ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސީ ވާދަވެރިން ކުރަމުންދާ ހަމައެކަނި ކަމަކީ ޝައްކާ ވަހުމު އުފެއްދުން ކަމަށް އެ ޕާޓީން ބުނެފިއެވެ.
ރަށްވެހިފަތިސް ކެންޕޭނުން މިއަދު ހެނދުނު 11 ޖެހިއިރު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކެމްޕޭންގެ ސްޕޯސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވިދާޅުވީ އެމްޑީޕީ ގެނެސްދޭ އުންމީދު، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނުންވެސް ގެނެސްދީފައި ވާކަމަށެވެ.
އެގޮތުން ރިޔާސީ ބަޔާން ގެނެސްދޭ އުންމީދަކީ ޒަރޫރީ ޚިދުމަތްތަކަށް ސަލާންޖަހާން ނުޖެހޭނެކަމުގެ އުންމީދު، ވެކްސިންޖަހާ ކޯވިޑުން އަރައިގަނެ، ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމުގެ އުންމީދު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ބަޔާނުން ގެނެސްދޭ އުންމީދުތަކުގެ ގޮތުގައި ދަތިޙާލުގައި އަޅާލާ، އޯގާތެރިކަން ސަރުކާރުގެ ފުށުން ފެންނާނެކަމުގެ އުންމީދު، ވަޒީފާއާއި، މަތީ ތަޢުލީމާއި، ވިޔަފާރީގެ ފުރުސަތުތަކުގެ އުންމީދު އަދި އަތޮޅުގައި ހުރެ ކެންސަރަށް ބޭސްކުރެވޭނެ ނުވަތަ ސީޓީ ސްކޭނެއް ހަދަން މާލެ އަންނަން މަޖުބޫރު ނުވާކަމުގެ އުންމީދު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އެމް.ޑީ.ޕީގެ ސިޔާސީ ވާދަވެރިން ދައްކާނެ އުންމީދެއް، ތަސައްވަރެއް، ބޮޑު މަންޒަރެއް، ދަތުރުކުރާނެ ވަކިމިވެނި މިސްރާބެއް، ސިޔާސަތެއް، އުސޫލެއް ނެތްކަމަށާއި، މެނިފެސްޓޯއެއް، އަދި މެނިފެސްޓޯއެއް އެމައްޗަށް ބިނާކުރާނެ، ސިޔާސީ ފަލްސަފާއެއް، އަގުތަކެއްވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ވާދަވެރިން ކުރަމުންދާ ހަމައެކަނި ކަމަކީ ޝައްކާ ވަހުމު އުފެއްދުންކަމަށާއި، ކޯވިޑް19 ގެ ރައްކާތެރި ކަމުގެ މިންގަނޑުތަކަށް ފާޅުގައި ގޮންޖެހުމާއި، ވެކްސިނާ ދެކޮޅަށް އެފަރާތްތަކުން އުފުލަމުންދާ އަޑުން ނާއުންމީދުކަން މާބޮޑަށް ފެނި، ހާމަވާކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ލާމަރުކަޒީ ނިޒާމު ނުދަންނަކަމަށް ބުނެ، ކުޅުދުއްފުށި ސިޓީ ހުޅަނގު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައި ހުންނެވި އިދިކޮޅު ކެންޑިޑޭޓް ނަންއަނބުރާ ގެންދެވީވެސް މިސަބަބުތަކަށްޓަކައިކަން ސައިފް ފާހަގަކުރެއްވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް އެމް.ޑީ.ޕީ ވަމުންދާ ތައްޔާރީތަކާއި ގުޅިގެން އޭނާ ވިދާޅުވީ ޕާޓީގެ ލީޑަރޝިޕުން ވަކިވަކި ދާއިރާތަކާއެކު އޮންލައިން ބައްދަލުވުންތައް ފެށިގެން ކުރިއަށް ދާކަމަށާއި، ކޯވިޑްގެ މި ދަތީގައިވެސް ރައްޔިތުންނާ ހަމައަށް ރަށްވެހިފަތިސް ކެންޕޭންގެ މެސެޖުތައް ރައްދުކޮށްދިނުމަށް، އަލުން ވާންޖެހޭ ތަރުތީބުތަކުގެ މައްޗަށް ފުޅާކޮށް މަޝްވަރާކުރެވި، އެ ޕާޓީގެ ކެންޕޭން ނެޓްވަރކް އިންތިޒާމުވެވެމުންދާކަމަށެވެ. އަދި ރަށްވެހިފަތިސް ކެންޕޭން މުޅި ރާއްޖޭގައި އަލުން ފަށާ، އިފްތިތާޙްކުރުމުގެ ހަރަކާތާބެހޭ މަޢުލޫމާތު ދާދި އަވަހަށް ހާމަކުރައްވާނެކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!