އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 2020 ވަނަ އަހަރު ދޫކުރަމުންދިޔަ ލޯނުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެނީ، 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި އެ ކޯޕަރޭޝަނުން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން، 25 ޑިސެމްބަރ 2020 ވަނަދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލެވޭނެކަމަށެވެ. އަދި 2021 ވަނަ އަހަރު ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ 1 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެންކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން 2020 ވަނަ އަހަރުގެ ތެރޭ 285 ފަރާތަކަށް ޖުމްލަ 395 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައިކަމަށެވެ. މީގެ އިތުރުން އެންމެ ގިނަ ލޯނު ދޫކުރެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާރޝިއަލް ވިޔަފާރިތަކަށެވެ. އަދި މިއަދާއި ހަމައަށް މުޅިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެކޯޕަރޭޝަނުން ލޯނު ދޫކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.
މިހާތަނަށް ދޫކުރެވިފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތަކެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މިއަހަރުތެރޭގައި ދުނިޔެއަށް ފެތުރިގެންދިޔަ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން 'ކޯވިޑް-19 ވިޔަފާރި އެހީ' ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން ލޯނެއް ތަޢާރަފް ކުރެވި 2173 ފަރާތަކަށް 376 މިލިއަން ރުފިޔާގެ ލޯނުގެ އެހީ ވަނީ ދޫކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި މިލޯނުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ލިބި، އެފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ މަގު ފަހިވެގެން ދިޔަކަމަށް ޤަބޫލުކުރާކަމަށްވެސް ބުނެއެވެ.
އެކުންފުނީގެ އަމާޒަކީ އެ ކޯޕަރޭޝަނުން ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުންކަމުގައި އެކުންފުނިން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!