ދުނިޔޭގައި އެންމެ ހޫނުކޮށް މިވަގުތު ދެކެވެމުންދާ އެއްް ވާހަކައަކީ، އިނގިރޭސިވިލާތުން ކޯވިޑް-19 ގެ އައު ސްޓްރެއިންއެއް ފެނުނު ވާހަކައެވެ. ދުނިޔޭގެ ތަފާތު ގިނަ ސައިންސްވެރިން މިކަމާއި ގުޅިގެން ތަފާތު ނިންމުންތައް ނިންމަމުންދާއިރު، ކޮށްލަން ރަނގަޅު ސުވާލެއް އެބައޮތެވެ.

މީގެ ދުވަސް ކޮޅެއް ކުރިން އިނގިރޭސިވިލާތުން ވަރަށް މަދުން ފެނިފައިމިވާ ސްޓްރެއިން، މި ވަގުތު އެ ޤައުމުން އެންމެ ބޮޑަށް ފެންނަމުންދަނީ ކީއްވެގެން ހެއްޔެވެ؟

Ad
rt

އިނގިރޭސިވިލާތުގެ ދަޢުލަތަށް ސިއްޙީ ލަފާ އަރުވަމުންދާ ފަރާތްތަކުން ބުނާ ގޮތުގައި، އެ ފަރާތްތަކަށް ބޮޑަށް ބުރަވެވެނީ، މިސްޓްރެއިންގެ ވައްތަރުން އިންސާނުން އިންސާނުންގަޔަށް ބަލި ވާރުތަވުން އަވަސްވާނެކަމަށެވެ.

މިވަގުތު އެއްވެސް ކަހަލަ ނިންމުމެއް ނިންމަން އަވަސް ނަމަވެސް، ހުރިހާ ސައިންސްވެރިންވެސް ޤަބޫލު ކުރާގޮތުގައި، ވައިރަސްއަކީ އޭގެ ޒާތުގައި އަމިއްލައަށް ބަދަލުވާ އެއްޗެކެވެ.

މި ސްޓްރެއިން އަކީ ކަންބޮޑުވާންޖެހޭ ސްޓްރެއިންއަކަށް ވަނީ ކީއްވެ؟

މިހާތަނަށް ސައިންސްވެރިން ކުރި ތަހުލީލު ތަކުން 3 ކަމެއް އެނގި ޔަޤީންވެފައިވެއެވެ. އެއީ:

1. މި ސްޓްރެއިން ކުރީގެ ސްޓްރެއިން ބަދަލުކުރަމުންދާކަން

2. ވައިރަސް ބަދަލުވުން (މިޔުޓޭޓް) ވަމުންދާކަން

3. މިހާރުވެސް މިޔުޓޭޝަން ދައްކާގޮތުގައި މި ސްޓްރެއިންއިން ސެލްތަކަށް ބަލި ފަތުރަމުންދާކަން

މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް، މި ވައިރަސްގެ ސްޓްރެއިންއަކީ ކުރީގެ ސްޓްރެއިން ތަކަށް ވުރެ ފަސޭހައިން ފެތުރޭނެ ސްޓްރެއިންއެއް ކަމަށް ވަނީ ދައްކާފައެވެ. އަދި ލަންޑަންފަދަ ލޮކްޑައުންގެ ކަންކަން މަޑުޖައްސާލާފައި އޮތް ޤައުމެއްގައި، މި ބަލި އިތުރަށް ފެތުރުމުގެ ބިރުވެސް އެބައޮތްކަމަށް ތަޖުރިބާކާރުންވަނީ ބުނަން ފަށާފައެވެ.

ބަލި ފެތުރެނީ ކިހާ އަވަހަކަށް؟

މި ސްޓްރެއިން އެންމެ ފުރަތަމަ ފެނިފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. ނޮވެމްބަރ މަހުގެ ތެރޭގައި ލަންޑަންއިން ފެނުނު ކޭސްތަކަށް ބަލާއިރު، އެއީ މުޅި ޢަދަދުގެ 4 ބައި ކުޅަ 1 ބައެވެ. ނަމަވެސް ޑިސެންބަރުމަހުގެ މިހާތަނަށް، ލަންޑަންއިން ފެނުނު ކޭސްތަކަށް ބަލާއިރު، އެއީ 2 ބައި ކުޅަ 3 ބައި ކަމުން، މި ސްޓްރެއިން ފެތުރޭ އަވަސް މިންވަރުވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ. މިކަން އެންމެ ބޮޑަށް ފެންނަނީ، ލަންޑަންއާއި އިންވެގެން އޮންނަ މިލްޓަން ކީންސްގެ ޓެސްޓު ކުރާ ލެބޯޓްރީ ތަކުގެ ތަފާސް ހިސާބުތަކުންނެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަން ވިދާޅުވެފައިވަނީ މިހާތަނަށް ބެލި ބެލުމުން މި ސްޓްރެއިންގެ ޓްރާންސްމިޝަން ރޭޓްއަކީ 70% ކަމަށެވެ. އަދި މި ތަފާސް ހިސާބަކީ އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖްގެ ޑރ. އެރިކް ވޯލްޒް ހުކުރު ދުވަހު ޢާންމު ކުރި ތަފާސް ހިސާބުގައިވެސް ބުނެފައިވާ މިންވަރެވެ.

އޭނާގެ ވާހަކައިގައި އިތުރަށް ވިދާޅުވެފައިވަނީ، އަދި މި ސްޓްރެއިންއާއި ދޭތެރޭ އެއްޗެއް ބުނުމަށް އަވަސްކަމަށެވެ. ނަމަވެސް، އޭނާއަށްވެސް ޔަޤީންވާ އެއް ކަމަކީ، މި ސްޓްރެއިންގެ ބަލިމަޑުކަން ފެތުރުން ކުރީގެ ސްޓްރެއިންއަށްވުރެ މާ އަވަހެވެ. އެއްޗެއް ބުނަން ދަތިނަމަވެސް މި ސްޓްރެއިން ގާތުން ބެލުމަށްވެސް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

ބަލި ފެތުރިފައިވަނީ ކިހާ ދުރަކަށް؟

މިހާތަނަށް ބެލި ބެލުމުން، މި ސްޓްރެއިން އިނގިރޭސިވިލާތަށް އެތެރެވެފައިވަނީތޯ ނުވަތަ އެ ޤައުމުގެ ރައްޔިތެއްގެ ފަރާތުން ވައިރަސް މިޔުޓޭޓްވެފައިވަނީތޯ އަދި ދެނެގަނެވިފައެއް ނުވެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ބަލި މިޔުޓޭޓްވާކަން ނޭނގޭ ވަޞީލަތްމަދު ޤައުމަކުން އިނގިރޭސިވިލާތަށް އައި ފަރާތެއްގެ ފުށުންވެސް ފެތުރިދާނެއެވެ.

މި ސްޓްރެއިންއަށް ޕޮޒިިޓިވްވެފައިވާ ބަލި މީހުން ޔޫކޭގެ އެކި ސަރަހައްދުތަކުން ފެނިފައިވާ އިރު، ނޮދާން އަޔަލޭންޑްއަކުން އަދި މި ސްޓްރެއިންގެ ކޭހެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ލަންޑަންގައި މި ސްޓްރެއިންގެ ބަލިމީހުން ފެނުންވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.

އައު ސްޓްރެއިންގެ ކޯވިޑް-19 ވައިރަސް މީގެ ކުރިން ފެނިފައިވޭތަ؟

މީގެ ކުރިންވެސް އައު ސްޓްރެއިން ވައިރަސް މިޔުޓޭޓް ވުމުގެ ސަބަބުން މި އަހަރުތެރޭގައިވަނީ ފެނިފައެވެ. އެންމެ ފުރަތަމަ ވައިރަސް ޗައިނާގެ ވޫހާންއިން ފެނުނުފަހުން މި ވަގުތު ދުނިޔޭގެ ހަތަރު ބިތުގައި ފެތުރެމުންދާ މި ވައިރަސްއަކީ އޭރު ފެނުނު ވައިރަސް ސްޓްރެއިންއެއްވެސް ނޫނެވެ.

ފެބްރުއަރީމަހު ފެނިފައިވާ " D614G" މިޔުޓޭޝަން ޔޫރަޕުން ފެނުނު ފަހުން މިވަގުތާއި ހަމައަށް ދުނިޔޭގައި ފެތުރެމުން މިދަނީ އެ ސްޓްރެއިންގެ ފުށުން ފެތުރޭ ބަލިމަޑުކަމެވެ.

އަދި ހޫނު މޫސުމުގައި ޗުއްޓީ ހޭދަކުރުމަށް އުޅުނު ބައެއްގެ ފަރާތުން ސްޕެއިންއިންވެސް ވަނީ އައު ސްޓްރެއިންއެއް ފެނިފައެވެ.

މި ސްޓްރެއިން އުފެދިފައިވަނީ ކިހިނެތް؟

މީގެ އަސްލު ޖަވާބު ސައިންސްވެރިންނަށްވެސް ހޯދިފައިނުވާ އިރު، ގިނަ ސައިންސްވެރިން ބުރަވެފައިވަނީ، މި ސްޓްރެއިން އުފެދިފައިވަނީ، ކޯވިޑް-19 ޖެހިފައިވާ ދިފާޢީ ނިޒާމު ބަލިކަށި މީހެއްގެ ފަރާތުންކަމަށެވެ.

ދިފާޢި ނިޒާމު ބަލިކަށި ވުމުގެ ސަބަބުން، ވައިރަސްއާއި ހަށިގަނޑުން ހަނގުރާމަ ނުކުރެވި، ވައިރަސް އިތުރަށް އެ ހަށިގަނޑުގައި އުފެދި، ވައިރަސް މިޔުޓޭޓް ވުމަށް ލިބުނު ހަށިގަނޑަކަށް ވުމުންވެސް މި ސްޓްރެއިން އުފެދިދާނެ ކަމަށް ސައިންސްވެރިން އިއްތުފާޤުވެއެވެ.

މި ސްޓްރެއިން މާނުރައްކާ ވެދާނެތަ؟

އަދި މިކަމަށް އެއްވެސް ކަހަލަ ހެއްކެއް ފެނިފައި ނުވާ އިރު، މިކަން ގާތުން ބެލުމަށް ދުނިޔޭގެ ގިނަ ކަންކޮޅުތަކުން އަންނަނީ ގޮވާލަމުންނެވެ.

ނަމަވެސް، ހޮސްޕިޓަލްތަކުން ބުނާ ގޮތުގައި، ގިނަ މީހުން ބަލިވުން މިއީ ނުރައްކާތެރިވެދާނެ ކަމުގެ ސިގްނަލްއެކެވެ.