ހުޅަނގުގެ ގިނަ ޤައުމުތަކާ ޚިލާފަށް ރާއްޖޭގެ އުމުރުން ދުވަސްވީ ގިނަ މައިންބަފައިން ދިރިއުޅެމުންދަނީ އެމީހުންގެ އާޢިލާއާއެކުއެވެ. އަދި އުމުރުން ދުވަސްނުވި ކަމުގައިވިޔަސް އާޢިލާގެ ހުރިހާދަރިން މީހުންނާ އިނުމުން ކޮންމެވެސް އެއްދަރިއެއްގެ ގެއަށް މައިންބަފައިންގެ ދިރިއުޅުން ބަދަލުކުރުމަކީ ދިވެހިންގެ ސަޤާފަތެކެއެވެ. މިއީ އިސްލާމީ ރިވެތި އުސޫލްތަކާއި އާދަކާދައިގެ މައްޗަށް ބިނާވެފައިވާ ދިވެހިންގެ އާޢިލީ ސަޤާފަތެކެވެ. ޒަމާންތަކާއެކު ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތަށް ބޮޑުބަދަލުތަކެއް އައިނަމަވެސް މިސަޤާފަތް އަދިވެސް އެގޮތުގައި ދެމިއެބައޮތެވެ.
މަލްޓި-ޖެނެރޭޝަނަލް ހޯމްއަކީ މިފަދަ އާޢިލީ އާދަކާދައެއް އޮންނަ ޤައުމަކަށް ވަރަށް އެކަށޭނެ ބޯހިޔާވަހިކަމުގެ ކޮންސެޕްޓެކެވެ. ދެޖީލެއް މިނިވަންކަމާއެކު އެއްފުރާޅެއްގެ ދަށުގައި ވަކިން އަމިއްލަ ދިރިއުޅުމެއް އުޅެވޭނެ ކޮންސެޕްޓެވެ.
މަލްޓި-ޖެނެރޭޝަނަލް ހޯމް ޑިޒައިން ކޮށްފައި ހުންނަނީ އާޢިލީގެއާ އިންވެގެން ގޯތިތެރެއިން ވަދެވޭގޮތަށް ވަކިން ހުންނަ އެއްކޮޓަރީގެ ފްލެޓަކާއެކުއެވެ. އެޕާޓްމަންޓެއްނަމަ އެޕާޓްމަންޓްގެ ތެރެއިން ވަދެވޭގޮތަށް ހުންނަ އެއްކޮޓަރީގެ އެޕާޓްމަންޓެއް ނުވަތަ ސްޓޫޑިއޯ ފްލެޓަކާއެކުއެވެ. މިދެބައިވެސް ޑިޒައިން ކޮށްފައި ހުންނަނީ ވަކި ބަދިގެއާ ސިޓިންގއޭރިއާ އެކުއެވެ. މިދަފަ އެޕާޓްމަންޓަށް އިން-ލޯ އުނިޓްއޭވެސް ކިޔާއުޅެއެވެ. އޮސްޓްރޭލިޔާގައި މިފަދަ އެޕާޓްމަންޓަށް ކިޔައިއުޅެނީ ގްރެނީ ފްލެޓެވެ. މިއީ މިހާރު ވަރަށް ގިނަ ޤައުމުތަކުގައި މަޤުބޫލުވަމުން އަންނަ ހައުސިންގ ކޮންސެޕްޓެކެވެ.
ހުޅަނގުގެ ޤައުމުތަކުގައި މިފަހަކަށް އައިސް މިކޮންސެޕްޓް މަޤުބޫލްވެފައިވަނީ 2006ން 2009އަށް ކުރިމަތިވި އިޤްތިސާދީ ހީނަރުކަމުގައި ގެދޮރުގެ އަގުބޮޑުވެ ގިނަ އާޢިލާތަކަށް ގެދޮރުގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް ދަތިތަކާ ކުރިމަތިލާންޖެހުމުންނެވެ. މިލޭނިއަލްސް ނުވަތަ މިޖީލުގެ ޒުވާނުނަށް އަމިއްލަ ގެދޮރު ހޯދުމަށް މާލީދަތިތަކާ ކުރިމަތިލާންޖެހުން އިތުރުވުމާއެކު ކުރިއަށްވުރެ ބޮޑަށް މިބާވަތުގެ ގޭގެ މަޤުބޫލްކަން ދަނީ އިތުރުވަމުންނެވެ. މައިންބަފައިންނަށް ލިބޭ އާމްދަނީއާއި ދަރިންގެ އާމްދަނީ އެއްކޮށްލައިގެން ދެބައިމީހުން ޚިއްސާވާގޮތަށް ގެ ގަތުމުން އަގު ހެޔޮވެއެވެ. އެއީ ބޮޑެތި ގެތަށް ޢިމާރަތްކުރުމަށްވުރެ މިފަދަގެ ޢިމާރާތްކުރުމަށްދާ ޚަރަދު ކުޑަވީމައެވެ.
އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުވެ ވަކިން އެކަނި ދިރިއުޅޭ ފަރާތްތަކުގެ އެކަނިވަރިކަން އިތުރުވުމަކީވެސް މަލްޓި- ޖެނެރޭޝަނަލް ހޯމްގެ މަޤުބޫލްކަން އިތުރުވަމުން އަންނަ ސަބަބެކެވެ. އަދި ނާސިންގ ހޯމް ނުވަތަ މުސްކުޅިން ބަލެހެއްޓުމުގެ ޚިތުމަތްދޭ ތަންތަނުގެ އިހުމާލުވުން ހިތުރުވެ ޚިތުމަތުގެ ފެންވަރު ދަށްވުމުމުގެ ސަބަބުންވެސް މިކޮންސެޕްޓްގެ މަޤުބޫލްކަން އިތުވެގެން އެބަދެއެވެ.
އޭޝިއާގެ ތަރައްޤީވެފައިވާ ޤައުމުތަކަށް ބަލާއިރު، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުވުމުގެ ސަބަބުން ސިންގަޕޫރުގައި މިބާވަތުގެ އެޕާޓްމަންޓްތަކުގެ މަޤުބޫލްކަން ދަނީ އިތުރުވަމުންނެވެ. ސިންގަޕޫގެ ސަރުކާރުންވަނީ އެޤައުމުގެ ސޯޝަލް ހައުސިންގ ސްކީމްގައި މަލްޓި-ޖެނެރޭޝަނަލް ހޯމް ހިމަނައި އާޢިލާތަކަށް އެފަދަ ފްލެޓް ގަނެވޭނެ މަގު ތަނަވަސްކޮށްދީފައެވެ. އެޤައުމުގެ ސަރުކާރުގެ މަޤްސަތަކީ އުމުރުން ދުވަސްވީ މީހުންގެ އެކަނިވެރި ދިރިއުޅުމަށް ނިމުމެއް ގެނެސް އާޢިލީ ދިރިއުޅުން ބަދަހިކުރުވައި ދުޅަހެޔޮ މަޖުތަމައެއް ބިނާކުރުމެވެ. ދިރާސާ ތަކުން ދައްކާގޮތުން މިފަދަ މާހައުލެއްގައި ދިރިއުޅޭ މީހުންގެ ނަފްސާނީ ސިއްޙަތު ރަނގަޅެއެވެ.
މާލޭގައި ދިރިއުޅޭ ވަރަށްގިނަ އާޢިލާތަށް ދިރިއުޅެމުން އަންނަނީ މައިންބަފައިންނާއެކުއެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މީގެ ސަބަބުން އެތަށް އާޢިލީ މައްސަލަތަކަކާ ކުރިމަތިލާންޖެހެއެވެ. މިފަދަ ގޮތަކަށް އާޢިލީ ދިރިއުޅުން ބައްޓަންވެފައި އޮތުމަކީ ވަރި ގިނަވާ މައިގަނޑު އެއް ސަބަބުކަމުގައި ގިނަ ބަޔަކު ޤަބޫލްކުރެއެވެ. ކުރިއާ ޚިލާފަށް މިހާރުގެ ރާއްޖޭގެ ޒުވާންޖީލާއި ޒުވާނުންގެ މައިންބަފައިންގެ ޖީލުގެ ޚިޔާލު ތަފަތުވުން ބޮޑުކަން އެންމެންހެން ޤަބޫލްކުރެއެވެ. މިއީ އާޢިލާގެ މެމްބަރުންގެ ހާސްކަމާއި ނަފްސާނީ މައްސަލަތައް އިތުރުވެގެންދާނެ ކަންކަމެއެވެ. އެހެންކަމުން ވަރަށް ގިނަ ދެމަފިރިން މައިންބަފައިންނާ ވަކިން މިނިވަން ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. އަދި ގިނަ މައިންބަފައިންވެސް މިނިވަން ދިރިއުޅުމެއް ދިރިއުޅެން ބޭނުންވެއެވެ. ޖެނެރޭޝަނަލް ގެޕް ބޮޑު މުޖުތަމައެއްގެ ދެ ޖީލެއް އެއް ގޭބީސީއެއްގައި ދިރިއުޅެމުންދާނަމަ ކުރިންބުނެވުނު މައްސަތަށް ގިނަވާނެއެވެ.
އާޢިލީ ޒިންމާއާއި، ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންވެފައިވާ ގޮތާއި އިޤްދިސާދީ ސަބަބުތަކާހުރެ މައިންބަފައިންނާ ވަކި ގެއެއްގައި ދެމަފިރިންނަށް ދިރިއުޅުން ކުރިއަށް ގެންދިއުމަށް އެތަށް ގޮންޖެހުންތަކެއް އެބަހުއްޓެއެވެ. އެހެންނަމަވެސް ގިނަ އާޢިލާތަށް ދިރިއުޅެމުން އަންނަ ގެ ނުވަތަ އެޕާޓްމަންޓް ތަކަކީ މިނިވަންކަމާއެކު ވަކި ދިރިއުޅުމެއް އެޅެވޭނޭ ފަދަގޮތަކަށް ފަރުމާކޮށްފައިވާ ތަންތަނެއް ނޫނެއެވެ.
މިހާރަކަށް އައިސް ރާއްޖޭގެ ގިނަ އާޢިލާތަކަކީ ދެމަފިރިންވެސް ވަޒީފާއަށްދާކުރާ އާޢިލާތަކެކެވެ. ބޭރުގެ ގިނަ ޤައުމުތަކާ ޚިލާފަށް ރާއްޖޭގައި ޑޭކެއަރ ސެންޓަރ ނުވަތަ ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކަކީ އާންމު ތަންތަނެއް ނޫނެވެ. ބައެއް ގޭގޭގައި ކުޑަކުދިން ބަލަހައްޓަން ޚާއްސަ މީހަކު ގެންގުޅުނުކަމުގައިވިޔަސް އެއީ ގިނަ ފަރާތްތަކުން އެންމެ ބޭނުންވާ ގޮތެއް ނޫނެއެވެ. އަދި ގިނަ ފަރާތްތަކަށް އެފަދަ ޚިދުމަތަކަށް އަތެއް ނުފޯރައެވެ. މީގެ އިތުރުން އެކުދިންނަށް އެންމެ ރައްކާތެރި ގޮތަކީ އިތުބާރު ހުރި އާޢިލާގެ މެމްބަރެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުމެއެވެ. އެހެންކަމުން ގިނަ މައިން ބަފައިން ވަޒީފާއަށް ދިއުމުން ކުޑަކުދިން ބެލެހެއްޓުމުގެ ޒިންމާ އާންމުގޮތެއްގައި އަދާކުރަނީ އެކުދިންގެ މާމައިންނާއި ކާފައިންނެވެ. މިއީ އެމެރިކާފަދަ ޤައުމުތަކުގައިވެސް މަލްޓި-ޖެނެރޭޝަނަލް ހޯމްގެ މަޤުބުލްކަން އިތުރުވަމުންދާ އިތުރު ސަބަބެކެއެވެ.
އިސްލާމީ މުޖުތަމަޢުތަކުގައި މައިންބަފައިން ބެލުމުގެ ޒިންމާއާ ހަވާލުވެފައި އޮންނަނީ ދަރިންނެވެ. އެހެންކަމުން ނާރސިންގ ހޯމްއަކީ ރާއްޖޭގެ އާޢިލީ ސަޤާފަތާ ބީރައްޓެހި ތަންތަނެވެ. މައިންބަފައިންނާ ވަކި ގެއެއްގައި ދިރިއުޅޭނަމަ އުމުރުން ދުވަސްވުމާއި ސިއްޙީ ހާލަތުގެ ސަބަބުން އަމިއްލައަށް ދިރިނޫޅެވޭ މައިންބަފައިން ބެލެހެއްޓުމަށް ހުރަސް އެޅެއެވެ. އެހެންނަމަވެސް ދިވެހިން ދިރިއުޅޭ ގިނަ ގޭގެ އިމާރާތް ކޮށްފައިވަނީ މައިންބަފައިންނާއެކު އާޢިލީ ދިރިއުޅުމަކަށް އެންމެ އެކަށޭނެ މާހައުލެއް ޤާއިމުވާގޮތަކަށް ނޫނެއެވެ.
މިފަހަކަށްއައިސް ރާއްޖޭގެ ރަށްރަށުގައި އެކަނި ދިރިއުޅެމުންދާ އުމުރުންދުވަސްވީ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންނެއެވެ. އެފަދަ ގިނަ ފަރާތްތަކުގެ އާޢިލާގެ އެހެން މެމްބަރުން ދިރިއުޅެމުންދަނީ މާލޭގައެވެ. ގިނަ ފަހަރަށް މިހެންދިމާވަނީ މާލޭގައި ދިރިއުޅޭ އެޕާޓްމަންޓްގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުންނެއެވެ. އުމުރުން ދިވަސްވީ މީހުންނަށް ވަކި ކޮޓަރިއެއް ހަމަޖަހޭގޮތަށް ހުންނަ ޖާގަ ތަނަވަސް އެޕާޓްމަންޓްތަކުގެ ކުލި ބޮޑުވީމައެވެ. ތޮއްޖެހިފައިވާ މާހައުލެއްގައި ދިރިއުޅުމުގެ ބަދަލުގައި މިނިވަން ދިރިއުޅުމެއް އިޚްތިޔާރުކުރާ އުމުރުން ދުވަސްވީ މީހުން ގިނަވީމައެވެ. އެކަނި ދިރިނޫޅެވޭ ޙާލަތަށް ދިއުމުން އެފަދަ ފަރާތްތަކުންވެސް އާޢިލާގެ ގާތަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވާނެއެވެ.
މަލްޓި-ޖެނެރޭޝަނަލް ހޯމްއަކީ ދެމަފިރިންނާއި ދަރިންނާއި މައިންބަފައިން އެއްއާޢިލާއެއްގެ ގޮތުގައި އެއްގެއެއްގައި އެހެންނަމަވެސް މިނިވަން ވަކި ދިރިއުޅުމެއް އުޅެވޭނެތަންތަނެއެވެ. މީގެ އިތުރުން އަލަތު ކައިވެނި ކުރާ ދަރިންނަށްވެސް މިނިވަންކަމާއެކު ދިރިއުޅެވިދާނެ ގޮތަކަށް ފަރުމާކޮށްފައިވާ ތަންތަނެއެވެ. އެފަދަ ތަންތަނަކީ އާޢިލާއާ ގުޅުމެއް ނެތް އެހެންފަރާތަކަށް އެއް ޔުނިޓް ކުއްޔަށް ދިނުމަށްވެސް އެކަށީގެންވާ ތަންތަނެއެވެ. އާޢިލީ ގުޅުމެއް ނެތް ފަރާތްތަކާ އެއް އެޕާޓްމަންޓެއް ހިއްސާ ކުރުމުގެ ސަބަބުން މިހާރު ދިމާވަމުންއަންނަ މައްސަލަތަކަށްވެސް ހައްލެއް އަންނާނެއެވެ. މިހާރުދިމާވަމުންދާ އާޢިލީ އަދި އެތަށް އިޖްތިމާއީ މައްސަލަތަކެއް ހައްލުކުރުމަށް އެހީއަކަށްވެގެންދާނެއެވެ.
މިސާލަކަށް އެއްކޮޓަރީގެ ފްލެޓަކާއެކު ފަރުމާކޮށްފައި ހުންނަ ޖުމްލަ ތިން ކޮޓަރީގެ މަލްޓި-ޖެނަރޭޝަނަލް އެޕާޓްމަންޓެއް ގަތުމުން މައިން ބަފައިންނަށް ވަކިން ހުންނަ ޔުނިޓްގައި މިނިވަންކަމާއެކު ދިރިއުޅެވޭނެއެވެ. މައިން ބަފައިން ދުނިޔޭގައި ނެތް ހާލަތެއްގައި ތިމާގެ ދަރިއަކު އަލަތު ކައިވެނިކޮށް ވަކި އެޕާޓްމަންޓަކަށް ބަދަލުވާން ބޭނުންވެއްޖެނަމަ އެކަންވެސް ފަސޭހަކަމާއެކު ހަމަޖެއްސޭނެއެވެ. އަދި ދަރިން އަމިއްލަ ދިރިއުޅުމެއް ފަށާއި އެހެން އެޕާޓްމަންޓްތަކަށް ބަދަލުވާ ހިސާބުން ތިމާގެ ދެމަފިރިން އެއްކޮޓަރީގެ ޔުނިޓަށް ބަދަލުވެ ކުރިން ދިރިއުޅެމުން އައި ޔުނިޓް ކުއްޔަށްވެސް ދެވިދާނެއެވެ. ނުވަތަ ދަރީގެ ބޮޑުވަމުން އަންނަ އާޢިލާ ދެކޮޓަރިއަށް ބަދަލުވެ މައިންބަފައިން އެއްކޮޓަރިއަށްވެސް ބަދަލުވެވިދާނެއެވެ. އެކުގައި ދިރިއުޅެމުން އަންނަ އާއިލާގެ މެމްބަރުންގެ ޢަދަދަށް ބަދަލު އަންނަ ކޮންމެ ފަހަރު އެހެން އެޕާޓްމަންޓެއް ނުހޯދައި ފަރުޖެހޭނެއެވެ. ޒުވާން އުމުރުގައި ދިރިއުޅުނު އަވެއްޓެރިންނާއެކު އުމުރުން ދުވަސްވުމުންވެސް ދިރިއުޅެވޭނެއެވެ.
ރާއްޖޭގެ މިހާރުގެ ޒުވާން އާބާދީގެ އުމުރުން ދުވަސްވުމުން މިހާރު ތަރައްޤީވެފައިވާ ޤައުމުތަކުން ފެންނަމުން އަންނަ ފަދަ މައްސަލަތައް ރާއްޖެއިންވެސް ފެނުން އެކަށީގެންވެއެވެ. އުމުރުން ދުވަސްވެފައިވާ އާބާދީ ބޮޑުވެ އެކަނި ދިރިއުޅެމުންދާ ފަރާތްތައް މިހާރަށްވުރެ އިތުރުވަމުންދާނެއެވެ. މަލްޓި-ޖެނެރޭޝަނަލް ހޯމްއަކީ ރާއްޖޭގެ މުސްތަޤްބަލަށްވެސް ވަރަށް އެކަށޭނެ ކޮސެޕްޓެކެއެވެ.
ސަރުކާރުން މިހާރު އިޢުލާންކޮށްފައިވާ ކޯ ހައުސިންގ ކޮންސެޕްޓްގެ ބަދަލުގައި އާޢިލާތަކަށް އަމާޒުކޮށް އަތް ފޯރާއަގެގައި މާލެއާއި ރަށްރަށަށް މަލްޓި-ޖެނެރޭޝަނަލް ހޯމް ތަކެއް އައާރަފް ކުރުމަކީ އާޢިލީ ދިރިއުޅުން ބަދަހިވެ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވެގެން ދާނެ ކޮންސެޕްޓެކެވެ. ދިވެހި ސަޤާފަތާގުޅޭ ކޮންސެޕްޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!