ފިކުރުބޮޑުވުމަކީ ޢާންމުކޮށް ދިމާވާ ކޮންމެ ޙާލަތެއް ނުވަތަ ކަމެއްގައި އަހަރެމެން އެކަމަށް ރެސްޕޯންޑްކުރުމުގައި އެންމެ ފުރަތަމަ ކުރެވޭ އެއް ކަންތަކެވެ.

ބައެއްކަހަލަ ފިކުރު ކުރެވުމަކީ މާ ބޮޑު މައްސަލައެއް ނޫން އަދި މިފަދަ ފިކުރުބޮޑުވުންތަކާއި ހެދި ހާސްކަމާއި މާޔޫސްކަން މީހާއަށް އިޙްސާސް ނުކުރެވުންވެސް އެކަށީގެންވެ އެވެ. ނަމަވެސް މާބޮޑަށް ފިކުރުބޮޑުވުމަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރުކުރާކަމެކެވެ. މިފަދަ ދަނޑިވަޅުގައި ތިމާގެ ފިކުރުތަކަށް ޙާއްޞަ އަހަންމިއްޔަތުކަމެއް ދިނުމަކީ ވަރަށް މުހިންމުކަމެކެވެ.

Ad
rt

ފިކުރުބޮޑުވުން ކުޑަކުރާނެ ގޮތްތައް
ދިރިއުޅުމަށް ގެންނަން ބޭނުންވާ ބޮޑެތި ބަދަލުތަށް ގެނައުން ލަސްކުރެވިދާނެ އެވެ. ކޮންމެ ވަގުތެއްގައިމެ ދިރިއުޅުމަށް ބޮޑެތި ބަދަލު ގެންނަން މަސައްކަތްކުރުމަކީ ފިކުރުބޮޑުވުން އިތުރުވެދާނެ ކަމެކެވެ. ޚާއްޞަކޮށް މިފަދަ ދަނޑިވަޅުތަކުގައި ފިކުރުބޮޑުވުން އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ. ހާސްވެ ފިކުރުބޮޑުވާކަމުގެ އިޙްސާސް ކުރެވޭނަމަ އެންމެ ރަނގަޅުގޮތަކީ މި ދަނޑިވަޅުގައި ކުރަން ނިންމާފައިވާ ބޮޑެތި ކަންތައް މަޑުޖައްސާލެވެން އޮތްނަމަ މަޑުޖައްސާލުމެވެ.

ކޯވިޑް-19 ގެ ސަބަބުން ކުރަންބޭނުންވާ ބޮޑެތި ކަންތައްތައް ފަސްކޮށްލަން ނުވަތަ މަޑުޖައްސާލަން ޖެހިފައިވާނަމަ އެއީ ކުޑަ ދުވަސްކޮއްޅެއްގެ ކަމެއްކަން ހަނދާނުގައި ބެހެއްޓުން ބުއްދިވެރިވާނެ އެވެ. އެހެނީ ޙާލަތު ބަދަލުވެ ޢާންމު ދިރިއުޅުމަށް ރުޖޫޢަވާނެކަން ކަށަވަރުވާތީ އެވެ.

ޒާތީ މައްސަލަތައް ޙައްލުކުރުން
ތިމާގެ ދިރިއުޅުމުގައި ދިމާވާ ޒާތީ މައްސަލަތަކަކީ ޢާންމުކޮށް ހާސްވުމާއި ފިކުރުބޮޑުވުން އިތުރުކޮށްދޭ ކަމެކެވެ. އަދި ގޭގައި މިހާރު ހުންނަން ޖެހުމަކީ ޖެހިފައިވާ މައްސަލަތައް އިތުރަށް ގޯސްވާން ދިމާވެދާނެ ކަމެއްކަމަށްވުން އެކަށީގެންވެ އެވެ. ދިމާވެފައިވާ މައްސަލަތަކާއިމެދު ވާހަކަ ދައްކައި އެކަމަށް ޙައްލެއް ހޯދަން މަސައްކަތް ކުރުމަކީ ގޭގައި ހުންނައިރު ކުރެވިދާނެކަމެކެވެ.

މިގޮތުން ދިމާވެފައިވާ ކަންތައްތަކާއިމެދު ތެދުވެރިކަމާއިއެކު ވާހަކަދެއްކުން އެއީ ކަންކަން ޙައްލުކުރުމަށް ފަސޭހަވެގެންދާނެ ކަމެއްކަން ޔަޤީނެވެ. ގޭގައި ހުރެގެންވެސް ކައުންސިލަރެއް ނުވަތަ ސައިކޮލޮޖިސްޓެއްގެ އެހީ އޮންލައިންކޮށްވެސް ހޯދިދާނެ އެވެ. ގެވެށިއަނިޔާ ނުވަތަ އެފަދަ އެއްވެސް ކަހަލަ މައްސަލަތަކާއި ކުރިމަތިވާނަމަ ސިއްރުނުކޮށް ޖެންޑަރ މިނިސްޓްރީގެ ހެލްޕް ލައިންނަށް ގުޅާ އެހީ ހޯދުން މުހިންމެވެ.

ހިތްހަމަޖެހުން ގެނުވައިދޭ ކަންތައްތައް ކުރުން
ފިކުރުބޮޑުވުންތަކާއި ދުރަށް ގޮސް ސިކުނޑިއަށް ހިތްހަމަޖެހުން ލިއްބައިދޭ ކޮންމެވެސް ކަހަލަ ޙަރަކާތެއް ހިންގުންވެސް އެއީ ކުރެވޭނެ ވަރަށް މުހިންމު ކަމެކެވެ. ހިތްހަމަޖަސާލުމެއް ހޯދުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ކިޔެވުން، ފޮތެއް ކިޔާލުން، ގަސްއިންދުން، ޢާއިލާއާއި ރަޙުމަތްތެރިންނާ އޮންލައިންކޮށް ވާހަކަ ދައްކާލުން، ރަޙުމަތްތެރިންނާއި ޢާއިލާގެ މީހުންނަށް ހަދިޔާ ފޮނުވުން ނުވަތަ ކޮންމެސް ކަހަލަ ލިޔުމެއް ލިޔެލުންފަދަ ކަމެއް ކުރެވިދާނެ އެވެ.

ހިތްހަމަޖެހުން ލިބޭ ފަދަ އާ ކަމެއް ފެށުން ވެސް އެއީ މިފަދަ ދަނޑިވަޅެއްގައި ތިމާގެ ފިކުރު ކުޑަކުރުމަށް ކުރެވިދާނެ މުހިންމުކަމެކެވެ.

ކުރާ މަސައްކަތުގެ ބުރަ ހިފެހެއްޓުން
އަހަރެމެންގެ ދިރިއުޅުމުގައި މަސައްކަތްކުރާ މާޙައުލު އިސްދައުރެއް އަދާކުރިކަމުގައިވީ ނަމަވެސް ކުރާ މަސައްކަތާއި ދިރިއުޅުމުގެ އެހެންކަންތައްތަކާއި ހަމަހަމަ ކުރުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ.

ޙާއްޞަކޮށް ކޯވިޑް-19 ގެ ސަބަބުން ގޭގައި މަސައްކަތް ކުރުމަށް ވަގުތު ހޯދަމުން ދަރިންނަށް ގޭގައި ކިޔަވައިދޭން މަސައްކަތްކުރާ އިރު މިކަމާ ވިސްނާލުން މުހިންމެވެ. މަސައްކަތްތަކުގެ ސަބަބުން ފިކުރުބޮޑުވުން އިތުރުވާނަމަ އޮފީސް މަސައްކަތްކުރަން ހޭދަކުރާ ވަގުތު ކުޑަކޮށް، އެހެންކަންކަމަށް ވަގުތުދޭ މިންވަރުވެސް މަދުކޮށްލުން ބުއްދިވެރި އެވެ. އަދި ކަންކަމުގައި ނޫނެކޭ ބުނަން ދަސްކުރަންވާނެ އެވެ.

ޤަވާއިދުން ކަސްރަތުކުރުން
ސިކުނޑިއަށް ހަމަޖެހުން ހޯދައިދިނުމަށާއި، ޓެންޝަންތަކުން ދުރުވުމަށް ކަސްރަތު އެހީތެރިވެދޭނެ އެވެ. ގޯތިތެރޭގައި ހިނގާލާ، ނުވަތަ ގައިދުރުކަން ބަހައްޓައި ހިގާލަންދިއުން ނުވަތަ ދުވެލަން ދިޔުން ފަދަ ކަސްރަތެއްކުރުމަށް މަސައްކަތްކުރުން މުހިންމެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ޞިއްޙަތަށް ފައިދާހުރި ކަސްރަތު ކިޔައިދޭ ރަނގަޅު އޮންލައިން ކަސްރަތު ކްލާހެއްގައި ބައިވެރިވުން ވެސް އެއީ ކުރެވިދާނެ ކަމެކެވެ.

އެހީ ހޯދުން
ޢާއިލާގެ މީހަކާއި ނުވަތަ ރަޙުމަތްތެރިއަކާ ވާހަކަ ދައްކާލުން ނުވަތަ ނުތަނަވަސްކަން ލުއިކުރުމަށް ކަމާބެހޭ މާހިރެއްގެ އެހީ ހޯދިދާނެ އެވެ. ފިކުރުބޮޑުވާ ޙާލަތުގައި ބިރުނުގަނެ މީހެއްގެ އެހީތެރިކަން ހޯދަންވާނެ އެވެ.

ހިތްހަމަޖެހިލަން ހަނދާންބެހެއްޓުން.
ޢާންމުކޮށް ކޮންމެ ދުވަހުގެ ކުރާ ކަންތައްތަކުގެ ތެރޭގައި ގައިގެ މަސްތަކަށް ލުއިދޭ ކަހަލަ ކަސްރަތެއް ކުރުމުން އަމިއްލަ ހިތްހަމަޖެހުމަށް އެހީތެރިވެދޭނެ އެވެ. ތިމާގެ ހަށިގަނޑަށް ހިތްހަމަޖެހުން ލިއްބައިދޭ ކޮންމެވެސް ކަމެއް ކޮންމެ ދުވަހަކު ކޮށްލުން ރަނގަޅެވެ.

މަޢުލޫމާތު ރަނގަޅަށް ލިބުން
މާލީ ދަތިތަކާއި ވަޒީފާ ނެތުން ނުވަތަ ގެއްލުން ވަޒީފާ ގެއްލުން ނުވަތަ މާލީގޮތުން ދަތިތަކާއި ކުރިމަތިވުމަކީ ޢާންމުކޮށް ފިކުރުބޮޑުވުންތައް އިތުރުވާ ދެކަމެކެވެ. އަދި ކޯވިޑް-19 ގެ ސަބަބުން ވަރަށް ގިނަ މީހުންދަނީ މިކަން ތަޙައްމަލް ކުރަމުނެވެ. މިފަދަ ޙާލަތެއްގައި ތިމާ ވާނަމަ މިކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންތަކުގެ އޮޕްޝަންތައް ހޯދުން ރަނގަޅެވެ.

އަމިއްލަ މީހާ އަދި ޢާއިލާގެ މީހުންގެ ޞިއްޙަތާއިމެދު ފިކުރުބޮޑުވެ، މިފަދަ ދަނޑިވަޅުގައި ތިމާގެ ޞިއްޙަތާއި އެހެންމީހުންގެ ޞިއްޙަތާއިމެދު ވިސްނުމަކީ އެންމެންވެސް ކުރާނެ ކަމެއްކަން ޔަޤީނެވެ. ވުމާއިއެކު މިފަދަ ދަނޑިވަޅުގައި ތިމާއަށް މަޢުލޫމާތު ލިބެނީ ސައްޙަ ތަނަކުންތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއްކެވެ. މިގޮތަށް ޢަމަލުކުރުމުން ތިމާގެ ފިކުރުބޮޑުވުންތައް ކުޑަކޮށް ބެހެއްޓުމުގައި އެހީތެރިވެދޭނެ އެވެ.