ގއ. ކޫއްޑޫގެ ބަނދަރަކީ ހުވަދޫ އަތޮޅުގެ އިންޓަނޭޝަނަލް ޕޯޓަށް ހަދަންޖެހޭ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެ އެވެ.
ސައުދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ސައުދު ވިދާޅުވީ ހުވަދޫ އަތޮޅަށް ބަޖެޓުގައި ހުރިކަންކަމަށް ބަލައިލާއިރު ބަޖެޓުން ހުވަދޫ އަތޮޅަށް ވަރަށް ބޮޑަށް ނިކަމެތިކަން ފެންނަ ކަމަށެވެ. އަދި ހުވަދޫ އަތޮޅަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އިޤުތިޞާދުގެ އެންމެ މުހިންމު އެއް ހިއްސާދާރު ކަމަށް އޭނާ ވިދާޅުވިއެވެ.
''ދިވެހިރާއްޖޭގެ އެންމެ ބޮޑު މެއިން އެކްސްޕޯޓު އަތޮޅަކީ ހުވަދޫ އަތޮޅު. މުޅި ރާއްޖޭގެ އެކްސްޕޯޓްގެ ނިސްބަތުން %90 އެކްސްޕޯޓުކުރާ ހިސާބަކީ ހުވަދޫ އަތޮޅު. ރެއްގެ މައްޗަށް 30000 ޓަނުގެ މަސް އެކްސްޕޯޓުކުރާ ޖެޓީއަކީ ހުވަދޫ އަތޮޅުގެ ކޫއްޑޫގެ ޖެޓީ. އެނގިލައްވާތޯ؟ ދައުލަތަށް ނޭނގޭ ކަމަކީ، މިއަދުގެ ހާލަތެއް ނޫން މިއީ. މީގެ ކުރީގެ ސަރުކާރުތަކަށް ވެސް ނޭނގޭ ކަމަކީ، 1996ވަނަ އަހަރުން ފެށިގެން ޑައިރެކްޓް ކޫއްޑޫގެ ޕޯޓުން ބޯޓުފަހަރު ފުރުވައިލާކަން ދުނިޔޭގެ ބޭރަށް.''
ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ހުވަދޫ ޕޯޓުގައި ކަސްޓަމްގެ ޚިދުމަތް ގާއިމުކުރެވިފައިވާ ކަމަށެވެ.
''އެެ ޕޯޓަކީ އިންޓަރނޭޝަނަލް ސްޓޭޓެޑަށް ބަލަހައްޓާ ދުނިޔޭގެ ބައިނަލްއަގުވާމީ އޮޕަރޭޝަންސް ހިންގާ އިންޓަރނޭޝަނަލް ޕޯޓު ރަޖިސްޓަރކޮށްފައި އޮތް ޕޯޓެއްކަން، މި ދައުލަތަކަށް ނޭނގޭ. ކިހާ ބޮޑު ދެރަކަމެއްތޯ؟ ކީއްވެތޯ ހުވަދޫ އަތޮޅުގައި ގާއިމުކުރާ އިންޓަރނޭޝަނަލް ބަނދަރު ކޫއްޑޫ ޕޯޓުގައި ނުހެދެންވީ؟
ކޫއްޑޫން މަސް އެކްސްޕޯޓްކުރެވޭ. ކޫއްޑޫއަށް މަސް އިމްޕޯޓުނުކުރެވޭ. ކޫއްޑޫއަށް ފިޔާ އެތެރެނުކުރެވޭ. ބައިނަލްއަގުވާމީ ބޯޓެއް ކައިރިކުރުވަންވީމަ އިމްޕޯޓް މުދާ ހިފައިގެން އައިސް ކޫއްޑޫ ޖެޓީއަށް ހުސްކޮށްލަންވީމަ ޖެޓީން ބައިނަލްއަގުވާމީ އޮޕަރޭޝަންތަކަށް އެކްސްޕޯޓުކުރަންވީމަ އޯކޭ. އެހެންވީމާ، އެބަޖެހޭ ސަރުކާރުގެ ސިޔާސަތުތަކުގައި ތިއްބެވި ބޭފުޅުން މި ރިސޯސްތައް ބޭނުންކުރަން. އަޅުގަނޑުމެން ހަމަ ހިތަށްއެރީމަ އިންޓަރނޭޝަނަލް އޮޕަރޭޝަންސް ފައްޓަންވީއޭ މިވެނި ތަނެއްގައި، އިތުރަށް އަނެއްކާ ޚަރަދުކުރަންވީ ޕޯޓެއް ހަދަން.''
ސައުދު ވިދާޅުވި އެވެ.
ލިބިފައިވާ ރިސޯސްތައް ބޭނުން ކުރަންޖެހޭ ކަމަށާއި، ކޫއްޑޫ ޕޯޓު އިމްޕޯޓު ޕޯޓަކަށް ހަދަން ޖެހޭކަމަށް އޭނާ ވިދާޅު ވިއެވެ. އަދި އެއީ އެކްސްޕޯޓު ޕޯޓެއް ނޫން ކަމަށާއި، އެއީ އިމްޕޯޓު ޕޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
''އިމްޕޯޓު އޮޕަރޭޝަންތައް ކޫއްޑޫގައި ފައްޓާށޭ! އެތާގައި ކަސްޓަމްސް ގާއިމުކުރެވިފައި އެބައޮތޯ. އެތާގައި މި ހުރިހާ ރިސޯސްތައް ބޭނުންކޮށްފިއްޔާ ދިވެހިރާއްޖޭގެ އިޤުތިޞާދަށް ފުޅާ ދާއިރާއެއްގައި އަސަރުތަކެއް ކުރާނެ. ކާމިޔާބު، ޕޮސިޓިވް ރިޒަލްޓުތަކެއް ނެރެވޭނެ. ކޫއްޑޫއަކީ ވަން އެންޑް ހާފް ޑިގްރީ ޗެނަލްގެ ގޭޓްވޭ. ވަން އެންޑް ހާފް ޑިގްރީ ޗެނެލް ކްރޮސްކޮށްފައި ކިތައް ބޮޑެތި ސީ.ސީ ކިޔާ، ވީ.އެލް.ސީ.ސީ ކެރިޔަރތައް ދަތުރުކުރޭތޯ؟ ކިތައް ބޯޓުފަހަރު
ދަތުރުކުރޭތޯ 24 ގަޑިއިރު ތެރޭގައި! އެހެންވީމާ، މި ވާހަކަ އަޅުގަނޑު މިތާގައި މި ފާހަގަކޮށްލީ، އަޅުގަނޑުމެންނަށް ހުވަދޫ އަތޮޅުގެ ތަޞައްވުރެއް، ހުވަދޫ އަތޮޅުން ޑައިރެކްޓްކޮށް އިމްޕޯޓް މުދާ އެތެރެކޮށް ވިއްކައި، ވިޔަފާރި ފުޅާކުރުމުގެ ވިސްނުން. ހުވަދޫ އަތޮޅުގައި ތަޞައްވުރެއް ހުވަދޫ އަތޮޅުން ފުރައިގެން ދުނިޔޭގެ އެކި އެކި މަންޒިލުތަކަށް ގޮސް ދުނިޔޭގެ އެކިއެކި މަންޒިލުތަކުން ހުވަދޫ އަތޮޅުގެ ރިސޯޓުތަކަށް ގެސްޓުން އައުމަކީ. މިއީ ހުވަދޫ އަތޮޅުގެ
ތަޞައްވުރެއް.''
ސައުދު ވިދާޅުވިއެވެ.
ހުވަދޫ އަތޮޅުގައި 250 ފަޅުރަށް އޮންނަ ކަމަށާއި، އޭގެ ތެރެއިން 200 ރަށުގައި ރިސޯޓް އޮޕަރޭޓްކުރާ ހިސާބަށް ދާއިރު ވެސް އަދިވެސް ހުވަދޫ އަތޮޅު ތަޞައްވަރު ނުކުރެވެންވީ ކީއްވެތޯ ސައުދު ވަނީ ސުވާލު އުފަށްދަވާފައެވެ. އަދި ހުވަދޫ އަތޮޅުގެ އާބާދީއަކީ 23900 ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު އާބާދީ ހުވަދޫ އަތޮޅުގެ އާބާދީ ކަމަށް އޭނާ ވިދާޅުވިއެވެ.
''ކީއްވެތޯ އިހުމާލުވާންވީ؟ އެހެންވީމާ، މި ތަޞައްވަރުތަކަށް އެބަޖެހޭ އަޅުގަނޑުމެން ތަސައްލީ ހޯދައިދޭން. މި ތަޞައްވަރުގައި ޙަޤީޤީ ކުލަޖެހެން އެބަޖެހޭ، އިއްޒަތްތެރި ރައީސް. އަޅުގަނޑު މި ވަކާލާތުކުރާ ސަބަބަކީ، އަޅުގަނޑުމެން އެކްސްޕޯޓްކުރާ ބަލްކް އެކްސްޕޯޓް މިކުރެވޭ 30000 ޓަނުގެ މަސް. މިއީތޯ އަޅުގަނޑުމެން މިއަދު ވެސް ޖަހަންވީ ސަކަރާތަކީ؟''
ސައުދު ވިދާޅުވިއެވެ.
1996 ވަނަ އަހަރުން ފެށިގެން މަސް އެކްސްޕޯޓުކުރަމުންދާ ކަމަށާއި، ކޮންމެ އަހަރެއްގެ ބަޖެޓަށް ބަހުސްކުރާއިރު މަހުގެ ވެލިއު އެޑްކުރަން އެދެމުންދާ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި އެހެން ހެދުމުން މަހުގެ އަގު މަތިވާނެކަމަށާއި، މަސްވެރިންނަށް ލިބޭ މަންފާވެސް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަހުސް ކުރިއަށް ގެންދަވަމުން ސައުދު ވަނީ މަސްވެރިކަމާއި ގުޅިގެން އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެންވެސް ވާހަކަ ދައްކަވާފަ އެވެ. މިގޮތުން އޭނާ ދެއްކެވި ވާހަކާގައި ވިދާޅުވީ މީގެ 5 އަހަރު ކުރިއަށް ބަލާއރު، 1000 މިލިއަން ރުފިޔާ، 1 ބިލިއަން ރުފިޔާ މަސްވެރިންނަށް ދަރުވައިލާފައި މަސްވެރިކަމުގެ ސިނާޢަތުގެ ވާހަކަ މިއަދު އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ކަމަށެވެ.
ބަޖެޓަށް ބަހުސްކުރާއިރު މިހާރު މި ހާލަތުގައި ތިބެން ލަދުގަންނަ ކަމަށާއި، ދިވެހި މަސްވެރިން ނުކުމެ މަސް ކަނޑުތަކުން ދުވާލު ވެހޭ ވާރެއާއި، ގަދަވަޔާއި ވިއްސާރައިގައި އެ ކުރާ މަސައްކަތް ނިންމައިލާ ހިސާބަކީ ދައުލަތުގެ މަސްކުންފުނިތަކަށް މަސް ވިއްކާލަން ހިފައިގެން އަންނަ ހިސާބު ކަމަށް އޭނާ ފާހަހަގަ ކުރެއްވިއެވެ.
އަންނަ އަހަރުގެ ދައުލަތުގެ ލަފާކުރާ ބަޖެޓާއި ގުޅިގެން ސައުދު ވަނީ އެ ބަޖެޓް ރަނގަޅު ކަމަށާއި، އެ ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅު ވެފައެވެ. މިގޮތުން ބަޖެޓް ބޮޑުވުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، ބަޖެޓް ބޮޑުކޮށްގެން އިޤްތިޞާދު ކުރިއަރުވަން މަސައްކަތް ކުރަންވީ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް، ރިސޯޓްތަކުގެ ވަޒީފާތައް ދިވެހިންނަށް ލިބޭނޭހެން ސިޔާސަތުތައް ބައްޓަންކޮށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ދަޅުގައި މަސް ބަންދު ކުރެވޭގޮތް ހެދުމަށާއި، ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްޤީ ކުރުމަށާއި، ހުވަދޫގެ ރައްތައް ރިސޯޓު ތަރައްޤީ ކުރުމަށް ދޫކުރަން އޭނާ ގޮވާލެއްވި އެވެ.
ބަޖެޓް ބަހުސްގައި ދެއްކެވި ވާހަކާގައި ސައުދު ވަނީ މަސްވެރިންނާއި، ޒުވާނުންނާއި އަދި ހުވަދޫ ރައްޔިތުންގެ ހައްޤުގައި ވަރަށް ބޮޑަށް ވަކާލާތު ކުރަށްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!