ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައިވަނިކޮށް، އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖާޖުތަކުން އެ އެއާޕޯޓު ޖީއެމްއާރުއަތުން އަތުލެވުމަކީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުން ކަހަލަ ކަމެއްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބުރައީސްކަން ވެސް ކުރަށްވާ ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ޑޮލަރު ބޭނުންވާ ޤައުމަކަށް ވާތީވެ، އެ ޑޮލަރުގެ ރިޒަރވް ރަނގަޅުކުރުމަށް ޓަކައި ނުވަތަ ޑޮލަރު ދިވެހި ޤައުމަށް ބޭނުންވާތީވެ، ސޮފްރިން ޑިވެލޮޕްމަންޓް ފަންޑެއް ހުޅުވައި، ވަރަށް ރަނގަޅު މެކޭނިޒަމުތައް ރައީސް ޔާމީންގެ ވެރިކަމުގައި ގާއިމުކޮށްފައިވާނެ ކަމަށެވެ.

''ދިވެހިރާއްޖެއަކީ ޑޮލަރު ބޭނުންވާ ޤައުމަކަށް ވާތީވެ، އެ ޑޮލަރުގެ ރިޒަރވް ރަނގަޅުކުރުމަށް ޓަކައި ނުވަތަ ޑޮލަރު ދިވެހި ޤައުމަށް ބޭނުންވާތީވެ، ފަންޑެއް ހުޅުއްވި، މިހާރު އެ ފަންޑުގައި އަޅުގަނޑަކަށް ނޭނގޭ މީގެ ކުރިން، މަސްކޮޅެއް ކުރިން ވިދާޅުވި، ގަވަރުނަރު ވިދާޅުވީ އޭގައި ހުރީ މިހާރު ދިވެހި ރުފިޔާއޭ. އަޅުގަނޑަކަށް ނޭނގޭ މިހާރު ބޮލި ނޫން ކަމެއް ވެސް ހުރީ، މި ދަންނަވަނީ ކޮންމެވެސް ކަހަލަ ތަސައްރަފު ފުދިފައި ތިބި ބަޔަކު މީގެތެރޭގައި އެބަޖެހޭ ދެއްތޯ ތިބެން. މިއީ ޤައުމުގެ މުސްތަޤުބަލުގެ ވާހަކަ އަޅުގަނޑުމެން މި
ދައްކަނީ އިއްޒަތްތެރި ރައީސް.'' ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ކުރިއަށް ގެންދެވި ބަހުސް މެދުކަނޑާލައި، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކު ނެންގެވި ނިޒާމީ ނުކުތާއެއްގައި މިހާރުގެ އިދިކޮޅު ފަރާތްތަކަކީ ރާއްޖޭގައި އޮތް ޖީއެމްއާރުގެ ވަރުގަދަ އިންވެސްޓްމަންޓް ބޭރުކުރި މީހުންކަމަށާއި، ޝިޔާމަކީ ''ދެ އަނގައިގެ ވެރިއެއް ކަމަށް'' ވިދާޅުވުމުން އެވާހަކައަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ ''ޖީ.އެމް.އާރު އަތުން ދިވެހި އެއަރޕޯޓް ސަލާމަތްވުމަކީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުން ކަހަލަ ކަމެއް'' ކަމަށެވެ.

''ދިވެހިރާއްޖެއަށް މިނިވަންކަންލިބުން ކަހަލަ ކަމެއް، ޖީ.އެމް.އާރުގެ ޑީލަކީ 70 މިލިއަން ޑޮލަރުގެ ބޭނުމުގައި ބަޔަކު ހަމަ ޤައުމު ވިއްކާލުން، ޤައުމުގެ މިނިވަންކަން ވިއްކާލުން ކަހަލަ ކަމެއް. ޤައުމުގެ މިނިވަންކަން ވިއްކާލުން ޖީ.އެމް.އާރާ ބަޔަކު ހަވާލުކުރުމަކީ، އެއީ 25 އަހަރަށް ވިޔަސް. 25 އަހަރަށް ވިޔަސް، އިއްޒަތްތެރި ރައީސް، އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ، ޖީ.އެމް.އާރް އަތުލި އަހަރުގެ ޖީ.އެމް.އާރު އަތުވި އަހަރު އެކަނި ވެސް ދިވެހި ދަޢުލަތަށް 80 މިލިއަން ޑޮލަރުގެ ފައިދާ އޮންނާނެ''- ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ އެވާހަކައަށް ނިޒާމީ ނުކުތާއެއް ނަންގަވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ ޝިޔާމް އެ ހައްދަވަނީ ކަނޑައެޅިގެން ދޮގު ކަމަށް ވިދާޅުވެފަ އެވެ.

''އިއްޒަތްތެރި ރައީސް، ކަނޑައެޅިގެން ދޮގެއް. އޭގެ ބަދަލުގައި ރާއްޖެއަށް ވީ ގެއްލުން، ދައުލަތަށް ވީ ގެއްލުން. އެއް ފަޅި ވާހަކައިގެ އެއްފަޅި ބާއްވާފައި އަނެއް ފަޅިން ވާހަކަ މި ދައްކަނީ. ބޮޑުތަނުން ރާއްޖެއަށް ގެއްލުންވީ. ރާއްޖެއަށް 60 މިލިއަން ޑޮލަރު އޭގެ ބަދަލު ދޭންޖެހުނީ، ހަމަ އެ ބޭފުޅުންގެ ސަބަބުން އެ ކަންތައް ދިމާވީ، އެ ވާހަކައެއް މި ދައްކަނީ، އެކަމަކު އޭގެ ގޯސް ފަޅި ނަގައިގެން.''- ނިޒާމީ ނުކުތާގައި މެންބަރު ރާޢީ ވިދާޅުވި އެވެ.

އެއަށްފަހު ޝިޔާމް ވާހަކަދެއްކެވުން ކުރިއަށް ގެންދަމުން ވިދާޅުވީ، އޭނާ އެދައްކަވާ ވާހަކައަކީ ރާއްޖެއަށް އިންވެސްޓުކުރާނެ މީހުންނަށް، އެ މީހުންގެ އިންވެސްޓްމަންޓް ރައްކާތެރިކަމާއެކު އޮންނާނެކަމުގެ ޔަގީންކަން ދޭންޖެހޭ ކަމުގެ ވާހަކަ ކަމަށެވެ.

ރާއްޖޭގެ މާލީ އިންޓެލިޖެންސްއާއި، މާލީ މުޝީރުކަން ބޭރުގެ އަވައްޓެރި އެހެން ޤައުމަކަށް (އިންޑިއާ) ދީފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެއަށް އެ ޤައުމުގެ އިންވެސްޓްމަންޓް ނޫން އެހެން އިންވެސްޓްމަންޓެއް އަޔަކަނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑުމެން ބޭނުމެއް ނުވޭ ކުޑަކޮށް ކުރުވެލާފައި ތިބޭކަށް. އަޅުގަނޑުމެން ބޭނުން އިޤުތިޞާދީ ގޮތުން ނިކަން ފުދިފައި ތިބޭ ބަޔަކަށް ވާން. ހަމައިސްކޮޅަށް ދިވެހި ރައްޔިތުން ތެދުވަން އަޅުގަނޑުމެން ބޭނުން. އަޅުގަނޑު ޔަގީނުން ވެސް ދެކެން ބޭނުން، މި ދިވެހި ޤައުމު އިޤުތިޞާދީ ގޮތުން ހަމައިސްކޮޅަށް ތެދުވާ ތަން ދެކެން ބޭނުން، އަޅުގަނޑުމެންގެ ބޮލުގައި އަތްއަޅާފައި އެއްވެސް ބަޔަކަށް ބޭއްވިގެންނުވާނެ. އަޅުގަނޑުމެންގެ ރިޒުޤު ބަންދުކުރަން އެއްވެސް ބަޔަކު މަސައްކަތްކުރުމުގެ ޖާގައެއް އަޅުގަނޑުމެން ނުދޭނަން އިއްޒަތްތެރި ރައީސް.''- ޝިޔާމް ވިދާޅުވިއެެވެ.

ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގެ މާލީ އިންޓެލިޖެންސް އެހެން ބައެއްގެ އަތްމައްޗަށް ދިނުމަކީ ރާއްޖެ އަޅުވެތިކުރުމަށް ދީފައި އޮންނަ ޓިކެޓެއްކަމަށް ތަކުރާރުކޮށް ފާހަގަ ކުރަން ބޭނުންވާ ކަމަށެވެ.