އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވަން ތާވަލު ކޮށްފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ.
މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 28ވަނަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށެވެ. މި ޖަލްސާގައި ހިއްސާދާރަށް ބައިވެރިނުވެވޭނަމަ ބަދަލުގައި ޕްރޮކްސީ ހުށަހެޅުމުގެ ފުރުސަތުވެސް ލިބޭނެއެވެ.
މި ޖަލްސާގައި މި އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރާނެއެވެ. އަދި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ގޮތުގައި ބެހުމަށް ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރާނެއެވެ. އެއީ ހިއްސާއަކަށ ް2.34 ރުފިޔާއެވެ.
މި ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނީ އިއްޔެގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ހިއްސާގެ ފައިދާ ބަހާނީވެސް މި ހިއްސާދާރުންގެ މެދުގައެވެ. .
ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރ ކުރުމަށް އެމް.އެސް.ޑީގެ އިންފިނިޓީ ޕޯޓަލް https://infinity.mv/ މެދުވެރިކޮށް ނުވަތަ investor.relations@ooredoo.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. ޕްރީ-ރެޖިސްޓެރޭޝަން ފޯމާއި ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!