ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމައި ދެން ވާނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށާއި، އަދި އެކަން ކުރެވެން އޮތް ގޮތެއް ހޯދަންޖެހޭ ކަމަށާއި ނަމަވެސް އެވާހަކަ ދައްކަވަނީ ރާއްޖެއަށް އިތުރު ފައިސާ ވަންނާނެ ގޮތް ހޯދުމުގެ ވިސްނުމުގައި ކަމަށް، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
ޝަހީމް ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓްގެ ވާހަކަ ދައްކާއިރު އެ ބަޖެޓް ފާސްވެގެންދާއިރު، އެ ބަޖެޓްގެ ފައިދާ ރައްޔިތުންނަށް ކުރުމަކީ ނުހަނު އެދޭ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް މިއަށްވުރެ ރަނގަޅުގޮތް ހޯދައި ދިނުމަށްޓަކައި ރާއްޖެއަށް ވަންނަ ފައިސާ އިތުރު ކުރަން ޖެހޭ ކަމަށެވެ.
މިގޮތުން ރާއްޖެއަށް ވަންނަ ފައިސާ އިތުރުކުރަން ޓޫރިޒަމް އެއީ މި ރާއްޖޭގެ އެއް ތަނބުކަން އެންމެންނަށް ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގިނަ ފަހަރަށް މި ރާއްޖޭގައި ވާގޮތަކީ، އާ ކަމެއް ތަޢާރަފުވެގެން ދާއިރުގައި، އޭގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަމުންދާ ތަން ފެންނަމުން ދިޔުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''މި ރާއްޖޭގެ ރަށްތަކުގައި ގެސްޓްހައުސް ހަދާ ވާހަކަ ދެއްކީމާ އެއީ ވަރަށް ބޮޑު ގޯހަކަށް ވެގެން އެއާ ދެކޮޅަށް ބަޔަކު މަސައްކަތްކޮށް، ވަރަށް ބޮޑެތި ކަންތައްތަކެއް ހިނގައިގެންދިޔަ. އެހެންނަމަވެސް، ނަތީޖާއެއްގެ ގޮތުން މިއަދު ރަށްރަށުގައި އެކަން ފެއްޓުނީމާ އެ ރަށްރަށުގެ ރައްޔިތުންނަށް ނުހަނު ފައިދާކުރުވާކަން މިއަދު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެބަ ގަބޫލުކުރޭ. އިއްޒަތްތެރި ރައީސް، ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށިގެން ދިޔައިމާ ހަމަގައިމު ވެސް އެ ރަށްރަށުގެ ރައްޔިތުން ކާފަރުވެގެންނެއް ނުދޭ އިއްޒަތްތެރި ރައީސް. އެ ރަށްރަށުގެ ރައްޔިތުން އެ ވިޔަފާރިއާ އެކުގައި އުޅެން މިހާރު އެ ދަނީ ދަސްކުރަމުން.''
ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަންވީ، މި ދުނިޔެއަށް އަންނަ ތަރައްޤީއާއި، އަދި އަޅުގަނޑުމެން އެ ތިބި ގޮތުގައި ސިއްކަޖަހައިގެން ނުތިބެ އަޅުގަނޑުމެން ވެސް ކުރިއަށްދާން މަސައްކަތްކުރަން ވިސްނާވިސްނުން ބަދަލުކުރަން ޖެހޭކަން ކަމަށެވެ. އަދި އަޅުގަނޑުމެން އެއްވެސް މީހެއްގެ ޢަޤީދާއަކީ އެއީ، އެހާ ބަލިކަށި އެއްޗަކަށް ވެގެންނުވާނެ ކަމަށާއި، އަޅުގަނޑުމެން މި ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރައިގެންގޮސް، ރަށްރަށާ ހަމައަށް މިހާރު މި ވަނީ އެކަން ފޯރާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''މިއަދު މި ސުވާލުއުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަދިނީމާ ދެން ވާނީ ކިހިނެއްތޯ އިއްޒަތްތެރި ރައީސް؟ މި ވާހަކަ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. މިކަން ކުރެވެން އޮތް ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އެއްވެސް ހާލެއްގައި އަޅުގަނޑު މި ދައްކާ ވާހަކަ އޮޅުވައިނުލާތި އެއްވެސް ބޭފުޅަކު! އަޅުގަނޑު މި ދައްކާ ވާހަކަ އޮޅުވައިނުލާތި! އަޅުގަނޑަކީ ވެސް މުސްލިމެއްގެ ގޮތުގައި ހުރެ އަޅުގަނޑު މި ވާހަކަ މި ދައްކަނީ، މި ރާއްޖެއަށް ތަރައްޤީ ގެނައުމަށްޓަކައި، މި ރާއްޖެ ކުރިއަށް ގެންދިއުމަށްޓަކައި، މި ރާއްޖެއަށް ވަންނަ ފައިސާ އިތުރުކުރުމަށްޓަކައި ވިސްނުންތެރިކަމާ އެކުގައި އަޅުގަނޑުމެން ކުރިއަށްދާން އަޅުގަނޑުމެން ވާހަކަ މި ދައްކަނީ.''
ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އޭނާ ޚިޔާލު ފާޅުކުރައްވަނީ، އަދި ދައްކާ ވާހަކައަކީ އެއްވެސް ހާލެއްގައި ދީނަށް ފުރައްސާރަކޮށް، އަދި އިތުރު ވިސްނުމަކަށް ބަޔަކު ގެންދިއުމަކަށް ދައްކާ ވާހައެއް ނޫން ކަމަށެވެ.
''އިއްޒަތްތެރި ރައީސް. އެހެންނަމަވެސް، އަޅުގަނޑުމެން ދައްކާ ވާހަކަ، ބަޔަކު އޭތި އޮޅުވާލައިގެން މަސައްކަތްކުރާކަމީ އެއީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް އިއްޒަތްތެރި ރައީސް. ކޮންމެ ކަމެއް ވެސް ކުރެވޭނެ ގޮތެއް އޮންނާނެ. އެ ގޮތް އަޅުގަނޑުމެން ހޯދަން މި ޖެހެނީ. އަޅުގަނޑުމެން އެ ގޮތް ހޯދައިގެން މި ރާއްޖެ ކުރިއަށްގެންދަން އަޅުގަނޑުމެން މި ޖެހެނީ.''
އޭނާ އިތުރަށް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، މި ރާއްޖޭގައި ޓޫރިޒަމް ރާއްޖޭގެ ރަށްތަކާއި ހަމައަށް ފޯރުމުން އަސްލު ޙަޤީޤަތަށް ވެސް އޭގައި ހުރި މަންފާ ދިވެހިރާއްޖެ ރައްޔިތުންނަށް ފެންނަމުން ދާކަމަށެވެ. އަދި އެކަން ބައްޓަން ކުރެވިފައި ވަނީ އަސްލު ސީދާ މީހާއަށް ފައިދާ ލިބޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، އޭނާ ގަބޫލުކުރަށްވާ ގޮތުގައި މި ރާއްޖެ ކުރިއަށް ގެންދިއުމަށްޓަކައި، މި ރާއްޖެއަށް ވަންނަ ފައިސާ އިތުރުކުރުމަށްޓަކައި ފުންކޮށް ވިސްނައި، ގޮތްތައް ހޯދަން ޖެހޭ ކަމަށާއި، މި ރާއްޖެއަށް އިތުރު ފައިސާ ވަންނާނެ ގޮތް ނުހޯދައި، މި ރާއްޖެ ތަރައްޤީއެއް ވެސް ނުކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!