މާމަމެންގެ ފައްޓަރުބައި ވިއްކާލައިގެންވެސް ރާއްޖޭގެ ދަރަނި އަދާކުރެވޭނެ ގާބިލުކަމެއްނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް، ރައީސް ނަޝީދު މިހެން ވިދާޅުވީ، 2021 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އެމަނިކުފާނުގެ ޚިޔާލުފުޅު ހިއްސާކުރައްވަމުން ކުރެއްވި ޓުވީޓެއްގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ ބަޖެޓުގައި ދައުލަތަށް ލިބޭނެ އާމްދަނީގެ 53 ޕަސެންޓު ހޭދަވާނީ ދަރަނި އަދާކުރަން ކަމަށެވެ. އަދި ދަރަނީގެ 80 ޕަސެންޓަކީ ޗައިނާއިން ނަގާފައިވާ ދަރަނި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާމަމެންގެ ފައްޓަރުބައި ވިއްކާލައިގެންވެސް ދަރަނި އަދާ ނުކުރެވޭނެކަމަށް ވެސް އެމަނިކުފާނު ވަނީ ފައްޓަރުބައެއްގެ ފޮޓޯއަކާއެކު ކުރެއްވި އެޓްވީޓުގައި ވިދާޅުވިވެފަ އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓް ފޮތް ބުނާ ގޮތުން، ދައުލަތުން ދައްކަން ޖެހޭ ގިނަ ފައިސާ ހުރީ އެކިއެކި ބޮންޑްތަކަށް ދައްކަން ޖެހޭ ދަރަންޏެވެ. ބޭރުގެ ސަރުކާރުތަކަށް ދައްކަން ޖެހެނީ 181 މިލިއަން ރުފިޔާ އެވެ.
ރައީސް ނަޝީދު އިއްޔެ ވަނ،ީ ރައީސް ޞާލިޙްގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވާފަ އެވެ. އެވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ނެގި ދަރަނީގެ ތެރެއިން ފަސް ބިލިއަން ރުފިޔާ އަނބުރާ ދައްކަން ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް 83 މިލިއަން ޑޮލަރު ޗައިނާއަށް ދައްކަން ޖެހޭ ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވި އެވެ.
މިގޮތުން އިއްޔެވެސް އެމަނިކުފާނު ފައްޓަރުބަޔާއި ގުޅުވައިގެން ވާހަކަ ދައްކަވާފަ އެވެ.
"މިއަދު މި ބަޖެޓު ފެންނާން މި އޮތް ގޮތް ކިތަންމެހާވެސް ހުތުރު. އެހެން ނަމަވެސް ތަކުރާރުކޮށް ދަންނަވާނަން މި ހުތުރު ކަމަކީ އަޅުގަނޑުމެން ގެނައި ހަޑިހުތުރު ކަމެއް ނޫނޭ. އެހެން ބައެއްގެ ދަރަނި ދައްކަން ވެގެން އަޅުގަނޑުމެންގެ ފައްޓަރުބައި ވިއްކާލަން މި ޖެހެނީ،"
ރައީސް ނަޝީދު ވިދާޅުވި އެވެ.
ދުނިޔެ ބަންދުވެފައިވާ މި ދަނޑިވަޅުގައިވެސް، ޗައިނާ ފަދަ ވަރުގަދަ ގައުމަކުން އެއްވެސް ލުޔެއް ދިނުމެއް ނެތި ރާއްޖެއިން ދައްކަން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އެއީ ދުނިޔެ ދަންނަ އިންސާފެއް ނޫން ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ޑެފިސިޓް އަދަދުތަކާ އެކީގައި، މަޖިލީހުގައި ރިޔާސަތުގައި ނީންނަވާނަމަ، އެ ބަޖެޓަށް ވޯޓު ނުދެއްވާނެކަމަށް ވެސް ރައީސް ނަޝީދު ވަނީ މިއަދު ކުރިއަށްދިޔަ މަޖިލިސް ޖަލްސާގައި ވިދާޅުވެފަ އެވެ.
އިއްޔެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް މިހާރު އިދިކޮޅު ކޯލިޝަނާއިއެކު އިސްސަފުގައި މަސައްކަތް ކުރަށްވާ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަޠީފް މުޙައްމަދު ރޭވަނީ ހޫނު ރައްދެއް ދެއްވައި ޓުވީޓް ކުރަށްވާފަ އެވެ.
"2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ތިޔަ ވިދާޅުވާ ފައްޓަރުބައި ވެސް ޖީ.އެމް.އާރް އަށް ވިއްކާލާފަނޫންތޯ؟ ދެން އޮތީ މަންމަގެ ކަނޑިކި އެކަނި. އެ ވިއްކާލައި ދިވެހިން ލަދުގަންނުވާން ރައީސް ސޯލިހު ބޭނުންމެއް ނުވާނެ،" ރައީސް ނަޝީދަށް ރައްދުދެއްވައި ރޭ ލަޠީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!