ކޯވިޑް-19 ގެ ސަބަބުން ހީނަރުކަން ކުރިމަތިވެފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމުގައި ބައިވެރިވެ، ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކޮށްދިނުމުގެ ގޮތުން އުރީދޫ އިން ކުރިއަށް ގެންދާ "ވިޒިޓް މޯލްޑިވްސް ނައު" ބައިނަލްއަގުވާމީ ކެމްޕޭންގެ ދަށުން ކުވައިތުގެ 2.5 މިލިއަނަށްވުރެ ގިނަ އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރަން ޚާއްޞަ ހަރަކާތެއް ފަށައިފި އެވެ.
އުރީދޫއިން ފަށާފައިވާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭން، އެ ކުންފުނި އޮޕަރޭޓުކުރާ 10 ގައުމެއްގެ 117 މިލިއަން މީހުންނާ ހަމަ އަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާއިރު، އުރީދޫ ކުވައިތުން ފެށި މި ހަރަކާތުގެ ދަށުން ރާއްޖޭގައި ދެ މީހަކަށް އޯލް-އިންކްލޫސިވް ސްޓޭއެއް ހޯދުމުގެ ފުރުސަތު އެގައުމުގެ އުރީދޫ ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފަ އެވެ.
އުރީދޫ ކުވައިތުން ތައާރަފުކުރި އެގައުމުގެ ފުރަތަމަ ޑިޖިޓަލް މޮބައިލް ޕްލޭން "އޭއެންއޭ"ގައި ބައިވެރިވުމުން، އެ ހަރަކާތުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޕްރޮމޯޓުކުރަން އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ވިޒިޓް މޯލްޑިވްސް ނައު ކެމްޕޭންގެ ދަށުން ދޭ އޮފާ އެކެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު، އުރީދޫއިން ފަށާފައިވާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގެ ތެރެއިން އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯކުގެ ކަސްޓަމަރުންނަށް، އުރީދޫގެ މީޑިއާ ޕާޓްނަރުންގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ނަލަކަމާއި، ޗާލުކަން ދައްކުވައިދީ ރާއްޖެ ދަނީ އިސްތިހާރު ކޮށްދެމުންނެވެ. އަދި ރާއްޖޭގެ ހިތްގައިމު ރީތި މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައްވެސް އުރީދޫގެ އެތައް ހާސް ކަސްޓަމަރުންނަށް ފެންނާނެހެން ދަނީ ހިއްސާކުރަމުންނެވެ.
4.137 މީހުންގެ އާބާދީއެއް އޮންނަ ކުވެއިތުގައި، އުރީދޫ ކުވައިތުން ފެށި މިހަރަކާތުގެ ސަބަބުން، އެ ގައުމުގައި އުޅޭ އެ ކުންފުނީގެ 2.5 އަށްވުރެ ގިނަ ކަސްޓަމުން މެދުވެރިކޮށް، ރާއްޖެ އިޝްތިހާރުވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!