އިންސާނާ ދުނިޔޭގައި ލައްވާފައިވަނީ އިރު އެރުމުން މަސައްކަތްތެރިވެ، އިންސާނާގެ ބުއްދީގެ ނިޢުމަތް ހެޔޮ ގޮތުގައި ބޭނުންކޮށް ދުނިޔެ އާރާސްތުކުރުމުގައި އުޅުމަށެވެ. އަދި މިއާއި އެކު، ދުވާލުގެ ބުރަ މަސައްކަތަށް ފަހު ރޭގަނޑުގެ ނިންޖަކީ ނަގާލާ ވަރަށްވުރެ، މާ މުހިންމު އެއްޗެކެވެ.
ނިންޖަކީ ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ނުހަނު މުހިންމު އެއްޗެކެވެ. ހަށިގަނޑު ހެދި ބޮޑުވުމަށް ކާނާއާއި އެއްވަރަށް ނިދިވެސް ބޭނުންވެއެވެ. އިންސާނާއަށް ރަނގަޅަށް ނުނިދުމުން ރުޅިގަދަވެ، ދުވާލުގެ ވަގުތުތަކުގައި އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ކުރުމަށް ހުރަސް އެޅެއެވެ. މީގެ އިތުރުން ނިދި ނުލިބުމަކީ އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެއްކަން އެނގެނީ ކޮންބަޔަކަށް ހެއްޔެވެ؟
ބޭނުންވަނީ ކިހާ ވަރެއްގެ ނިންޖެއް؟
ޑިޕާރޓްމެންޓް އޮފް ލޭބަރ އިން ބުނާ ގޮތުގައި، އިންސާނަކަށް 24 ގަޑިއިރުގެ ތެރެއިން މަދުވެގެން 8 ގަޑިއިރުގެ ނިދި ބޭނުންވެއެވެ. ނަމަވެސް ނޭޝެނަލް ސްލީޕް ފައުންޑޭޝަންއިން ޢާންމު ކުރި ދިރާސާއެއްގައި ބުނާ ގޮތުގައި، ހަފްތާ ބަންދު ނޫން ދުވަސް ދުވަހު، މަސައްކަތް ކުރާ މީހަކަށް 7 ގަޑިއިރުގެ ނިދިން ފުދެއެވެ.
ގިނަ މީހުންނަކީ 8 ގަޑިއިރުގެ ނިދި ބޭނުންވާ މީހުންނެވެ. ނިދި ބޭނުންވާ މިންވަރަށް ނުލިބިއްޖެނަމަ، ދުވާލު ގަޑީގައި ވަރުބަލިވެ، ކޮންމެވެސް ވަރަށް ނިދާލަން ބޭނުންވާނެއެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ހަމަ ނިދި ނުލިބުމަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ކުރުވާ ކަމެކެވެ. އަދި ލޭގެ ޕްރެޝަރ އިތުރު ކޮށްދީ، ހަކުރު ބަލި ޖެހުމަށްވެސް މަގުފަހި ކުރުވައެވެ. މީގެ އިތުރުން މާބޮޑަށް ފަލަވުމަކީވެސް ނިދި މަދުވުމުން ދިމާވެދާނެ ސިއްހީ މައްސަލައެކެވެ. ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި، ނިދި މަދުވުމަކީ ދުވާލުގެ ވަގުތު ތަކުގައި ރަނގަޅަށް ވިސްނައި ކަންކަމަށް ސަމާލުކަން ދިނުމަށްވެސް އުނދަގޫވާ ކަމެކެވެ.
ނިދީގެ ދެ ވައްތަރެއް
ނިދީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ގަދަޔަށް ނިދުން ނުވަތަ "ޑީޕް ސްލީޕް" އަދި ދެބަދޭތެރޭގައި އޮވެ ނިދުން ނުވަތަ "ޑްރީމް ސްލީޕް" އެވެ. ހަމަ ނިދި ލިބުން ނުވަތަ ރަނގަޅަށް ނިދި ލިބުން ބިނާވެފައި ވަނީ ނިދާ ވަގުތަކަށް ނޫނެވެ. މިކަން ބިނާވެފައި ވަނީ ގަދަޔަށް ނިދުން ނުވަތަ "ޑީޕް ސްލީޕް" ލިބޭ މިންވަރުގެ މައްޗަށެވެ.
އެންމެ ގިނައިން ގަދަޔަށް ނިދުން ނުވަތަ "ޑީޕް ސްލީޕް" ލިބެނީ ނިދާ ފުރަތަމަ ފަސް ގަޑިއިރުގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ނިދި ހަލާކުވެދާނެ އެވެ. އޭގެ ތެރޭގައި ފިކުރުބޮޑުވުމާއި، ހާސްވުން ހިމެނެ އެވެ.
ރޭގަނޑުގެ ހަމަހިމޭންކަމުގެ ވަގުތުތަކުގައި، ތަފާތު އެކި ކަންކަމާއި ފިކުރުބޮޑުވުމާއި، ސުވާލު އުފެދުން ސިކުނޑިއަށް ވެރިވާ މިންވަރު އިތުރުވެގެންދެ އެވެ. ސަމާލުކަން ގެއްލުވާލައިގެން މެނުވީ އެނދުގައި ދެކޮޅު ދެކޮޅަށް ފުރޮޅެމުން ދާއިރު ސިކުނޑީގައިވާ މިފަދަ ފިކުރުތަކާއި ދުރުހެލިވުމަކީ އުނދަގޫކަމެކެވެ. އަދި މިކަން އިތުރަށް ގޯސްވާ އެއް ސަބަބަކީ އިރު އިރުކޮޅާ ގަޑި ބަލައި އެ ވަގުތު ނިދައިފި ނަމަ ބާކީ ތިމާއަށް ލިބޭނީ ކިތައް ގަޑިއިރުގެ ނިދިތޯ ހިތާ ހިތުން ހިސާބުކުރުމެވެ.
ނިދި ގެއްލުން ނުވަތަ ނިދި ހަލާކުވުމަކީ ކޮންމެ މީހަކަށް ވެސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން ކުރިމަތިވާކަމެކެވެ. ނަމަވެސް ނިދުމުގައި ދިމާވާ މިފަދަ އުނދަގޫތަކާއި މައްސަލަތަކީ ޙައްލު ކުރެވޭނެ ކަންތައްތަކރވރ. ނިދުމުގައި ދިމާވާ މިފަދަ މައްސަލަތައް ޙައްލުކުރުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާކަމެކެވެ.
ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑުގެ ހަމަ ނިދި ލިބޭ މިންވަރަކީ ދުވާލު އެމީހާގެ ޖަޒްބާތުތައް ހުންނަ ގޮތް ކަނޑައެޅުމުގައި އަސަރުކުރާ ކަމެކެވެ. ކަންކަމާއި ކުރިމަތިލުމުގައި ޕޮޒިޓިވްކޮށް ނުވަތަ ހެޔޮކޮށް ވިސްނުން ގެންގުޅުމަށްޓަކައި ހަމަ ނިދި ހޯދުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން އިތުރުވެގެންދެއެވެ.
ނިދި މަދުވުމުގެ ސަބަބުން ސަމާލުކަން ދެވުން ދަށްވޭ
ވެބް އެމްޑީ އިން ބުނާ ގޮތުގައި، އެންމެ 90 މިނެޓުގެ ނިދި ގެއްލުމުންވެސް އިންސާނާގެ އެ ދުވަހުން 32% ކަންކަމަށް ސަމާލުކަން ދިނުމުން މަޙްރޫމްވެއެވެ. ކަންކަމަށް ސަމާލުކަން ނުދެވުމުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ކަންކަމާއި މެދު ވިސްނުމާއި، ކަންކަން ހައްލުކުރުމަށް ދަތިތަކަކާއި ކުރިމަތިލާން ޖެހެއެވެ.
ނިދި މަދުވުމުގެ ސަބަބުން ސިއްޙަތަށް ނޭދެވޭ އަސަރު ކުރޭ
ނިދި މަދުވުމާއި ސިއްޙީ އެތަކެއް ނޭދެވޭ ބަލިތަކެއްވެސް ވަނީ ގުޅިލާމެހިފައެވެ. މި ގޮތުން، ނިދި މަދުވުމުގެ ސަބަބުން އާދަޔާ ޚިލާފަށް މީހުންގެ ބަރުދަން އިތުރުވެއެވެ. ބައެއް މީހުންގެ ލޭ މައްޗަށް ދިޔުމާއި، ހިތުގެ ބަލިތަކަކީވެސް ނިދި މަދުވުމާއި ގުޅިފައިވާ ކަންކަމެވެ. މިފަދަ ކަންކަން ތަހައްމަލް ކުރަން ޖެހިފައިވުމާއި އެކު، ނިދި މަދުވުމުގެ ސަބަބުން އިންސާނާއަށް ސްޓްރޯކެއް ނުވަތަ ހާރޓް އެޓޭކްއެއް ޖެހުމުގެ ފުރުޞަތުވެސް އޮވެއެވެ.
ވަރުބަލި ވުމުގެ ސަބަބުން މަސައްކަތުގެ މާޙައުލަށް ބުރޫ އަރާ
ަވަރުބަލި ވުމުގެ ސަބަބުން މަސައްކަތުގެ މާޙައުލު ގިނަ ބަޔަކަށް ވެގެންދަނީ ވޭނަކަށެވެ. މި ގޮތުން ތިމާ ވަރުބަލި ވެފައި ހުންނަ ވަގުތުގައި އެހެން މީހަކު ދައްކާ ވާހަކައަކަށް ސަމާލުކަން ނުދެވުމާއި، އެހެން މީހުންގެ ވާހަކަތަކަށް އިޖާބަނުދެވުމަކީވެސް ގިނަ ފަހަރު ދިމާވާ ކަންކަމެވެ. ތިމާގެ މަސައްކަތުގެ މާހައުލުދެކެ ރުޅި އަތުވެއްޖެ ނަމަ، ގިނަ ފަހަރު އެކުގައި މަސައްކަތް ކުރާ މީހުންނަށް ނޭދެވޭ ބަސްބުނުމާއި، މަސައްކަތް ކުރުމުގައި ފަރުވާ ކުޑަވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ހެނދުނު ހޭލަން އުނދަގޫވޭތަ؟
ނިދި މަދުވުމުގެ ސަބަބުން ހެނދުނު ހޭލުމަށް ފޯނުން ކުރާ އެންމެ އަޑުގަދަ އެލާރމަށްވެސް ހޭލުމަކީ އުނދަގޫކަމެކެވެ. ނިދި މަދުމުވުގެ ސަަބަބުން ދުނިޔޭގައި އޮފީހަށް ދާ މަގުމަތީގައި އެކްސިޑެންޓްވާ މީހުންގެ ޢަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް މައްޗަށެވެ. އަދި ގަޑި ޖެހިދާނެކަމަށް ބާރަށް ދުއްވުމަކީވެސް ހިނގަމުންދާ ކަންކަމެވެ.
ރަނގަޅަށް ނިދުމުން ލިބެނީ ކޮން ފައިދާއެއް؟
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ރޭގަނޑުގެ ވަގުތު ތަކުގައި ރަނގަޅަށް ނިދުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ ކަމެކެވެ. ރަނގަޅަށް ނިދުމަކީ ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. އަދި ދަރިމައިވުމުގެ ފުރުސަތު އިތުރު ކޮށްދީ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގައިވެސް ރަނގަޅު ނިންޖަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. ނިދުމަށް އެންމެ ރަނގަޅީ ރޭގަނޑުގެ ވަގުތެވެ.
މި ހުރިހާކަމެއްގެ ތެރެއިން ދޭން އޮތް ހެޔޮ ޚަބަރަކީ، ނިދުމުގައި ދިމާވާ މިފަދަ މައްސަލަތަކުން އަރައިގަތުމަށް މުޖައްރިބު އުކުޅުތަކެއް ވާކަމެވެ. މީގެ ތެރޭގައި މައިގަނޑުގޮތަކަށް ހިމެނެނީ ނިދާ އެނދާއި ނިދުމާއި ގުޅުވާލާ އާދަތައް އުފެއްދުމެވެ.
އެހެންކަމުން ނިދާ ހޭލާއިރުވެސް ވަރުބަލިވެފައި ހުންނަ ހުރުމަށް ނިމުމެއް ގެނައުމަށް އަދި ރޭގަނޑު ހަމަ ނިދި ހޯދުމަށް ތިރީގައިވާ ގޮތަށް ޢަމަލުކުރެވިދާނެ.
މެންދުރުފަހުން ފެށިގެން ހަށިގަނޑާއި ސިކުނޑި ހަމަޖައްސަން ފެށުން
- ދުވަހުގެ ކުރީ ކޮޅު ގޭގައި ތިބޭ އިރުވެސް ކަސްރަތުކޮށްގެން ތިމާގެ ހަށިގަނޑު ވަރުބަލިކޮއްލާ.
- ނިދާ ގަޑީގެ 4 ގަޑިއިރާއި 6 ގަޑިއިރު ކުރިން ކޮފީ އަދި ނިކޮޓިން ފަދަ ތަކެތި ބޭނުންކުރާ މިންވަރު މަދުކޮއްލާ.
- ނިދުމުގެ 2 ގަޑިއިރު ކުރިން އެއްވެސް އިލެކްޓްރޯނިކް ޑިވައިސެއް ބޭނުން ނުކުރޭ. ސްކްރީންގެ ލައިޓާއި އެޕްލިކޭޝަންތައް ފަރުމާކޮށްފައިވަނީ ސިކުނޑި އިތުރަށް ސަމާލުވާ ޒާތުގެ ހޯރމޯން އިތުރުވާގޮތައް.
ނިދާގަޑީއާ ކާރިކޮށް އެއްކަހަލަ އާދައެއް ގެންގުޅޭ
- ދުވާލު ގަޑީގައި ނިދުމާ ދުރުހެލިވޭ.
- ނިދަން އޮށޯތުމުގައި އާދަކޮށް ކުރާނެ ކަންތައްތަކެއް ކަނޑައަޅާ. މީގެ ތެރޭގައި ވަކި ގަޑިޔަކަށް ނިދުމާއި ހޭލުމަށް އާދަކުރޭ.
- އެނދަކީ، ފޮތް ކިޔުމަށާއި ޓީވީ ބެލުމަށް އަދި ފޯނާ ކުޅުމަށް ބޭނުންކުރާ ތަނެއްކަމުގައި ނުހަދާ، އެނދުގައި އޮށޯންނަނީ ހަމައެކަނި ނިދުމަށް ކަމުގައި ހަދާ.
ނުނިދޭ ނަމަ ނުވަތަ ނިދި ނާންނަ ނަމަ އެނދުން ތެދުވޭ
- ނިދަން އޮށޯންނަތާ 20 މިނެޓް ވާއިރު ވެސް ނުނިދޭ ނަމަ ނުވަތަ ނިދި ނާންނަ ނަމަ އެނދުން ތެދުވެލާ. ކޮޓަރި ތެރޭގައި އަލި މަޑު ކޮއްލައިގެން އަވަހަށް ފޫހިވާޒާތުގެ ކޮންމެވެސް ކަމެއް ކޮއްލާ. އަދި ފޫހިވުމުން އަލުން ނިދޭތޯ މަސައްކަތްކޮއްލާ. މިކަން މިގޮތަށް އާދަކުރުމަށް ދުވަސްކޮޅެއް ނަގާފާނެ. ނަމަވެސް ހުއްޓާ ނުލާ ކުރާ ނަމަ ކާމިޔާބުވާނެ.
- ނުނިދޭ ނަމަ ބޮލުގައިވާ ޚިޔާލުތައް ގަނޑެއްގައި ލިޔެލާ. ފުރަތަމަކޮޅު، ނިދި ރަނގަޅު ކުރުމަށް މަސައްކަތްކުރުމަކީ ބޭކާރުކަމެކޭ ހީވެދާނެ. މިކަމުން އަރައިގަތުމަށް ގިނަ ގިނައިން ހަމަ ނިދި ހޯދުމުގެ މުހިންމުކަން އަމިއްލަ ނަފްސައް ވިސްނައިދެވިދާނެ.
މަތީގައިވާ އުކުޅުތަށް ބޭނުންކޮށްގެން ހަމަ ނިދި ހޯދެނީ ކިހާވަރަކަށްތޯ އަޖުމަ ބަލާލުން ރަނގަޅުވާނެ އެވެ. އަދި މި އުކުޅުތަކުންވެސް ނިދުމަށް އެއްވެސް އެހީތެރިކަމެއ ނުލިބޭ ނަމަ ކަމާގުޅޭ މާހިރެއްގެ އިރުޝާދު ހޯދިދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!