ފަންނީ މީހުން ހޯދަން ދިމާވާ ދަތިތަކަށް ފުނަރު ޕްރޮގްރާމާއެކު ހައްލު ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ޒުވާނުން ތަމްރީން ކުރަން ފެނަކައިން ކުރިއަށްގެންދާ ފުނަރު ޕްރޮގްރާމާ ގުޅޭގޮތުން އެ ކުންފުނިން ބުނީ ކަރަންޓު ހިދުމަތްތައް ރަނގަޅު ފެންވަރެއްގައިފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މެކޭނިކަލް މަސައްކަތްކުރާ ފަންނީ ޤާބިލު މަސައްކަތްތެރިން ހޯދުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި ކަރަންޓުގެހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ކޮންމެހެން ކުރަން ޖެހޭ މެކޭނިކަލް މަސައްކަތްތައް ކުރަން ޖެހިފައި އޮންނަނީ އެކަމުގެ ފަންނީ އިލްމާއި ތަޖުރިބާ ހުރި މުވައްޒަފުންގެމަސައްކަތު ތާވަލަށް ބިނާކޮށް ކަމަށް ވާއިރު މީގެ ސަބަބުން މައްސަލަތައް ހައްލުކުރުމަށް ލަސްތަކާއި ކުރިމަތިވެ، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީހިދުމަތްތައް ހަލުވިކަމާއިއެކު ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

އެ ކުންފުނިން ބުނިގޮތުގައި ފުނަރު ޕްރޮގްރާމާއެކު ގިނަ އަދަދެއްގެ ފަންނީ މުވައްޒަފުން ތަމްރީންވެ، މި ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެއެވެ. މިއީ ކަރަންޓު ހިދުމަތްދިނުމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް، ފަންނީ ޤާބިލުކަން ހުރި މީހުން ބިނާކުރުމަށް ފެނަކައިން ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ފެނަކައިން ވަނީ މެކޭނިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނަށް ފުރުސަތު ހުޅުވާލައިފައެވެ. މި ޕްރޮގްރާމްކުރިއަށްދާނީ އެ ކުންފުނީގެ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

ފެނަކައިން ބުނި ގޮތުގައި ފުނަރު ޕްރޮގްރާމަކީ އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދުގެ ދުރުވިސްނުމާއި އިސްނެގުމާއެކު ފެށި ޕްރޮގްރާމެއް ކަމަށެވެ. މީގެސަބަބުން މުޖުތަމައުއަށް ފައިދާހުރި ހުނަރުވެވި ޤާބިލް ފަރާތްތަކެއް ތަމްރީނުވެގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"ފުނަރު ޕްރޮގުރާމް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް" އަކީ ތިއަރެޓިކަލް ބަޔާއި ޕްރެކްޓިކަލް ބައި ހިމެނިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދެވޭނެ ޕްރޮގުރާމެކެވެ. މި ކޯސް ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި 16 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސްބައިވެރިވޭނެއެވެ.