ތާޑް ޕާޓީ އިންޝުއަރެންސް ލާޒިމް ކޮށްފައިވާއިރު، އެކަމުން ފައިދާވަނީ ކިތައް ރައްޔިތުންނަށްތޯ ވިސްނާލަންޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުން ޔާސިރު ވިދާޅުވީ، ކަންކަން ނިންމަން ވާނީ މި ޤައުމުގެ އެންމެ އާދައިގެ މީހާއަށް ކަންތައްތައް އެހާ އުނދަގޫ ނުވާގޮތަށް ކަމަށެވެ.

Ad
rt

''އަޅުގަނޑުމެން ގާނޫނަކުން، އެންމެ ރަނގަޅު، އަޅުގަނޑުމެން މި ގާނޫނަށް ހަމަ ވަކި އިޞްލާޙެއް ގެނެސްގެން ތާޑް ޕާޓީ އިންޝުއަރެންސް ލާޒިމްކުރީ، މަޖުބޫރުކުރީ ދިވެހި ރައްޔިތުންނަށް އެހެންނަމަވެސް، އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ، އެއިން ފައިދާވަނީ ކިތައް މީހުންނަށްތޯ އިއްޒަތްތެރި ރައީސް.''

ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ ކޮމިޓީގެ ރިޕޯޓު ނިންމިއިރުގައި ކިހާ ބަޔަކަށް އެކްސިޑެންޓުވެގެން ކްލެއިމްކޮށްގެން ފައިސާ ލިބުނުތޯބަލައި، އެކަމަށް ދިރާސާއެއް ވެސް ހެދިފައި އޮންނަން ޖެހޭނެ ކަމަށެވެ.

''ދިވެހި ރައްޔިތުންގެ ބޮޑު ބައެއް ޖައްސާ މައްސަލައަކީ ޙަޤީޤަތުގައި އެއީ، އިންޝުއަރެންސް ކުރަންޖެހުމެއް ނޫން. އެހެންނަމަވެސް، އޭގެ ފައިދާއެއް އެ ބޭފުޅުންނަށް ނުކުރާ މައްސަލަ. އެކަމާ ގުޅިގެން މި އިޞްލާޙު ވެސް މި ހުށަހަޅަންޖެހުނީ ޙަޤީޤަތުގައި ދަންނަވާ ކަމުގައި ވަންޏާ. އެހެންވީމާ، ޙަޤީޤީ މައްސަލައަކީ އިޞްލާހެއް އޮވެ، ޙަޤީޤަތުގައި ލާޒިމުކުރުމެއް ވެސް ނޫން. ލިބެންޖެހޭ ފައިދާ! ތާޑް ޕާޓީ އިންޝުއަރެންސަކީ ކޯއްޗެއް ކަމެއް ވެސް ދިވެހި ރައްޔިތުންނަކަށް ނޭނގޭ. ގާނޫނަކުން އެކަން ފާސްކުރީމާ ދެން މީހާ ދައްކަނީ، އެނޫން ގޮތެއް ނެތީމަ. ޙަޤީޤަތުގައި މިވަނީ ކިހިނެއް ކަމެއް ވެސް ނޭނގޭ. އެހެންވީމާ، އަޅުގަނޑުމެން ގާނޫނު ހަދާފައި ގާނޫނަކުން
އިންޝުއަރެންސް ކުންފުންޏަކަށް މިހާ ފައިސާ ލިބޭނެ ގޮތަށް ކަންކަން ބައްޓަންކޮށްދީފައިވާއިރުގައި އިންޝުއަރެންސް ކުންފުނިތަކުގައި ވެސް އެބަ އޮންނަންޖެހޭ ޒިންމާއެއް.''

ޔާސިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޝުއަރެންސް ކުންފުނިތަކުން ރައްޔިތުންނަށް މިއާ ބެހޭ މަޢުލޫމާތު ދޭ ތަން މިވީހާ ތަނަކަށް އެއްވެސް ވަރަކަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

''މިކަމުގައި އެއްވެސް ގޮތެއް ނެތިފައި ތިބި މީހުން މުޅި ރާއްޖޭގައި ތިބީ. އެހެންވީމާ، މިއީ އަޅުގަނޑުމެން ޙަޤީޤަތުގައި ވެސް ވިސްނަންޖެހޭ ކަމެއް. އަޅުގަނޑު ވެސް ގަބޫލުކުރަން، އަޅުގަނޑުމެން އެކިއެކި ކޮންވެންޝަންތަކުގައި، ފާހަގަކޮށްފައި އެބައޮތް، ވިއޭނާ ކޮންވެންޝަން އޮފް ދަ ރޯޑު ޓްރެފިކް 1968 ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ތައްޔާރުވަމުންދާއިރުގައި މި އުވައިލުމަކީ އެންކަރޭޖުކުރެވޭ ކަމެއް ނޫންކަން، ރަނގަޅު ވާހަކައެއް، އަޅުގަނޑުމެން ކޮންވެންޝަންތަކުގައި ބައިވެރިވާއިރުގައި މިކަހަލަ އެތަކެއް މާއްދާތަކަށް ރިޢާޔަތްކުރާނެ. އެހެންނަމަވެސް، ހަމައެއާކީގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ، އާދައިގެ ރައްޔިތު މީހާއަށް ކިހިނެއްތޯ މިއިން ވަނީ. އޭނާއަށް އެބަ ފައިދާއެއް ވޭތޯ؟''

ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، މިހާރު ކޮމިޓީ މަރުޙަލާގައި އޮތް އިންޝުއަރެންސާ ބެހޭ ބިލުގެ މަސައްކަތް ނިމިގެން އަންނައިރު، އަސްލު މައްސަލައަށް ޙައްލެއް ހޯދަން މަސައްކަތްކޮށް، އެކަމަށް ހައްލެއް ލިބޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.