ފިކުރުކުރުމުގައި ކަންބޮޑުވާންވީ ކިހާވަރަކަށް ފިކުރު ބޮޑުވީމާތޯ އެއީ ކޮންމެ މީހަކުވެސް ވިސްނާލަން ރަނގަޅު ކަމެކެވެ. ކޮންމެވެސް ވަރަކަށް ފިކުރު ކުރުމަކީ ޞިއްޙަތަށް ފައިދާ ހުރި ކަމަކަށް ވާއިރު މިކަން ކަންބޮޑުވާންޖެހޭ ވަރަށް ބަދަލުވެ ނުރައްކާތެރި ދަރަޖައަކަށް ދަނީ ކިހާ ވަރަކަށް ފިކުރުބޮޑުވީމާތޯ އެނގުން މުހިންމެވެ.
ތިމާ ފިކުރު ކުރުމުގައި ކަންބޮޑުވާ ދަރަޖައަށް ދަނީ ކިހާ ވަރަކަށް ފިކުރުކުރެވުނީމަތޯ ދެނެގަތުމަށްޓަކައި މިކަމާ ބެހޭ އިތުރު މަޢުލޫމާތު އެނގުން މުހިންމެވެ.
ސްޓްރެސް އަކީ ކޮބާ؟
އެންމެ އާދައިގެ ބަހުން ބުނާ ނަމަ ސްޓްރެސް ނުވަތަ ކަމަކާ ފިކުރުބޮޑުވުމަކީ އުނދަގޫ ޙާލަތެއް ކުރިމަތިވާ އިރަށް ހަށިގަނޑު އެކަމަކާ ކުރިމަތިލުމަށް ތައްޔާރުކޮށްދިނުމުގެ ގޮތުން ހަށިގަނޑަށް ދިމާވާ އާދައިގެ ރެސްޕޮންސެކެވެ. ގިނަ މީހުންނަކީ މިފަދަ ޙާލަތްތަކާ ކުރިމަތިލުމަށް ފުދޭ ވަރަކަށް ތައްޔާރުވެފައި ތިބޭ ބައެކެވެ. ނަމަވެސް އެކި ސަބަބު ތަކާ ހުރެ މިގޮތަށް ކަންކަން ވުމުގައި ބައެއް މީހުންނަށް ދަތިތަކާ ކުރިމަތިވެ އެވެ. ޢާންމުކޮށް ސްޓްރެސް ވާ ބައެއް ކަންކަން ތިރީގައި ޙިއްޞާކޮށްލާނަމެވެ.
- އާ ކަމެއް ތަޖުރިބާ ކުރާއިރު ނުވަތަ ހީނުކުރާ ކަމަކާ ކުރިމަތިލާން ޖެހޭ ފަދަ ޙާލަތެއްގައި.
- އަމިއްލަ ނަފްސާ ދޭތެރޭ ޝައްކުވާ ފަދަ ތަޖުރިބާއަކާ ކުރިމަތިލާން ޖެހޭ ފަދަ ޙާލަތެއްގައި.
- އަމިއްލަޔަށް އެއްވެސް ކަމެއް ކޮންޓްރޯލް ނުކުރެވޭނެޔޭ ހިތައް އަރާ ފަދަ ޙާލަތެއްގައި.
ކޯވިޑް-19 ގެ ބަލިމަޑުކަމުގައި އަހަރެމެން ތެރެއިން ގިނަ މީހުންނަށް މިފަދަ ކަންކަމާ ކުރިމަތިވެފައި ވެޔޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ކުރު މުއްދަތަކު ސްޓްރެސްގެ ޙާލަތު ކުރިމަތި ވާނަމަ ގިނަ މީހުންނަށް އެކަން މާ ބޮޑު ކަމަކަށް ނުވެ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓުމެއް ނެތި ސްޓްރެސްގެ ޙާލަތު ކުރިމަތި ވާނަމަ އެމީހެއްގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ އެވެ.
އެންޒައިޓީ އަކީ ކޮބާ؟
އެންޒައިޓީ ނުވަތަ ހާސްކަމަކީ ދޭތެރެ ދޭތެރެއިން ކޮންމެ މީހަކާ ވެސް ކުރިމަތި ވާ ކަމެކެވެ. އެންޒައިޓީ އަކީ ސްޓްރެސް ނުވަތަ ފިކުރުބޮޑުވުމުގެ އިޙްސާސަށްވުރެ ބޮޑު އެއްޗެކެވެ. ހާސްކަމާއި ކަންބޮޑުވުމުގެ އިޙްސާސަކީ ތިމާ ވަރަށް ބޮޑަށް ކަމެއްގައި ޖެހި ނުވަތަ ތާށިވުމުން ދިމާވާ ކަމެކެވެ.
މިސާލަކަށް ދުނިޔޭގައި ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވާ ހާސްކަމުގެ އިޙްސާސެއް ނަމަ މި ފިޔަވަޅުތަކަށް ލުއި ދޭން ފެށުމުން މިފަދަ ހާސްކަން ފިލައިދާނެ އެވެ،
ނަމަވެސް ބައެއް އެހެން މީހުންނަށް ހާސްކަން ކުރިމަތިވާ ސަބަބު ތަފާތުވުން އެކަށީގެންވެ އެވެ. މިސާލަކަށް ކޯވިޑް ގެ ސަބަބުން ލިބެމުންދާ މާލީ ގެއްލުންތައް މީގެ ތެރޭގައި ހިމެނޭނެ އެވެ.
އަދި މީގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ސަބަބުން ރައްކާތެރިކަން އިޙްސާސްވި ނަމަވެސް މި ފިޔަވަޅިތަކަށް ލުއި ދިނުމުން ހާސްކަމާ އިތުރަށް ކުރިމަތިލާން ޖެހޭ މީހުން ވެސް މަދެއް ނޫނެވެ.
އެކި މީހުންނަށް ހާސްކަން ދިމާވަނީ އެކި ގޮތްގޮތައް އަދި ހާސްކަން އުފެދެނީ އެކި ސަބަބުތަކާ ހެދި އެވެ. ނަމަވެސް މިކަމުގައި އެނގުން މުހިންމު ކަމަކީ ތިމާއަށް ކުރިމަތިވާ ހާސްކަން ދެމިހުންނަނީ ކިހާ ވަގުތަކުތޯ އަދި މިކަމުގެ ސަބަބުން ޢާންމު ދިރިއުޅުމަށް އަންނަނީ ކިހާވަރެއްގެ ބަދަލެއްތޯ އެވެ. މިކަންކަން ދެނެގަތުމަށްފަހު އެހީތެރިކަން ބޭނުންވާހެން ހީވާ ނަމަ ކަމާބެހޭ މާހިރުންގެ އެހީތެރިކަން ހޯދުން މުހިންމެވެ.
ޑިޕްރެޝަންއަކީ ކޮބާ؟
ދޭތެރެ ދޭތެރެއިން ދެރަވުމާއި، އެއްވެސް ކަމަކާނުލާ އުނދަގޫ އިޙްސާސެއް ކުރެވުމާއި، ރުޅިގަދަވުމާއި، ހިތް ނުތަނަވަސްވުމަކީ ޢަންމުކޮށް ދިމާވެދާނެ ކަމެކެވެ. ނަމަވެސް މިފަދަ އިޙްސާސްތައް މަސް ދުވަހަށްވުރެ ދިގުލާ ކަމަށް ވަންޏާ ނުވަތަ މިފަދަ އިޙްސާސްތަކުގެ ސަބަބުން އާދައިގެ މަތިން ކުރާ ކަންކަމަށް ބުރޫ އަރާ ކަމަށް ވާނަމަ ކަމާ ބެހޭ މާހިރެއްގެ އެހީތެރިކަން ހޯދުން މުހިންމެވެ.
ޑިޕްރެޝަން ނުވަތަ މާޔޫސްކަމަކީ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާ ސީރިއަސް ކޮންޑިޝަނެކެވެ. ވީ އެންމެ އަވަހަކަށް އެހީ ހޯދުމަކީ މިކަމުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެވެ.
އަމިއްލަޔަށް ދަތުރުކުރެވޭ މިސްރާބު ދެނެގަނޭ
ސްޓްރެސް، އެންޒައިޓީ އަދި ޑިޕްރެޝަން އާ ގުޅޭ މަޢުލޫމާތު އެނގުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމުގެ ޙާލަތު އަމިއްލަޔަށް ދެނެގަތުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ. ނަމަވެސް ހަނދާނުގައި ބެހެއްޓުން މުހިންމު ކަމަކީ މިއީ ތިމާ އަމިއްލަޔަށް ޑައިގްނޯސް ކުރުމެއް ނޫންކަމާއި، މިކަން ކުރެވޭނީ ކަމާގުޅޭ ޞިއްޙީ މާހިރުންނަށް އެކަނިކަމެވެ. އަދި މިދުވަސްކޮޅު ތިމާގެ ނަފްސާނީ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގައި ކޯވިޑް-19 އަށް ރިޢާޔަތްކުރުން މުހިންމެވެ. ނަމަވެސް މިފަދަ އިޙްސާސްތަކުގެ ސަބަބުން ޢާންމު ދިރިއުޅުމުގެ ކަންކަމާއި ކުރިމަތިލުމުގައި ދަތިތަކާ ކުރިމަތިވާނަމަ ޞިއްޙީ ކަމާބެހޭ މާހިރުންގެ ލަފާ ހޯދުން މުހިންމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!