ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲގެ މައްޗަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލާގައި، 53 މެންބަރުންގެ ވޯޓާއިއެކު އިމްރާންގެ އިތުބާރުއޮތް ކަމަށް ފާސްވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގެ 9 މެންބަރަކާއި، މިނިވަން 2 މެންބަރަކު ސޮއިކޮށް ހުށަހެޅި އެ މައްސަލަ ފާސްނުވިއިރު، މިނިސްޓަރު އިމްރާންގެ އިތުބާރުނެތް ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި އެ 11 މެންބަރުންނަކީ މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލިހަށް ވައްދާފައިވާ މައްސަލާގައި ސޮއިކުރެއްވި 11 މެންބަރުންނެވެ.
މިނިސްޓަރު އިމްރާންގެ މައްޗަށް ހުށަހެޅުނު އިތުބާރުގެ މައްސަލާގައި ދިފާއުގައި މަޖިލިސް ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަޖިލިސްގެ 11 މެންބަރަކު ސޮއިކޮށް އޭނާގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލައަކީ ބަހަނާއެއް އަދި ކުރެހުމެއް ކަމަށެވެ.
''އެއީ ނުވާކަމެއް ވުޖޫދުކޮށް، ސިޔާސީ މަޞްރަޙް ހަލަބޮލިކޮށް ސަރުކާރު ބަލިކަށިކޮށް، ހަލަބޮލިކުރުމުގެ ހިޔަނީގައި މިސަރުކާރު ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށް ކޮށްފައިވާ ތުހުމަތެއް''
މިނިސްޓަރު އިމްރާން މިއަދު ވިދާޅުވިއެވެ.
އެމައްސަލާގައި ފާހަގަކޮށްފައިވާ، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީއަންހެނަކު ރޭޕް ކުރިކަމަށް ކުރިން ފެތުރިފައިވާ ޚަބަރާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ އެމައްސަލަ ފެންމަތިވި ހިސާބުން ފެށިގެން ހަލުވިމިނެއްގައި އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަވަން ފައްޓާފައިވާ ކަމަށެވެ.
މޭޑޭގައި ގެންގުޅުއްވި ކަރުދާސްތަކަކީ، އަސްލެއްނޫން ކަމަށް ވިދާޅުވީ އެ ކަރުދާސްތަކަކީ އަސްލު ކަރުދާސްތަކުގެ ކޮޕީއެއް ކަމަށްވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ކަރުދާސްތައް ވަނީ އޭރުގެ ސަރުކާރުން ގެންގޮސްފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލަ ހުށަހަޅާފައި ވަނީ އެ ކޯލިޝަންގެ 9 މެންބަރެއްގެ ސޮއިގެ އިތުރުން މިނިވަން 2 މެންބަރެއްގެ ސޮޔާއި އެކުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް، ސޮއިކުރި މިނިވަން ދެ މެމްބަރުންނަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!