އޭއެފްސީ ބްރެކެޓް ޗެލެންޖުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު ވާދަކުރަމުން އެބަދެއެވެ.

އޭއެފްސީގެ ފަރާތުން، ވޭދުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ކުޅުންތެރިޔަކު ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ބާއްވާ މި މުބާރާތުގެ ފައިނަލްގައި ވޯޓު ލުން މިހާރު ދަނީ ކުރިޔަށެވެ.

Ad
rt

ރާއްޖޭގެ އަޝްފާޤު ފައިނަލުގެ އެއްކޮޅުގައި ވާދަ ކުރަމުންދާ އިރު، އަނެއްކޮޅުން ވާދަކުރަނީ ސައުތު ޗައިނާގެ ޗަން ސިއު ކީ އެވެ.

މީގެ 6 ހަފްތާ ކުރިން 32 ކުޅުންތެރިން ވާދަކުރަމުން އައި މި މުބާރާތުގައި، އެ ކުޅުންތެރިޔެއް ޖަހާފައިވާ ގޯލަށް އެ ކުޅުންތެރިޔެއްގެ ފޭނުން ވަނީ އޮންލައިން ކޮށް ވޯޓު ދީފައެވެ. އަދި މިހާރު ފައިނަލުގައި މި ދެ ކުޅުންތެރިން ވާދަ ކުރަމުން އަންނަ އިރު، އޭއެފްސީއިން ހާމަކޮށްފައިވަނީ މި މުބާރާތުގައި މި ސަރަހައްދުން އެތައް ސަތޭކަ ވޯޓު އޮންލައިންކޮށް ލިބިފައިވާކަމަށެވެ.

އަޝްފާޤު 2013 ވަނަ އަހަރު ނިޔު ރޭޑިއަންޓްއަށް ކުޅެމުން، އެކަނިމައިއެކަނި ޖަހާފައިވާ މި ގޯލަށް ދުނިޔޭގެ ގިނަ ފަރާތްތަކުގެ ތަޢުރީފުދަނީ އޮއްސަމުންނެވެ. އަދި ޗަން ސިއު ކީ ޖަހާފައިވާ ގޯލަކީވެސް އޭނާ 2013 ވަނަ އަހަރު ހޮންގްކޮންގްގެ ސައުތު ޗައިނާއަށް ޖަހާދީފައިވާ ގޯލެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

އަޝްފާޤު އަދި ޗަން، މި ދެކުޅުންތެރިންވެސް މި މުބާރާތުގައި ގިނަ ވަރުގަދަ ކުޅުންތެރިންނާއި ވާދަކޮށްވަނީ މޮޅުވެފައެވެ. އަދި ރާއްޖޭގެ އަޝްފާޤު މި ހިސާބަަށް ދަތުރު ކުރުމުގެ ސަބަބުން، އޭނާ ވަނީ ދިވެހި ސަޕޯޓަރުންނަށް ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.

މިވަގުތު އަނެއްކާވެސް އަޝްފާޤަށް ބޭނުންވެފައިވަނީ ދިވެހި ސަޕޯޓަރުންގެ އެހީތެރިކަމެވެ. ދިވެހިންގެ އެއްބައިވަންތަކަން އަނެއްކާވެސް ދައްކުވައި، މި މުބާރާތުގައި އަޝްފާޤަށް ވޯޓު ދެއްވައި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އޭއެފްސީ ކަޕްގައި އެންމެ ރީތި ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ރާއްޖެއަށް ހޯދައި ދޭންވީއެވެ.

އަލީ އަޝްފާޤަށް ވޯޓު ދެއްވުމަށް AFC Cup Bracket Challenge – Final: Ali Ashfaq (New Radiant) vs Chan Siu Ki (South China AA) | Football | News | AFC Cup 2020 (the-afc.com) މި ލިންކަށް ފިއްތާލައްވައި، އަޝްފާޤަށް ވޯޓު ދެއްވާށެވެ.

ވޯޓު ދިނުމުގެ ސުންގަޑިއަކީ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހުއެވެ.