މި މަޢުލޫމާތަކީ 'ރަށްފުށުގެ ތަނަވަސްކަމަށް ފަތްކެޔޮ ހައްދާނޭ ގޮތް' މި މަޢުޟޫގައި ފަތްކެޔޮ ހެއްދުމާ ބެހޭގޮތުން ޑރ.ހަސަން ޙަމީދު، 2019 ވަނަ އަހަރު ލިޔުއްވާފައިވާ ލިޔުމަކުން ޢިބާރާތަށް އެއްވެސް ބަދަލެއް ނުގެނެސް ނަކަލުކޮށްފައިވާ ލިޔުމެކެވެ. ހިމަނާފައި އެވަނީ އެ ދިގު މަޒުމޫނު އޮތްގޮތަށް އެއްކޮނެއް ނޫނެވެ. އެންމެ މުނާސަބު ބައިތައް ކަމުގައި އަޅުގަނޑުމެނަށް ފެންނަ ބައިތަކެވެ.
ފަތްކޭލުގެ ބާވަތްތައް
ރާއްޖޭގައި ހެދޭ ތަފާތު ވައްތަރުތަކުގެ ތެރޭގައި ބޮންތިރަތްކޭލާއި މާޅޮސްކޭލާއި ފުސްކޭލާއި ބޮޑުކޭލާއި ކަދިލިކޭލާއި އޮށިކޭލާއި އާނަމާލަކޭލާއި ސަންޕާކޭލާއި ސަންޕާގޮށްކޭލާއި ފުސްމާޅޮސްކެޔޮ ހިމެނެއެވެ.

ފަތްކެޔޮ ހެއްދުމަށް ވިސްނާ މީހުން ޚިޔާރުކުރަން ވާނީ އެންމެ ގިނައިން ބޮޑު އަގުގައި ވިއްކޭ، ފަސޭހައިން ހެއްދޭ ކޭލެކެވެ. ދުނިޔޭގައި އެންމެ ގިނައިން ވިޔަފާރީގެ ގޮތުގައި ބޭނުންކުރަނީ ކެވެންޑިޝް ކޭލެވެ. މިއީ އެފްރިކާއިން ޢާއްމުވި ކޭލެކެވެ. ރާއްޖޭގައި މިބާވަތުގެ ކެޔޮ ހެއްދޭތޯ ބަލާފައިވާ ކަމެއް ނޭނގެއެވެ.
ފަތްކޭލުގެ ޅަ ގަސް ހޯދުމާއި ހެއްދުން
ރާއްޖޭގެ ގިނަ ދަނޑުވެރިން ފަތްކެޔޮ ހައްދަނީ ގަހުގެ ބުޑުން ފަޅާ ކުރިންނެވެ. ނުވަތަ ނިރުންނެވެ.

ތަޖުރިބާ ގެ ފަރާތުން އެނގެނީ ދެ ބާވަތެއްގެ ނިރު ހުންނަ ކަމެވެ. ގަސް ހެދުމާއި އަޅާ ކެޔޮގަނޑުގެ ސައިޒު، މި ދެބާވަތުގައި ވަރަށް ތަފާތުވާނެއެވެ. އެއް ބާވަތުގެ ނިރަށް ކިޔަނީ ފެންނިރެވެ. މި ބާވަތުގެ ނިރުގައި ފަތްތައް ހުންނާނީ ފޮޅިފައެވެ. އަނެއް ބާވަތަށް ކިޔަނީ ކަނޑިނިރެވެ. މިބާވަތުގެ ނިރުގެ ފަތްތައް ހުންނާނީ ނުފޮޅި ސީދަލަށެވެ. ކަނޑިއެއް ހެނެވެ. ކުރިހުންނާނީ ދޯރިއެއްހެން ބުޑު ވަށްކޮށް ފަލަކޮށް ކުރީކޮޅު ހިމަކޮށް ވަށަމިން އެއްވަރަށެވެ. ފެން ނިރު އުފެދެނީގަހުގެ އަރިމަތިންނެވެ. ކަނޑިނިރު އުފެދެނީ އެއަށް ވުރެ ފުނުންނެވެ. ބަލައިލާ ބެލުމަށް، ފެން ނިރުތައް ރަނގަޅަށް ހެދޭނެހެން ހީވިއަސް، މިއީ ކުށް ހީއެކެވެ. ދެ ބާވަތުގެ ނިރު ނަގާ ބެލުމުން ފާހަގަކުރެވޭނެ ކަމަކީ، ފެންނިރުގައި ރަނގަޅަށް މޫތައް ފަޅާފައި ނުވާކަމެވެ. ކަނޑި ނިރު ހެދޭލެއް އަވަސްވެފައި، އަޅާ ކެޔޮގަނޑު ބޮޑުވާނެއެވެ.

ނިރު ނަގަންވާނީ ބައްޔެއް ނުޖެހި ދޮޅަހިކޮށް ހެދޭ ގަހަކުންނެވެ. ނިރު އެންމެ ލުއިވެގެން އެއް ކިލޯ އަށް ވުރެ ބަރުވާން ޖެހޭނެއެވެ. ހެޔޮވަރުގެ ވަރަކަށް ނިރެއް ހެދޭނީ ތިން މަސް ނުވަތަ ހަތަރު މަހުންނެވެ.
ނިރުނެގުމަށް ފަހު، މަންމަ ގަހުން ވަކިކޮށްލި ތަނަކީ ފަސޭހައިން ބަލިޖެހުމަށް ހުޅުވިފައިވާނޭ މަގެކެވެ. މިއާއެކު ނިރުން ފަޅާފައިވާ މޫތަކުގައި ވެސް އެކި ބާވަތުގެ ބަލިތަކުގެ ފަނި އުޅޭނެއެވެ. އެހެންކަމުން، އެހުރުން ބުނަނީ ނިރުގައި ހުރި މޫތައް ކޮށާލައި، ފަނިމަރާ ބޭހެއް އެޅި ފެނުން ނިރު ދޮވުމަށެވެ. ބޭހުން ދޮވުމަށް ފަހު، ނިރު އިންދަންވާނީ ހިޔަލުގައި ހިއްކާފައެވެ.
ނިރުތައް އިންދާނޭ ދުރުމިނާއި ފުންމިން
ފަތްކެޔޮ ދަނޑެއްގައި ނިރު ހައްދަނީ ޢާއްމުކޮށް، ތުތިމަސްވާގޮތަށް ކޮންމެ ދެ ގަހެއް ދެމެދުގައި 6 ފޫޓު ހުންނަ ވަރަށެވެ. އެއީ ގާތްގަޑަކަށް ދެ މީޓަރެވެ. މިއަށް ވުރެ ގާތުގައި ގަސް ހައްދާނަމަ، ގަހަށް ރަނގަޅަށް ކާން އަޅަން ޖެހޭނެއެވެ. އެންމެ ގާތްކޮށް ގަސް ހައްދަނީ ހަތަރު ފޫޓު ދެގަހުގެ ދެމެދުގައި ހުންނަ ވަރަށެވެ. ގަސްތަކަށް އަޅާލުންތެރިކަން ދިނުމަށް ފަސޭހައަކަށް މީހުން މިހާރަކަށް އައިސް ގަސް ހައްދަނީ ކަތިކޮށް ދެ ބަރިއެއް ޖެހުމަށް ފަހު 7 ފޫޓު ނުވަތަ 8 ފޫޓު ފުޅާ މަގެއް ދެގަހުގެ ބަރިއެއްގެ ދެމެދުގައި ހުންނަ ގޮތަށެވެ.
ނިރުތައް އިންދާނޭ ގޮތް
ނިރު އިންދަން ވަޅުކޮންނާނީ ފުންމިނުގައި އެންމެ ގިނަވެގެން 18 އިންޗި ހުންނަ ވަރަށެވެ. ހުރަހަށް 18 އިންޗި ހުރުމުން ފުދޭނެއެވެ. ގަސް އިންދުމުގެ ކުރީގައި ވަޅުގަނޑަށް ފަނިމަރާ ބޭސް އަޅައެވެ.

ބައެއް ދިވެހީން ފެނާ ޖެހެންދެން ވަޅު ކޮނެއެވެ. މިކަމަކީ އެއްވެސް ގޮތަކަށް އެދެވޭ ކަމެއް ނޫނެވެ. ފެނުގައި މޫތައް ހުރުމުން، ގަހަށް ބަލިތައް ޖެހުން ގިނަވާނެއެވެ. ގަހަށް އަޅާ ކާނާ ފެނަށް ގިރުމުގެ ސަބަބުން ގެއްލޭނެއެވެ. މޫތައް ގެނބުމުގެ ސަބަބުން ގަސް ނޭވާލުމަށް ބޭނުންވާ އޮކްސިޖަން ނުލިބޭނެއެވެ. ފަތްކެޔޮގަސް އިންދަންވީ ކުޑަކޮށް އުސްކޮށް ހުންނަ ވެލިގަނޑެއްގައެވެ. މިކަމުގެ ފައިދާ އަކީ ބުޑުގައި ފެން ހަރުލުމުގެ ފުރުޞަތު ކުޑަކުރުމެވެ.
ފަތްކެޔޮ ގަސްތަކަށް ފެންދިނުން
ފޯދޭވަރުގެ ފަތްކެޔޮ ގަހަކަށް ދުވާލަކު 36 ލީޓަރު ފެން ބޭނުން ވެއެވެ. މިއީ ތެޔޮ ހުސްކުރި ރީނދޫ ބޮޑު ދެ ހަމުގެ ފެނެވެ. ގަސްތަކަށް ހުރިހާ ފެނެއްވެސް ލިބެނީ މޫތައް މެދުވެރިކޮށް ބިމުންނެވެ. ބިމުގައިވާ ފެން 4 ފޫޓަށް ވުރެ ފުން ނަމަ، އަދި ވާރޭ ނުވެހޭނަމަ، ގަސްތަކަށް ޢާއްމުކޮށް ފެން ދޭން ޖެހޭނެއެވެ. ބައެއް މީހުން ބުނާގޮތުން ބިމުގެ އަޑީގެ ދެ އިންޗި ފުންމިން ހިކި ނަމަ، ފެންދޭން ޖެހޭނެއެވެ.
ފަތްކޭލު ދަނޑަށް ކާދު އެޅުމާއި ކާދު ބޭނުންވާ ވަރު މަދުކުރުން ގަސް ހެދެމުން ދާއިރު، ބިންގަނޑުން ކަނާދު މަދުވަމުން ދާނެއެވެ. އެހެންކަމުން ބިންގަނޑަށް ކާދު އެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ގިނަ ކާދުގައި ތިން ނަންބަރެއް ޖަހާފައި ވާނެއެވެ. އެއީ އޭގައި ހުންނަ ތިން މާއްދާއެއް ކަމުގައިވާ ނައިޓްރޯޖަން އާއި ފޮސްފޮރަސް އާއި ޕޮޓޭސިއަމް ހުންނަ މިންވަރެވެ. ގަސް ހެދެމުންދާ އިރު ފުރަތަމަ ނަންބަރު މަތީ ކާދު އެޅުން މުހިއްމު ވާނެއެވެ. ދޮންކެޔޮގަނޑު ގަތުމުން އަޅާ ކާދުގެ އެންމެ މަތިވާންވާނީ ފަހު ނަންބަރުއެވެ.
ކަނާދު އަޅާނީ ގަހުގެ ދެ ފޫޓު ދުރުގައި ދެ އިންޗި އަޑީގައެވެ. ފުރަތަމަ ފަހަރު ކާދު އަޅާނީ ދެ މަހުގައެވެ. ދެން ހަތަރު މަހުގައެވެ.
ތިރީފަތްތައް ވީދުމުން، އެ ފަތް ކަނޑާލުމުން ކާދު ބޭނުންވާ ނިސްބަތް މަދުވާނެއެވެ. ގަހަށް އަޅާ ކާދު މަދުކުރެވޭނެ ދެވަނަ ގޮތަކީ، ގަހުގެ ބުޑުން ފަޅާ ނިރުތައް ކުޑަކޮށް ހުއްޓައި ބުރިކޮށްލުމެވެ. ދެވަނަ މޫސުމެއްގައި ހައްދާނޭ އެންމެ ކަނޑިނިރެއް ފިޔަވައި އެހެން ނިރުތައް ބުޑުން ބުރިކޮށްލުން ވަރަށް މުހިއްމެވެ. މިކަން ކުރަން ގެންގުޅެނީ ފާންތިލަ ފަދައިން ކުރި ބުރިކޮށް ތޫނުކޮށްފައި ހުންނަ ވަޅިއެކެވެ.
ކެޔޮގަނޑު އެޅުމުން ކުރަންޖެހޭ ކަންތައްތައް
ކެޔޮ އެޅުމުން އަދި ބައެއް ފަހަރު އޭގެ ކުރިން ވެސް، ފަތްކެޔޮ ގަސް ވެއްޓުނަ ނުދީ ކޮޅަށް ބެހެއްޓުމަށް ކައްތިރިއާއި އެހެނިހެން ގޮތް ބޭނުން ކުރަންޖެހެއެވެ.
ގަހުން ކެޔޮގަނޑު ދައްކާލުމަށް ފަހު، ކެޔޮގަނޑު ދޮންވަނީ 12 ނުވަތަ 13 ހަފުތާގެ ފަހުންނެވެ. މި ދުވަސްވަރު، ކެޔޮގަނޑު ބޮޑުކުރުމަށްޓަކައި ޚާއްޞަ ކަންތައްތަކެއް ކުރަން ޖެހެއެވެ. މިގޮތުން ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން، އެންމެ މުހިއްމު އެއްކަމަކީ ގަހަށް ކާނާ ދިނުމުގައި ކުރިން ބަޔާން ކުރެވުނު ފަދައިން ޕޮޓޭސިއަމް ގިނަ ކާނާ ދިނުމެވެ. ކާނާ ޕެކެޓްގައި ލިޔެފައި ހުންނަ ތިން ނަންބަރުގެ ތެރެއިން ފޮޓޭސިއަމް ގިނަ ކާނާ ނަމަ، އެންމެ ކަނާތް ފަރާތު ޢަދަދު ބޮޑުވާނެއެވެ.
ދެވަނަ އަށް އެންމެ މުހިއްމު ކަމަކީ، ދަޅިގަނޑުގައި އެކަށީގެންވާ ވަރަށް އަރިތައް ޖެހުމަށް ފަހު، ވަށްތަކަށް ކުރަންޖެހޭ ކަންތައްތަކެވެ. ބޭރު ޤައުމުތަކުގައި، ވަށްތައް ޖެހުމުން، ވަކުގެ ފުލުގައިވާ މައު އުފުރާލައެވެ.
ގަހަށް ބަލިޖެހޭނަމަ، އޯބަތް ނުވަތަ ކާސިންޖީ ނުވަތަ ހިތިތެޔޮ ފެނަށް ގިރުވައި ފޮޅެމުންދާ ފަތްތަކަށް ޖަހައެވެ. ދެ ގަސް ދެމެދުގައި، ބޮޑުކެކުރި (ކަންބާ)، ފިޔާ، ތޮޅި، ސަނދުބަރަކަ ފަދަ ބައެއް ކަހަލަ ގަސް އިންދުމުން ބަލިތައް ދުރުވެ އިތުުުރު ފައިދާ ލިބޭކަމަށް ބުނެއެވެ.

ރާއްޖޭގެ މީހުން ހަދާގޮތަކީ، ބޯށި ފޮޅި ވަރަށް ކުދި ކެޔޮ އަންނަންދެން ގަހުގައި ބޯށި ބައިންދަނީއެވެ. ބޭރު މީހުން ހަދާ ގޮތަކީ، ވަކި ޢަދަދަކަށް ވައް ޖެހުމުން، ދެން ކުރިއަށް ޖަހާ ދެ އަރިން ކޮންމެ އަރިއެއްގައި އެއް ވައް ބައިންދައި ހުރިހާ ވަކެއް މި ދެ އަރިން ކަނޑާލަނީއެވެ. އަދި މިއާއެކު ބޯށިވެސް ކަނޑާލައެވެ. މިކަން ކުރާ ސަބަބަކީ، ގަހުގައި ކުދި ވައްތައް ގިނައިން ހުރުމުން، ބުޑުގައި ހުރި ވައް އެހާ ބޮޑު ނުވާތީއެވެ.
ރަނގަޅު ކެޔޮގަނޑެއް ނަމަ، 25 ކިލޯ ހުންނާނެއެވެ. ރާއްޖޭގައި ކެޔޮ ހައްދަން ނޭނގުމުގެ ސަބަބުން ކެޔޮގަނޑު އެހާ ބޮޑެއް ނުވެއެވެ.
ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!