ރެހެންދި އެވޯޑް 2021 އަށް ކުރިމަތިލުމުގެ މުއްދަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިތުރުކޮށްފި އެވެ.

ޖެންޑަރ މިނިސްޓްރީއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމަހުގެ ނިޔަލަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފައިވަނީ މިއަދުން ފެށިގެން 09 މާރިޗު ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

Ad
rt

ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި ގައުމީ ތަރައްގީއާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރ ފާހަގަކޮށް ދޭ އެވޯޑެކެވެ.

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ކުލަބް ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިކަމަށް އެމިނިސްޓްރީއިން ބުނެފައިވެ އެވެ.

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓު www.gender.gov.mv އިން ޑައުންލޯޑު ކުރެވޭނެކަމަށާއި އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިންނާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސަރވިސް ސެންޓަރތަކުންވެސް ލިބެން ހުންނާނެކަމަށް އެމިނިސްޓްރީއިން ބުނެފައި ވެއެވެ.

އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 9:00އިން މެންދުރުފަހު 2:00އަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ގ.ބިއްލޫރިޖެހިގެ، މަޖީދީމަގު)ގެ ކައުންޓަރުންނާއި މިނިސްޓްރީގެ އީމެއިލް gender@gender.gov.mv އިންނެވެ.

ރެހެންދި އެވޯޑްގެ ދާއިރާތައް

  • ހަމައެކަނި އަންހެނުންނަށް ކުރިމަތިލެވޭ ދާއިރާ
  • ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތައް
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް
  • ކުލަބު ޖަމިއްޔާ ޖަމާއަތްތައް
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންނުން

ޖެންޑާ މިނިސްޓްރީ އިން ބުނީ ރެހެންދި އެވޯޑު ދިނުމުގެ މަގުސަދަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަން ކުރުން ކަމަށެވެ.

މިއީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހާ ދިމާކޮށް އެ މިނިސްޓްރީން ދެމުންދާ އެވޯޑެކެވެ. އެވޯޑު ދެނީ 14 ދާއިރާއަކުންނެވެ.