ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކާއި އަދި ކަމާގުޅޭ ޤާނޫނުތަކާއި ޚިލާފަށް އެއްވުންތައް ބާއްވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ބާއްވަމުންދާ އެއްވުންތަކަކީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފު އަދި ގާނޫނީ ގޮތުން ވެސް މަނާ ކަމެއް ކަމަށެވެ.
މިދުވަސްވަރަކީ ކޯވިޑް-19ގެ ކޭސްތައް ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ ދުވަސްވަރަކަށްވާތީ މާލޭ މަގުމަތީގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުމަކީ މަނާކަމެއްކަން ފާހަގަ ކުރަށްވައި، ޝަރީފް ވިދާޅުވީ އިދިކޮޅުން ހިންގަމުންދާ މަގުމަތީ ހަރަކާތްތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ އިސް ވެރިންނާއި ބައްދަލުކޮށް އެކަންކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އަންގާފައިވާނެކަމަށެވެ. އަދި އެފަރާތްތަކުން ހިންގާ ސިޔާސީ ކަންކަން ފުލުހުން ބަލަމުންދާކަން އިލެކްޝަންސް ކޮމިޝަނަށްވެސް ހިއްސާކުރަމުންގެންދާކަމަށް ވިދާޅުވިއެވެ.
"މި އެއްވުންތައް ބޭއްވެމުން މިދަނީ ހަމައެކަނި އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ނޫން، ގާނޫނީ ގޮތުން ވެސް މިވަގުތަށް މަނާ ކަމެއް ކަން ފާހަގަކުރަން. ގާނޫނު ނަންބަރު 20/2016 އަދި ގާނޫނު ނަންބަރު 1/2013، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް ގެނެވުނު އެއްވަނަ އިސްލާހުގެ 24ވަނަ މާއްދާގެ ޅ. އަށް ބަލާއިރުވެސް ފުލުހުން ދޭ ހުއްދައަކާއެކު މެނުވީ މާލެ ސަރަހައްދުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ މަނާކަމެއް."
ޝަރީފް ވިދާޅުވި އެވެ.
"މިކަންކަން މިގޮތަށް ނުކުރުމަށް ތަކުރާރުކޮށް އަންގާފައިވާއިރުވެސް އެގޮތަށް އަމަލުނުކުރާތީ ކުރިއަށް އޮތްތަނުގައި އެއްވުންތައް ބާއްވަމުންދާނަމަ އެއަމަލަކީ ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ ޤާނޫނު ހިންގުމަށް ހުރަސްއެޅުން ނުވަތަ ދަޢުލަތް ހިންގުމަށް ހުރަސްއެޅުންފަދަ ޢާމަލަކަށްވާތީ ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ"
އޭނާ އިތުރަށް ވިދާޅުވެފަ ވެއެވެ.
އެއްވުންތަކުގައި ބައިވެރިވުމަކީ މި ހާލަތުގައި މަނާކަމެއް ކަމާއި ސިއްހީ ގޮތުން މި ދުވަސްވަރު ރައްކާތެރިކަމެއް ނޫންކަން ފާހަގަކުރައްވައި، ޢާއިލާތަކާއި ދުވަސްވީ މީހުންނާއި ކުޑަކުދީންގެ ރައްކަލަށްޓަކައި ވެސް އެފަދަ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް އެކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އިދިކޮޅުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، ކޯވިޑްގެ ތިންވަނަ ރާޅާއެކު މާލޭ ސަރަޙައްދުގެ ފިޔަވަޅުތައް ވަނީ ބޮޑުތަނުން ވަރުގަދަ ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!