އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީ އާއި ގދ ތިނަދޫ ގުޅާލައި، ފުރަތަމަ ކާގޯ ދަތުރުގައި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ކާގޯ ބޯޓު ''އެމް.ވީ ބޮންތި 2″ ތިނަދުއަށް އިއްޔެ ބަނދަރުކޮށްފިއެވެ.

ރާއްޖޭގެ ގައުމީ ޝިޕިން ލައިން ހިންގުމަށް އުފެއްދި އެމްއެސްއެސް އަކީ، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަަމަށްވާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ.

Ad
rt

މިކުންފުނީގެ ކާގޯ ބޯޓު ''އެމް.ވީ ބޮންތި 2″އިން އިންޑިއާގެ ޓުޓިކޮރިން އިން ތިނަދޫއަށް ކުރި ފުރަތަމަ ދަތުރުގައި ވަނީ 400 ޓަނުގެ މުދާ ގެނެސްފައެވެ.

އިންޑިއާގެ ޓުޓިކޮރިން އާއި ތިނަދޫއާ ދެމެދު ސީދާ ކާގޯ ދަތުރުތައް ފެށުމަށް އިއްޔެ ބޭއްވުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވީ ތިނަދޫއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމުން އަތޮޅުތެރޭގެ އިގްތިސާދީ ތަރައްގީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.

މިނިސްޓަރު ނަހުލާ ފާހަގަކުރެއްވި ގޮތުގައި އެއީ ރާއްޖޭގެ ދެކުނާއި އިންޑިއާއާއި ގުޅާލުމެވެ. އަދި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވިދާޅުވެ، ނަހުލާ ވިދާޅުވީ 26 ސެޕްޓެމްބަރުގައި އިންޑިއާގެ ކޮޗިންއާ ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށިފައިވާ ކަމަށާއި، އޭގެ ދެ މަސް ފަހުން އައްޑޫއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށާފައިވާކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މި ޚިދުމަތުގައި ދަތުރު ކުރާ ކާގޯ ބޯޓު ނިސްބަތްވާ އެމްއެސްއެސް ހިންގާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ، ސްޓޭޓް ޝިޕިން އިން ފެށި މި ދަތުރުތަކާއެކު އަނެއްކާވެސް ހުވަދޫ އަކީ ވިޔަފާރީގެ ހަބަކަށް ހެދުމަކީ އަމާޒު ކަމަށެވެ.

އެމްއެސްއެސްގެ ދަތުރުތައް މިދިޔަ މާޗުގައި ފެށިފަހުން އެ ދަތުރުތަކަށް ވިޔަފާރިވެރިންގެ އިތުބާރި ލިބިފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން އެމްއެސްއެސްގެ ބޯޓުތަކަކީ ބަރާބަރު ދުވަހަށް ފުރާ ބޯޓުތަކެއް ކަމަށާއި ވިޔަފާރިވެރިންނަށް އެމީހުންގެ މުދާ ބަރާބަރު ދުވަހަށް ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މި ހިދުމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއެސްއެސްގެ އެމްޑީ ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް އެމްއެސްއެސްގެ ދަތުރުތައް ފެށުމުގައި މިއީ ފެށުމެއް ކަމަށެވެ. އުއްމީދަކީ ކުރިއަށް އޮތްތަނުގައި ބޯޓު ފުރެންދެން މުދާ ބަރުކޮށްގެން ދެކުނަށް އައުން ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ މި ދަތުރުތަކުގައި ކޮންމެ 20 ދުވަހަކުން ބޯޓު ރާއްޖެ އަންނާނެ ކަމަށެވެ.

އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީ އާއި ގދ ތިނަދޫ ގުޅާލައި، ކާގޯ ދަތުރުތައް އިއްޔެ ފެށިއިރު 26 ސެޕްޓެމްބަރު 2020 ގައި ވަނީ އުތުރުން ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިން އާ ދެމެދު ކާގޯ ފުރަތަމަ ދަތުރުކޮށް، ކޮޗިން-ކުޅުދުއްފުށި-މާލެ ކާގޯ ފެރީގެ ޚިދުމަތް ފަށާފައެވެ.