ލިޔެކިޔުންތައް ނެތި ނުގައިވާއިދުން އުޅޭ ބިދޭސީންނަށްވެސް ތަފާތު ކުރުމެއްނެތި ވެކްސިން ދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ އިމަޖެންސީ ހާލަތްތަކުގައި ހަމަހަމަކަމާއެކު ކަންކަން ކުރިއަށްގެންދިއުމަކީ ކޮރަޕްޝަން ކޮންޓްރޯލް ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

Ad
rt

އެހެންކަމުން ކޯވިޑް ވެކްސިން ކެމްޕޭން މިހާރު ކުރިއަށްދާއިރު ހުރިހާ ކަމެއް ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންދަން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޓްރާންސްޕޭރެންސީން ބުނެފައިވާގޮތުގައި ކޯވިޑް-19ގެ ތެރޭގައިވެސް އެކި ފަންތީގެ މީހުންގެ މެދުގައި އޮތް ތަފާތު ކުރުންތައް ވަނީ ފެނިފައެވެ. މީގެ ތެރޭގައި ސިއްހީ ހިދުމަތްތަކާއި ބޯހިޔާވަހިކަން އަދި ވަޒީފާގެ މާހައުލުގައި ހުރި ތަފާތު ކުރުންތައް ފެނިގެން ގޮސްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ މި ސަބަބުތަކާހުރެ ވެކްސިން ދިނުމުގައި އެއްވެސް ބަޔަކު ތަފާތު ކޮށްގެން ނުވާނެ ކަމަށެވެ.

އެގޮތުން، ފްރޮންޓްލައިން މުވައްޒަފުންނާއިއިސްރަށްވެހިންނާއި ހައި ރިސްކު މީހުންނަށް ވެކްސިން ދޭއިރު އެ ބައިތަކަށް ނިސްބަތްވާ އެންމެނަށް ހަމަހަމަ ކަމާއެކު ވެކްސިން ދޭން ޖެހޭނެ ކަމަށްޓްރާންސްޕޭރެންސީން ބުންޏެވެ. މީގެ ތެރޭގައި ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންނަށްވެސް ތަފާތު ކުރުމެއްނެތި ވެކްސިން ދޭން ޖެހޭނެ ކަމަށަ އެ ޖަމިއްޔާއިންބުންޏެވެ.