އެޕަލް ބްރޭންޑުގެ ގަޑި ބޭނުންކޮށްގެން މާސްކު އަޅައިގެން ހުރެވެސް އައިފޯނުތައް އަންލޮކް ކުރެވޭނެގޮތް ހަދަން ނިންމައިފިއެވެ.

އެ ކުންފުނިން މިހާރު އަންނަނީ އައިއޯއެސްގެ އާ އަޕްޑޭޓް މިހާރު ޓެސްޓު ކުރަމުންނެވެ. މި ޓެސްޓުތައް ނިންމުމަށްފަހު ވަރަށް އަވަހަށް ސޮފްޓްވެއާ އަޕްޑޭޓު ކުރާނެ ކަމަށް އެޕްލައިން ވަނީ ބުނެފައެވެ.

Ad
rt

މިސޮފްޓްވެއާއާއެކު އެޕަލް ގަޑި ސިންކު ކޮށްފައި ހުންނަ ފޯނު މޫނާ ކައިރި ކޮށްލުމުން ޕާސްވޯޑު ޖެހުމަކާ ނުލާ ހުޅުވޭނެއެވެ. މިގޮތަށް ފޯނު ހުޅުވަން ގަޑިއާ ފޯނު އޮންނަން ޖެހޭނީ ކައިރީގައެވެ. އަދި ފޯނު ހުޅުވުމުން އެކަން އަންގަން ގަޑި ވައިބްރޭޓު ވާނެއެވެ.

އެޕަލް އިން ބުނީ މި އަޕްޑޭޓު ބޭނުން ކުރެވޭނީ ފޯނު ހުޅުވަން އެކަނި ކަމަށެވެ. ފޯނުގެ އެޕްލިކޭޝަންތަކުން ފައިސާގެ މުއާމަލާތް ކުރާނަމަ މާސްކު އަޅައިގެން ހުންނަ ނަމަ ޕާސްވޯޑު ޖަހަން ޖެހޭނެއެވެ. މިއީ އެ ކުންފުނީގެ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގެނައި ބަދަލެއްކަމަށް އެ ކުންފުނިން ބުންޏެވެ.

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި މިއީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާސްކު އެޅުމަށް ބާރުއެޅުމުގެ ގޮތުން ގެންނަ ބަދަލެއް ކަމަށެވެ. ނަމަވެސް އަނެއް ބައި މީހުން ދެކޭ ގޮތުގައި މިއީ އެ ކުންފުނީގެ ގަޑި ވިއްކުމަށް އެ ކުންފުނިން ގެންގުޅޭ އުކުޅެކެވެ.