ކޮވިޑް-19ގެ ވެކްސިން ދިނުމަށް މިދިޔަ ހަފުތާގައި ފެށި "ދިފާއު" ކެމްޕޭނަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސިއްހީ ސާމާނު ހަދިޔާ ކޮށްފިއެވެ.

އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މި ސާމާނުގެ ސަބަބުން މުޅި ރާއްޖެއަށް ވެކްސިން ދިނުމުގެ ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީ ލިބިގެންދާނެކަމަށެވެ. ނަމަވެސް ހަދިޔާ ކުރި ތަކެތީގެ ތަފްސީލެއް އެ ކުންފުނިން ދީފައި ނުވެއެވެ.

Ad
rt

ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ދޭން ފެށީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. އެގޮތުން، އެންމެ ފުރަތަމަ ދޭން ފެށީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ކޮވިޝީލްޑުގެ100،000 ޑޯޒެވެ. މި ޑޯޒުން 50،000 މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ކެމްޕޭނުގެ ދަށުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ދޭނެ ކަމަށް ސަރުކާރުން ވަނީ ވައުދުވެފައެވެ. އަދި މިކަމަށް ބޭނުންވާ ވެކްސިން ހޯދުމުގެމަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ވެކްސިން ކެމްޕޭނުގެ ދަށުން އިއްޔެގެ ނިޔަލަށް 6854 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން 5588 މީހަކަށާއި އަތޮޅު ތެރެއިން 1266 މީހަކަށެވެ.

އެސްޓީއޯއިން ވަނީ ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.