ނ. ހެނބަދޫގެ ''ޖޯޝް ޖަމްޢިއްޔާ''އިން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދާ ''ޖޯޝް ޗެމްޕިއަންޝިޕް2020'' ފުޓްބޯޅަ މުބާރާތް ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ.

ހެނބަދޫގެ ތަރައްޤީއަށާއި، އިޖުތިމާޢީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ ''ޖޯޝް ޖަމްޢިއްޔާ'' އިން ކުރިއަށް ގެންދާ މި ފުޓްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށާފައިވާއިރު، މި މުބާރާތް ކުރިއަށް ދަނީ ހެނބަދޫ ފުޓްބޯޅަ ދަނޑުގައެވެ.

Ad
rt

މި މުބާރާތުގައި ހެނބަދޫގެ 5 ޓީމެއް ވާދަ ކުރަމުންދާއިރު، މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނީ ގްރޫޕް ސްޓޭޖް ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެކެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް 5 ޑިސެމްބަރު އިން 14 އަށް ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފައެވެ. އަދި މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 16 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގައި ހެނބަދޫ ރަސްމީ ބޯޅަ ދަނޑުގައެވެ.

މުބާރާތުގެ 4 ވަނަ މެޗްގައި އެފްސީ ހާގަނޑު އަދި ލެވެންޑަރ ޔުނައިޓެޑް ބައްދަލުކުރަނީ، 5-1 އިން މި މެޗް ކާމިޔާބުކުރީ އެފްސީ ހާގަނޑު، ފޮޓޯ: ޖޯޝް ޖަމްޢިއްޔާ ފޭސްބުކް ޕޭޖް

މި މުބާރާތުގެ ފަސް މެޗެއްގެ ކުޅުން މިހާތަނަށް ކުޅެވިފައިވާއިރު، ޖޯޝް ޖަމްޢިއްޔާގެ ކުޅިވަރު ސެކެރެޓަރީ މުޙައްމަދު ޢަލީ ''ތިލަދުން''އަށް ބުނީ މި މުބާރާތަކީ 2006 އިން ފެށިގެން ކޮންމެ އަހަރަކުވެސް އެ ޖަމްޢިއްޔާއިން އެރަށުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

''މި މުބާރާތަކީ ރަށުގެ ޒުވާނުންނަށް ވާދަވެރި މުބާރާތެއްގައި ވާދަކޮށް، ކުޅިވަރު ކުޅޭނެ ފުރުޞަތު ހޯދައިދީ ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ދަމަހައްޓަން އަޅުގަނޑުމެން ކުރާ މަސައްކަތެއް، މި މުބާރާތުގެ ސަބަބުން ދުޅަހެޔޮ ސިއްޙަތަކަށް މަގު ފަހިވުމުގެ އިތުރުން ރަށުގެ އިޖުތިމާއީ ރޫހު އާލާވެ ގުޅުން އިތުރުވެގެން ދިޔުމަކީވެސް އަޅުގަނޑުމެން ޖަމްޢިއްޔާގެ އަމާޒެއް''

މުޙައްމަދު ޢަލީ ބުންޏެވެ.

މުޙައްމަދު ޢަލީ އިތުރަށް ބުނީ، މި މުބާރާތަށް ރަށުގެ ޒުވާނުންނާއި، އެންމެހާ ރައްޔިތުން ދެއްވާ ތަރުހީބު ފާހަގަ ކުރާކަމަށާއި، އެހީތެރިކަން ދެއްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މުބާރާތުގެ ތިންވަނަ މެޗްގައި ޔަންގް ޝޫޓާސް އަދި އެފްސީ ގްރޭވްސް ބައްދަލު ކުރަނީ، މި މެޗް 2-1 އިން ކާމިޔާބު ކުރީ ޔަންގް ޝޫޓާސް، ފޮޓޯ: ޖޯޝް ޖަމްޢިއްޔާ ފޭސްބުކް ޕޭޖް

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ނިންމާފައިވަނީ 4000 ރުފިޔާއެވެ. މު ބާރާތުގެ އެހެނިހެން ވަނަތަކަށް ޓްރޮފީ ދިނުމަށް ނިންމާފައިވާއިރު، މި މުބާރާތަށް ގާތް ގަނޑަކަށް25 ހާސް ރުފިޔާ ޖޯޝް ޖަމްޢިއްޔާގެ ބަޖެޓުން ޚަރަދުވާނެ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.