ކޮމްޕޯސްޓް ނުވަތަ ކާދަކީ ގަހުގެ ޠަބީޢަތާ އެންމެ ރައްޓެހި އެންމެ ފައިދާ ހުރި ގުދުރަތީ ކާނާއެވެ. ކޮމްޕޯސްޓަކީ ދަނޑުވެރިކަމުގެ ބަހުރުވައިގައި ހަމަ ރަނެވެ.
ސަބަބަކީ ގަހެއް ހެދުމަށް ބޭނުންވާ ހުރިހާ ބައިތަކެއް ކޮމްޕޯސްޓްގެ ޒަރީޢާއިން، ލިބެން ޖެހޭ މިނުގައި ގަހަށް ލިއްބައިދީ، ފަސްގަނޑުގެ މުއްސަނދިކަމާއި ސިފަތައް ގަހަށް ބޭނުންވާ ގޮތަށް ލިއްބައިދެމުން ދާތީއެވެ.
މިޒަމާނުގައި ކޮމްޕޯސްޓް ފޯމިއުލާތައް އުފައްދަނީ ކޮމްޕޯސްޓް ކުރުމަށް ބޭނުންކުރާ ޚާއްޞަ ފަނި ބޭނުންކޮށްގެން މޭވާ، ތަރުކާރީ އަދި ބަދިގޭގައި އުފެދޭ ފަނާވެދާ ޒާތުގެ އެކި ބާވަތްތަކުގެ ތަކެތީގެ އިތުރުން މަސްކަށި ފަދަތަކެތި ފަނާކޮށްގެނެވެ. މިތަކެތީގައި އެކުލެވޭ ގުދުރަތީ މިނެރަލްސް ގަހުގެ މޫތަކުން ކާނާގެ ގޮތުގައި ނެގޭ މިންވަރަށް ފަނާކުރުމަށްފަހު، ޕީއެޗް ބެލެންސް ކުރުމަށާއި އެހެނިހެން ފައިދާތައް ގަހަށް ލިއްބައި ދިނުމަށް އިތުރު ޤުދުރަތީ މާއްދާތައް ކޮމްޕޯސްޓް ހަދާއިރު އެއްކުރެވެއެވެ. ވިއްކަން ތައްޔާރުކޮށްފައި ހުންނަ ކޮމްޕޯސްޓަކީ ނަތީޖާ ބެލުމަށް ލެބޯޓްރީގައި ޓެސްޓްކުރެވިފައިވާ ޚާއްޞަ ކާނާއެކެވެ.

ަކޮމްޕޯސްޓަކީ ގޯތިތެރޭގައި އަމިއްލައަށްވެސް ތައްޔާރުކުރެވިދާނެ އެއްޗެކެވެ. މިގޮތުން، ސިދާ އިރުގެ އަވި ނުލިބޭ ތަނެއް އިޚްތިޔާރުކުރުމަށްފަހު، ބޭނުންވާ ބޮޑުމިނެއްގައި އެއްފަރާތު ފާރާއި މަތި ނުހުންނަ ކިއުބެއް ގޮތަށް ހުންނަ ތަންކޮޅެއް ސިމެންތިން ރޭނިދާނެއެވެ. 3 ފޫޓަށް ވުރެ އުސް ނުކުރާށެވެ. ގޯތިތެރޭގައި ކޮމްޕޯސްޓް ހަދާނަމަ ކޮންމެވެސް ވަރަކަށް ފަސް ބޭނުންވާނެއެވެ. ތަން ތައްޔާރުކޮށް ނިމުމުމުން ތައްޔާރުކުރި ތަނާ އިންވެގެން ފަސްފުންޏެއް ޖަހާށެވެ.

ދެން ބަދިގެއިން އުކައިލަން ހުންނަ ތަކެތި (މޭވަޔާއި ތަރުކާރީގެ ބައިތައް، ފަތް، ބަތް، ރޮށި ފަދަ ފަނާވެގެންދާ ތަކެތި) އަޅަމުން ދާށެވެ. ރޯކޮށް އަދި ކައްކާފައި ހުންނަ މަސް ފަދަ ކުނިވެ ނުބައި ވަސް ދުވާ ތަކެތި ނާޅާށެވެ. ކޮމްޕޯސްޓް ހަދާ ތަކެތި އެޅުމަށް ފަހު، ތަނުގެ ދިގުމިނަށް ފަތުރައިލައި އެތަކެތީގެ މަތި ކިރިޔާ ފޮރުވޭ ވަރަށް ތުނިކޮށް ފަސް އަޅާށެވެ. ދެން ކުޑަކޮށް ފެންޖަހާލާށެވެ. އެއަށްފަހު ސަތަރި ފަދަ އެއްޗެއް އަޅައި ނިވާކޮށްލާށެވެ.

އަނެއް ދުވަހު، ކުރީދުވަހު އެޅި ފަހުގެ މައްޗަށް އަނެއްކާވެސް ކޮމްޕޯސްޓް ހަދާ އެއްޗެހި އެޅުމަށް ފަހު ހަމަ މިގޮތަށް ކަންކުރާށެވެ. އަދި 5 ދުވަހު މިގޮތަށް ހަދާށެވެ. ޖެހިޖެހިގެން 5 ދުވަހު ނޫނަސް އެންމެ ރަނގަޅެވެ.

6 ވަނަ ދުވަހު އެއްޗެހި އެޅުމުގެ ކުރިން އޫފަކީރާއެއް ފަދަ އެއްޗަކުން އެހާތަނަށް އެޅިފައި ހުރި ތަކެތި އެއްކޮށްލާށެވެ. އަދި މަތި އެއްވަރުކޮށްލައި ފެންޖަހައިލުމަށްފަހު ފަހުގެ ފަށަލައެއް އަޅާށެވެ. މިގޮތަށް 1 މަސް ދުވަހު މި ބުރު ތަކުރާރު ކުރާށެވެ.
ތަކެތި އަޅާތާ 1 މަސް ވުމުން އިތުރު 1 މަސް ދުވަހު ކޮމްޕޯސްޓް ހަދާ ތަކެތި ނާޅައި މަޑުކުރާށެެވެ. މި މުއްދަތުގައި ހަފުތާއަކު 1 ދުވަހު އޫފަކީރާއިން ހުރިހާ އެއްޗެހި އެއްކޮށްލައި ފެންޖަހާލައި ސަތަރި އަޅާފައި ބަހައްޓާނީ އެވެ. އެ މަސް ނިމޭއިރު ހުންނާނީ ބޭނުންކުރެވޭ ވަރަށް ކޮޕްޕޯސްޓް ހެދިފައެވެ.

ކޮމްޕޯސްޓް ބޭނުންކޮށްގެން އަލަށް ގަހެއް އިންދާނަމަ، ކަޅުފަހާއެކު ތިންބައި ކުޅަ އެއްބައިގެ ނިސްބަތުން ކޮމްޕޯސްޓް އެއްކުރާނީ އެވެ. އެއަށްފަހު އެ މިކްސްގައި ގަސް އިންދާނީއެވެ. ކާނާ ލިބިލިބި ހުންނަ މުއްދަތު ގަހުގެ ބޮޑުމިނާއި ގޮވާން އަޅާ ނިސްބަތުން ތަފާތު ވިނަމަވެސް 3 މަސްދުވަހު ހިފައްޓާނެއެވެ. އެންމެ އެދެވޭ ނަތީޖާ ހޯދުމަށް ގަހަށް ފެންދޭން ޖެހޭ މިންވަރަށް ފެންދެމުން ގެންދަންވާނެއެވެ. ކޮމްޕޯސްޓް އެޅިފަހުގައި ހައްދާ ގަހުގެ ޞިއްޙަތު ރަނގަޅުކޮށްދީ އުމުރު ދިގުކޮށްދޭނެއެވެ. އަދި ބޭސް ބޭނުންކުރަން ޖެހޭ މިންވަރު ދަށްކޮށްދޭނެއެވެ.
މިހާރު ހައްދަމުންގެންދާ ގަހަށްވެސް ކޮންމެ 3 މަހަކުން ކޮމްޕޯސްޓް އަޅަމުން ގެންދެވިދާނެ އެވެ. އެގޮތުން ގަހުގެ ބުޑުން 3 ނުވަތަ 4 އިންޗި ފަސް ފުރަތަމަ ނަގާށެވެ. އެއަށްފަހު އެނެގި ފަހާއެކު ހަމަ ތިން ބައިކުޅަ އެއްބައިގެ ނިސްބަތުން ކޮމްޕޯސްޓް އެއްކޮށްލާށެވެ. ދެން އެ މިކްސް ގަހުގެ ބުޑަށް އަޅާލައި ފެން ޖަހާލާނީ އެވެ.

ކޮމްޕޯސްޓް ބޭނުންކުރާނަމަ ކާނާގެ ގޮތުގައި އިތުރު އެއްޗެއް ބޭނުންކުރާކަށް ނުޖެހޭނެއެވެ. އަދި ވަރަށް މަދުން ނޫނީ ގަހަށް ބަލިޖެހި ކެމިކަލް ބޭހެއްވެސް ބޭނުންކުރާކަށް ނުޖެހޭނެއެވެ. ކޮމްޕޯސްޓް ހެދުމަކީ ގޯތި ތެރޭގައި ގަސް ހައްދާ މީހުންނާއި ދަނޑުވެރިންވެސް ކުރަން ރަނގަޅު ކަމެކެވެ. އޭރުން ފަސްގަނޑުގެ ޤުދުރަތީ ބާރު ގަދަކޮށްދީ ކާނާ ގަތުމަށް ކުރަންޖެހޭ ޚަރަދުކުޑަކޮށްދޭނެއެވެ. އަދި ދެމެހެއްޓެނިވި ގޮތަކީވެސް މިއީއެވެ.
ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!