަތަރުދަމު އޮވެވެނީ ނިދާށެއެވެ. ފުރާވަރު ކުދިންނާއި ޒުވާނުންގެ މެދުގައި އާންމުވެފައިވާ ނޭދެވޭ މިއާދަތައް އިތުރަށް ގޯސްވެ ހާސްކަން އިތުރުވުން ނޫންކަމެއް ނުވެއެވެ. ފޫހިކަމާއެކު ގޭތެރޭގައި ބިއްޖެހިފައި ތިބި ކުދިންނަށް އައު ފޯރިއެއް ބޭނުންވެއެވެ.
ގެތޭރޭގައި ބަންދުވެފައި ތިބެންޖެހުމުން ވިސްނާ ވިސްނާ ހާސްކަންވަނީ އިތުރެވެ. ތޮއްޖެހިފައިވާ މާލޭގެ ގޭތަކުގައި ފޫހިކަމާއި ހާސްކަން ފިލުވާލަން މާބައިވަރު ކަންކަމެއް ކުރެވޭކަށް ނޯވެއެވެ. އެންމެން ތިބީ ހަމަ ރަނގަޅަށްވެސް ބޯގޮވަން ކައިރިވެފައެވެ. ބޭނުންވަނީ ހާސްކަން ފިލައިދާނޭ ކަމެކެވެ.
ކުޅިވަރަށް ލޯބިކުރާ ކުދިންނާއި ޒުވާނުން ތިބީ ކޮވިޑް19 އާހެދި ކުޅެން ދަނޑަށް ނުދެވިއެވެ. ފަރިތަކުރުންތަކަށް ނުދެވިއެވެ. ގޭތެރޭގައި ތިބެ ސްކްރީންތަކުން ރާއްޖޭން ބޭރުގެ މެޗްތަށް ބަލާލައިގެން ހިތްހަމަ ޖައްސާލެވެތޯ ބަލަނީއެވެ. ދިވެހި ކުޅިވަރު ލެޖެންޑުންގެ މެޗްތަށް ބަލައިލަން ކިތަންމެހާވެސް ބޭނުމެއެވެ. ދިވެހި ފުޓްބޯޅައިގެ ރަންޒަމާނުގައި ފެނުނު މެޗްތަށް ފަދަ މެޗްތަކެއް ބަލައިލާ ހިތުން ތިބީ ކެތްމަދުވެފައެވެ. ގޭތެރެއަށްވެސް އެދުވަސްވަރުގެ ފޯރިގެންނަން ބޭނުންވެފައެވެ. ހާސްކަން ފިލުވާލުމުގެ ބޭނުމުގައެވެ.
ގޭގައި ތިބެގެން އެންމެން އެއްކޮން ސްކްރީން އިން ބަލައިލަން ކަމުދާ ފޯރިގަދަ ކުޅިވަރުތަކެއް މިދުވަސްކޮޅު މުހިންމު ކަމަށް ދެކެމެއެވެ. މަލޭ ފުރަ ބަންދުކުރި ފުރަތަމަ ދުވަސްކޮޅު ޑިޖިޓަލް ސްކްރީންތަކުން ގޭތެރެއަށް ގެނެސްދިން ޓޮއިލެޓް ރޯލްގެ ކުޅިވަރު ފޯރިއަށްވުރެ ގަދަ ފޯރިއެއް ގެންނާނޭ ކުޅިވެރުތަކެއް ބޭނުންވެއެވެ. ގޭތެރޭގައި ބަންދުވެފަ ތިބި އެންމެންގެ ފޫހިކަމާއި ހާސްކަން ފިލުވާލަން ސްކްރީންތަށް މެދުވެރިކޮށް ދިވެހި ކުޅިވަރު ތަރިންގެ ފޯރިގަދަ ކުޅިވަރު މެޗްތަކެއް ވަގުތުން ގެނެސްދިނުން ކިހިނެތް ވާނެހެއްޔެވެ. މިއީ މިފަދަ ކުޅިވަރުގެ ޢީދެއް ގެނެސްދޭން ރަނގަޅު ދުވަސްތަކެއް ކަމުގައި ދެކެމެވެ.
ދިވެހިންނަކީ ފުޓްބޯޅައަށް ފޯރިހުރި ބަޔެކެވެ. ފުޓްބޯޅައިގެ ރަންޒަމާނުގައި މެޗްތަށް އޮންނަ ދުވަސްދުވަހު ކާރުބާރު މަޖީދީމަގުންވެސް ފެންނާނީ މަދު މީހެކެވެ. ދަނޑަށް ނުވަދެވުނު މީހުން މެޗްނިމެންދެން ތިބޭނީ ޓީވީއަށް ގެއްލިފައެވެ. ގޭތެރެއިން އިވޭނީ ފޯރިން ގުގުމާއަޑެވެ. މަޑުމަޑުންގޮސް އެފޯރިދަނީ އެއްކޮންހެން ނެތެމުންނެވެ. ނެތެމުންދާ ކުޅިވަރު ފޯރި އަލުން ދިރުވަން ވެއްޖެއެވެ. ވޮލީއާއި ބާސްކެޓަށް ހިތް ދީފައިވާ ފަރާތަށްވެސް ބޭނުންވަނީ ހަމަ އެފަދަ ފޯރިއެކެވެ. މަޤުބޫލްވަމުން އަންނަ މޫދުކުޅިވަރަށް ވެސް އެފަދަ ފޯރިއެއް ބޭނުންވެއެވެ.
އުންމީދަކީ ހާސްކަމާއި ފޫހިކަން ފިލުވާލަން ބޭރަށް ނުކުމެ މަގުތަކާއި އާންމު ތަންތާގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ގޭތެރޭގައި އިނދެ ފޯރިއާއެކު ކުޅިވަރު މެޗްތައް ބަލައިލުމެވެ. ތޮއްޖެހިފައިވާ ގެތަކުގައި ބަންދުވެ ތިބެ ހާސްކަމާއެކު، ކިޔަވުން ކުރިއަށް ގެންދަންޖެހޭ ދުވަސްތަކަށް ވީހާވެސް އަވަހަށް ނިމުމެއް އައުމެއެވެ. ގޭގައި މުސައްލަ ފަތުރާލާނޭ ޖާގަވެސް ނެތް ފަރާތްތަކަށް ދަތިވާނޭހެން މިސްކިތްތައް ބަންދުކުރަން މަޖުބޫރުވާ ހިސާބަށް ބަލިފެތުރިޔަނުދިނުމެއެވެ.
އައު އާންމު ހާލަތަކަށް ރުޖޫއުވާއިރު، މިފަދަ ހަރަކާތެއްގެ ސަބަބުން ހަރަކާތްތެރި ކުޅިވަރުތަކަށް ޝައުޤުވެރިކަން އިތުރުވެ ސްކްރީން ކުރިމަތީގައި ހޭދަކުރާ ވަގުތުތަށް މަދުވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ. ޔަޤީނުންވެސް ދުޅަހެޔޮކަން އިތުރުވެ ސިއްޙަތަށްވެސް ފައިދާތަކެއްކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!