ބިލެތަކީ ދެކުނު އޭޝިއާ އާއި އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި ގިނަ ބައެއްގެ މެދުގައި މަޤުބޫލު ފަތެކެވެ. އާއްމުކޮށް ދުފުމަށް ބިލެތް ބޭނުންކުރި ނަމަވެސް ބޭސްވެރިކަމުގައިވެސް ބިލެތް ބޭނުންކުރެއެވެ. ބިލެތަކީ ވެޔޮ ގޮތަށް ހެދޭ މަޑުލަކުޑިލީ އާއިލާގެ ގަހެކެވެ.
ކުރި އިންދުން
ކުރި އިންދައިގެން ބިލެތް ހެއްދިދާނެއެވެ. މިގޮތުން ދިގުމިނުގައި 18 ވަރަކަށް އިންޗި ހުންނަވަރުގެ މާ ހަރުނޫން ކުރި ކަނޑާށެވެ. ކުރި ބުރިކޮށްލާނީ ފަތްވަޅެއްގެ ބުޑުން ސެންޓިމީޓަރެއް ހާތަން ބެހެއްޓުމަށްފަހު 45 ޑިގްރީއަށް ކަތިކޮށް ތޫނު ސާފު ވަޅިއަކުން ނުވަތަ ކަތުރަކުންނެވެ. އެއަށްފަހު އެންމެ ކުރިން 3 ފަތް ބެހެއްޓުމަށްފަހު އެހެން ފަތްތައް ތަނޑިތައް ބެހެއްޓުމަށްފަހު ވަކިކޮށްލާށެވެ. އަވި ބާރު ނޫން މޫސުމެއްނަމަ ކުރި އިންދަންވީއެވެ. ނަމަވެސް ރަނގަޅުގޮތަކީ އެތެރެ ފެންނަ ފުޅިއެއްގެ މެދަށް ވާރޭފެން އެޅުމަށްފަހު 10 ދުވަސް ވަންދެން ކުރި އެފުޅިއަށް ޖަހާފައި ބެހެއްޓުމެވެ. ކޮންމެ ދެ ދުވަހަކުން ފެން ބަދަލުކުރަން ވާނެއެވެ. 11 ވަނަ ދުވަހު އިންދާނީ އެވެ.
ބެޑު ހެދުން
ބިލެތް ރަނގަޅަށް ހެދޭކަމަށް ފާހަގަކުރެވެނީ ކާނާއެކުލެވޭ ބޯ އަދި ދޫ ފަސް އެކުލެވޭ އުސްބެޑުގައެވެ. ފެންދިނުމުން ފަސޭހައިން ފެން ހިނދިގެން ދިޔަ ނަމަވެސް ތެތްކަން ހިފަހައްޓާ މީޑިއަމެއްގައެވެ. އެހެންކަމުން ބިލެތް އިންދުމުގެ ކުރިން ސިމެންތިޖަހާފައިވާ ފާރެއް، ކޮށިގަނޑެއް ނުވަތަ ޅޮހެއް ގެ ކައިރީގައި ފުޅާ މިނުގައި 2 ފޫޓު، ފުން މިނުގައި 1 ފޫޓު ހުންނަ ބެޑެއް ތައްޔާރުކުރާށެވެ. ފާރެއް ނުވަތަ ކޮށި ގަނޑެއް ނަމަ އެތަނުގެ ދިގުމިނުގެ ތިން ބައި ކުޅަ އެއްބައިހާ ތަނުގައި މެދަށް ވާގޮތަށް ބެޑުގެ ދިގުމިން އިޚްތިޔާރުކުރާށެވެ. ޅޮހެއް ނަމަ ވަށް ބުރަކަށް ނުވަތަ ބައިބުރަކަށް ބެޑު ހެދިދާނެއެވެ. ބެޑުގެ ވަށައިގެން އެޅިގައު ފަދަ އެއްޗެއް ބެހެއްޓިދާނެއެވެ. ބެޑުގެ އުސްމިން ކަމުގައި ބުނެފައި އެވަނީ މިގޮތަށް ކައިރީގައި ޖަހާ އެއްޗެއްގެ މަތީ ކައިރިއާ ހަމައަށެވެ.
ބެޑުގެ އޮނިގަނޑު ނިމުމުން ބެޑުގެ އެތެރޭގައިވާ ފަސްތައް 6 އިންޗި ފުންމިނަށް ކޮނެލައިގެން ނަގާށެވެ. އެއަށްފަހު ބެޑުގެ މަތީ ކައިރިއާ ހަމައަށް ތައްޔާރުކުރި ފަސް އަޅާށެވެ.
ފަސް ތައްޔާރުކުރުން
ބިލެތް ހެއްދުމަށް މިގޮތަށް ފަސް ތައްޔާރުކުރާށެވެ. ފުރަތަމަ ކޮންމެވެސް ވަރަކަށް ފުއްބޮޑު ނަމަވެސް ކަޅުކުލަ ގަދަ ކަޅުފަސް ހޯދާށެވެ. އެއަށްފަހު ބޮނބިކުނޑި އަދި ގެރިގުއި ހޯދާށެވެ. ތައްޔާރުކުރި ބެޑުގެ ސައިޒަށް ބަލައި 5 ވެލި، 2 ބޮނބިކުނޑި އަދި 2 ގެރިގުއީގެ ނިސްބަތުން އެތަކެތި އެއްކުރާށެވެ. ގެރިގުއި ބޭނުންކުރާނީ ސްޓެރިލައިޒްކޮށްގެނެވެ. ކުރުނބާ ފިހި ނުވަތަ ބޮނބި ފަސްގަނޑާ އެއްކުރުން ނުވަތަ ބިލެތުގެ ބުޑަށް އެޅުމާއި ބެހެއްޓުމަކީ ގިނަ މީހުން ކުރާ ކަމެކެވެ. ނަމަވެސް ބިލެއް ކުރިލައި ހެދެން ފެށުމުން ނޫނީ މިފަދަ ތަކެތި ބޭނުންކުރުން ރަނގަޅެއް ނޫނެވެ.
ބެޑުގެ ވޮލިއުމް ބެލުމަށްފަހު މި ނިސްބަތުން ފަސް ތައްޔާރުކޮށްގެން ބެޑުގެ މަތީ ކައިރިއާ ހަމައަށް އެޅުމަށްފަހު ރަނގަޅަށް ފެންޖަހާލާށެވެ. އަދި 3 ދުވަސް ވަންދެން މިގޮތަށް އެއް އިރު ފެންޖަހަމުން ގެންދާށެވެ.
ކުރި އިންދުން
ބެޑު ހެދުމަށްފަހު ފެންފުޅީގައި ބެހެއްޓި ކުރި ނަގައިގެން އިންދާނީއެވެ. ކުރި އިންދުމަށް ބެޑު ހުރަހަށް 4 އިންޗި ފުނަށް ފޫޓެއްހާތަން ކޮނެލާށެވެ. ވަޅުގެ ބެޑުފާރާ ވީ ކޮޅަށް ފުންކޮށްލަން ވާނެއެވެ. ކުރީގެ ކޮޅުން ބާކި ހުންނަ ތަން މައްޗަށް އުފުލާލާފައި ދަނޑިކޮޅެއް ޖެހުމަށް ފަހު އައްސާލާށެވެ. އެއް ކުރިއަށް ވުރެ ގިނަ ކުރި އިންދާ އިރު ދެކުރީގެ ބުޑުގެ ދުރުމިން 8 އިންޗިވަރު ދުރުކޮށްލާށެވެ. ކޮޅުތައް ބޭނުންނަމަ އެއްދިމާއަކަށް ގެންދެވިދާނެއެވެ. މާ އަވި ބާރު ނަމަ ރޯވެ ފުރަތަމަ ފަތް ޖަހަންދެން ފަންކޮޅެއް ޖަހައި ކުރި ހިޔާކޮށްލާށެވެ.
ބެލެހެއްޓުން
ބިލެތް ބެޑުގައި ހައްދާއިރު ރަނގަޅަށް ހެދެން ދެން ކޮންމެ ދުވަހަކު ހަވީރު ބެޑަށް ގަހަށް ވެލި ނުބުރާނޭހެން ފެން ދެމުން ގެންދާށެވެ. ބިލެއް ކުރި 2 މީޓަރަށް ހެދެން ދެން އަރި ކުރި ކަނޑާށެވެ. އަދި 2 މީޓަރު ހަމަވުމުން މައި ކުރި ކޮޅުން ބުރިކޮށްލާށެވެ. އެއަށްފަހު ގަސް ހެދެން ދޫކޮށްލާށެވެ. ކުރިތައް ހަރުލެއްވުމަށް އެއްސުމާއި ކްލިޕް އެޅުވުން ފަދަ ކަންކަން ކުރެވިދާނެއެވެ. އިންދާތާ 6 މަސްވުމުން ބިލެތް ކަނޑަން ލިބޭނެއެވެ.
ކާނާއި ބޭސް ދިނުން
އެހެން ގަސްގަހެކޭ އެއްގޮތަށް ބިލެއް ހެއްދުމަށް ވެސް ކާނާ ބޭނުންކުރަން ޖެހެއެވެ. އެއީ ގަސް ހެއްދުމަށާއި ފަތުގެ ސައިޒާއި ފެންވަރު ރަނގަޅުކޮށް ބަލިތަކުން ގަސް ދިފާޢުކޮށްދިނުމަށެވެ. ބިލެއް ހެއްދުމަށް ތިރީގައި އެވާ ގޮތަށް ކާނާ ދޭށެވެ.
- އިންދާއިރު- ގެރިގުރި ފަސްގަނޑާ އެއްކުރުން
- ކޮންމެ 15 ދުވަހަކުން- ފްލޯރަލް 20 20 20 ގިރާފައި ބުޑަށް އެޅުން
- އަހަރަކު 3 ފަހަރު- ބެޑު މައްޗަށް ގެރިގުއި އެޅުން
- ފަތުގެ ކައިރި އެތެއަށް މެޅި ފަތް ހިކޭނަމަ - ކޭ40 ގިރާފައި ބުޑަށް އެޅުން
- ފަތުގައި ލައްޖަހާނަމަ- ބަޔޯޕެސްޓިސައިޑެއް ހަދައިގެން ބޭނުންކުރުން
ނޯޓް: މިއީ ހުބާ ޕްލާންޓްސްއިން އެއްކޮށްފައި މަޢުލޫމާތެވެ. ބިލެތަކީ ދުފުމަށް ބޭނުންކުރާ އެއްޗެއް ނަމަވެސް ދުފުމަކީ ހުބާ ޕްލާންޓްސްއިން ހިތްވަރުދޭ ކަމެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!