އެމަނިކުފާނުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރުގެ މައްސަލައަކީ ބަހާނެއްކަމަށާއި، ސަރުކާރު ބަލިކަށިކޮށްލަން ހިންގާ ފިތުނައެއްކަން ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލާގައި، މިއަދު ޖަވާބު ދާރީވެ މަޖިލިސް ތަޅުމުގައި ދެއްކެވި ވާހަކާގައެވެ.

Ad
rt

މިނިސްޓަރު އިމްރާން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ، އުފައްދައިގެން ބަޔަކު ކުރަހައިގެން އުޅޭ ''ކުރެހުމެއް'' ކަމަށެވެ. އަދި އެބަޔަކު މަސައްކަތްކުރަމުން ދަނީ ފިތުނަ އުފައްދާ ސަރުކާރު ބަލިކަށި ކުރަން ކަމަށްވެސް ވިދާޅުވިއެވެ.

''މި މަޖިލިސްގެ ޢިއްޒަތްތެރި 11 މެންބަރަކު ސޮއިކޮށް އަޅުގަނޑުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލައަކީ ބަހަނާއެއް، ކުރެހުމެއް، އެއީ ނުވާކަމެއް ވުޖޫދުކޮށް، ސިޔާސީ މަޞްރަޙް ހަލަބޮލިކޮށް ސަރުކާރު ބަލިކަށިކޮށް، ހަލަބޮލިކުރުމުގެ ހިޔަނީގައި މިސަރުކާރު ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށްކޮށްފައިވާ ތުހުމަތެއް''

މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އެމައްސަލާގައި ފާހަގަކޮށްފައިވާ، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީއަންހެނަކު ރޭޕް ކުރިކަމަށް ކުރިން ފެތުރިފައިވާ ޚަބަރާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ އެމައްސަލަ ފެންމަތިވި ހިސާބުން ފެށިގެން ހަލުވިމިނެއްގައި އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަވަން ފައްޓާފައިވާ ކަމަށެވެ.

މޭޑޭގައި ގެންގުޅުއްވި ކަރުދާސްތަކަކީ، އަސްލެއްނޫން ކަމަށް ވިދާޅުވީ އެ ކަރުދާސްތަކަކީ އަސްލު ކަރުދާސްތަކުގެ ކޮޕީއެއް ކަމަށްވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ކަރުދާސްތައް ވަނީ އޭރުގެ ސަރުކާރުން ގެންގޮސްފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ އެ ކޯލިޝަންގެ 9 މެންބަރެއްގެ ސޮއިގެ އިތުރުން މިނިވަން 2 މެންބަރެއްގެ ސޮޔާއި އެކުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް، ސޮއިކުރި މިނިވަން ދެ މެމްބަރުންނަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ.

މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅަން 10 މެންބަރެއްގެ ސޮޔެވެ.