ގދ. ތިނަދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހަދާ ރީޖަނަލް ޕޯޓުގެ 30 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
އެ ކުންފުނިން މިއަދު ބުނިގޮތުގައި މި މަޝްރޫއުގެ ދަށސުން ކުރަން ޖެހޭ ސާވޭ އާއި ލެވެލް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި މި މަޝްރޫއުގެ ދަށުން ގާއިމް ކުރަން ޖެހޭ ފެން ހިންދާ ނިޒާމުގެ މަސައްކަތުގެ 50 އިންސައްތަ ވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފަނަރަ މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތަކީ ރާއްޖޭގެ ދެކުނުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމުން މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ބޯޓުތައް ތިނަދުއަށް ބަނދަރު ކުރުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.
މި މަޝްރޫއުގެ ދަށުން ތިނަދޫގެ4500 ކިއުބިކް މީތަރުގެ ސަރަހައްދުގެ ނެރު ފުން ކުރުމާއި3000 އަކަފޫޓުގެ ރީ އިންފޯސް ކޮންކްރީޓް އެޅުމާއި ފެން ހިންދާ ނިޒާމެއް ގާއިމް ކުރުމާއި ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއު މިއަހަރު ތެރޭގައި ނިންމާލެވޭނެ ކަަމަށް މީގެ ކުރިން އެމްޓީސީސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!