އަހަރެމެން ހައްދައިއުޅޭ ގަސްގަހުގައި ތަފާތު ވައްތަރުގެ ލައް ޖެހުމަކީ ވަރަށް ޢާއްމު ކަމެކެވެ. ލަކަކީ ފަންގަސް ބައްޔެކެވެ.

އާމުކޮށް ލައްޖަހަނީ ގަހުގެ ފަތްތަކުގައި ކަމަށް ވިއަސް ބައެއް ފަހަރު ގަހުގައި އަޅާތަކެތީގައާއި މައިގަނޑާއި އޮފިތަކުގައިވެސް ލައްޖަހައެވެ. ލައްޖެހުމުން ގަހުގެ ހެދުމަށް ހުރަސް އެޅި ގަސް މަރުވާ ފަހަރު އަންނައިރު ގަހުގައި އަޅާތަކެތި ބޭނުންނުކުރެވި ދާތަން އާދެއެވެ. ފަންގަސް ބަލިތަކަށް ކޮންމެހެން ފިހާރައިން ގަންނަ ފަންގިސައިޑެއް ބޭނުން ނުކޮށްވެސް ފަރުވާކުރެވިދާނެއެވެ.

Ad
rt

އެގޮތުން މިފަހަރު މިގެނެސްދެނީ ފަންގަސްގެ ސަބަބުން ލައްޖެހުން ކޮންޓްރޯލުކުރުމަށް ގޭގައި އަމިއްލައަށް ތައްޔާރުކުރެވިދާނެ ރަނގަޅު ބޭހެކެވެ.

ބޭނުންވާ ތަކެތި
1 މޭޒުމަތީ ސަމުސާ ބޭކިން ސޮޑާ
1 މޭޒުމަތީ ސަމުސާ އެޕްސަން ސޯލްޓް
1 މޭޒުމަތީ ސަމުސާ މިރެކްލް_ގުރޯ ގަސްކާނާ
1 މޭޒު މަތީ ސަމުސާ ތަށި ދޮންނަ ދިޔާ ސައިބޯނި
3 މޭޒުމަތީ ސަމްސާ ރަބިންގ އަލްކަހޯލް
500 އެމްއެލް ފެން
4 ލިޓަރު އިތުރު ފެން

އެޕްސަން ސޯލްޓަކީ މަދުމަދުން ގަސްކާނާއެއްގެ ގޮތުގައި ބޭނުންކުރާ ލޮނެކެވެ. މިރެކްލް ގުރޯ އަކީ ޓޮމާޓޯ އަދި އެހެނިހެން ތަރުކާރީ ގަސް ހެއްދުމަށް ތައްޔާރުކޮށްފައި ވިއްކަން ހުންނަ ތައްޔާރީ ގަސްކާނާއެކެވެ. ދިޔާ ސައިބޯނީގެ ގޮތުގައި ތަށި ދޮންނަން ގޭގައި ބޭނުންކުރާ މާމަލެމަން ނުވަތަ މާމަލައިމް ބޭނުންކުރެވިދާނެ އެވެ. ރަބިންގ އަލްކަހޯލުގެ ގޮތުގައި ބޭސްފިހާރަތަކުން ވިއްކަން ހުންނަ އޮލަ ނޫން، އެއްކޮށް ދިޔާކޮށް ހުންނަ ސްޓެރައިލް ހޭންޑް ސެނިޓައިޒާ ބޭނުންކުރެވިދާނެއެވެ. ފެނުގެ ގޮތުގައި ވަޅުފެން ނުވަތަ ސަޕްލައިފެން ރަނގަޅުވާނެ އެވެ.

ތައްޔާރުކުރާނޭ ގޮތް
500 އެމް އެލް ފެނަށް މިތަކެތި އަޅާފައި އެއްކޮށްލާށެވެ. ދިޔާ ސައިބޯނި އަޅާނީ އެންމެ ފަހުންނެވެ. އަދި އެޅުމަށް ފަހު ސަމުސަލަކުން ދެތިން މިނިޓް ވަންދެން ގިރާލަން ވާނެއެވެ. ދެން ބައިގަޑިއިރު ވަން ދެން ބެހެއްޓުމަށް ފަހު އަދި އިތުރަށް ގިރާލާށެވެ. އެންމެ ފަހުން އެ ފެން، 4 ލިޓަރު ފެނަށް އެއްކޮށްލާށެވެ.

ބޭނުންކުރާނޭ ގޮތް
ރީތިކޮށް ގަސް އެއްކޮށް ފޯވެ ފަތްތަކުގެ ކޮޅުން ތިކި ޖަހަންދެން ސްޕްރޭކުރާ ފުޅިއަކަށް އަޅައިގެން ސްޕްރޭ ކުރާށެވެ. ގިނަ ގަސް ހުރި ނަމަ ކައިރީގައި ހުރި ގަސްތަކަށްވެސް ސްޕްރޭކޮށް ތައްޔާރުކުރި ފެން އެއްކޮށް ހުސްކޮށްލަން ވާނެ އެވެ.

މި ބޭހުން ޢާއްމުކޮށް ގަހަށް ގެއްލުމެއް ލިބޭކަން ފާހަގަކުރެވިފައި ނެތްނަމަވެސް ބޭސް ތައްޔާރުކުރުމުގައި ތަކެތި އިތުރުވެ، ފެން މަދުވެއްޖެ ނަމަ ގަސް ކޮންމެވެސް ވަރަކަށް މިލުން އެކަށީގެންވެއެވެ.

އެހެންކަމުން ފުރަތަމަ ފަހަރު މި ތަކެތި ނިސްބަތުން އެއްވަރަކަށް މަދު މިންވަރެއް ބޭނުންކޮށްގެން އެ ނިސްބަތުން ފެނާ އެއްކުރުމަށްފަހު ޓެސްޓް ކޮށްލަން 1 ގަހަށް ޖެހުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި އަމިއްލަ އިޚްތިޔާރުގައި ބޭސް ތައްޔާރުކޮށްގެން ބޭނުންކުރާށެވެ!

ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.

ހުބާ ޕްލާންޓްސް ފޭސްބުކް

ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް