ދިވެހިންގެ ތެރޭގައި މިވަނީ ތަފާތު ވައްތަރުގެ ގަސްހެއްދުން ވަރަށް ބޮޑަށް އާއްމުވެފައެވެ. ގިނަ ބަޔަކު ގަސްވިއްކުމުގައި ހަރަކާތްތެރިވާއިރު ވަކި އަތޮޅެއް ވަކި ރަށެއް އިސްތިސްނާ ނުވާނޭގޮތަށް ގޭގޭގެ ގޯތިތެރޭގައި ވަނީ ގަސްމުށިތައް އަތުރާލައި ނުހަނު ބޮޑަށް ޒީނަތްތެރިކޮށްލާފައެވެ.

ނަމަވެސް ކޮންމެ ކަމަކީ ވެސް އެކަމުގެ ޢިލްމާއި ހުނަރު އަދި ތަޖުރިބާ ލިބިއްޖެނަމަ މާ ރަނގަޅަށް ކުރެވިދާނެ ކަމެކެވެ. މިފަހަރު މިބަލައިލަނީ ވިއްސާރަވުމުން ގަހުގެ ބުޑުގައި ފެން ގިނަވެގެން ލިބޭ ގެއްލުންތަކާއި އެފަދަ ގެއްލުންތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.

Ad
rt

ވިއްސާރަވުމުން ޕޮޓުގައި ނުވަތަ ބިންމަތީގައި އިންދާފައި ހުންނަ ގަސްތަކުގެ ބުޑުގައި ފެން ހަރުލާގޮތް ދިމާވެއެވެ. މިހެން ދިމާވުމުން ގަހުގެ ފަތްތަކުގެ ކައިރިފަށް ގިރި ނުވަތަ މުށި ކުލައަކަށް ބަދަލުވެ އެންމެ ތިރިން ފެށިގެން ފަތްތައް ދޮންވެ ފައިބަން ފަށައެވެ. އަދި ފެން ނުހިނދި ގިނަދުވަސް ވާނަމަ މޫތައް ގިރި ގަހަށް ކާނާ ނެގުމަށް ހުރަސްއެޅި ގަސް ނިކަމެތިވެ ބައެއްފަހަރު މަރުވާގޮތް ދިމާވެއެވެ.

ހައްލު 1: މިކަމުގެ ފުރަތަމަ ހައްލަކީ ޕޮޓުގެ ފުލުގައި ފެން ދައުރު ވާގޮތަށް ހުންނަ ލޯވަޅުތައް ބެހެއްޓުމެވެ. ގަސް އިންދާއިރު ޕޮޓުގެ ފުލަށް ޕްލާސްޓިކް ދައުކޮޅެއް ލެވިދާނެއެވެ. ނުވަތަ ފަސްގަނޑު ފައިބައިގެން ދިޔުން ހުއްޓުވުމަށް އޮށްގައު ނުވަތަ ހިލަ އެޅިދާނެއެވެ. ފަސް އަޅާނީ އޭގެ މައްޗަށެވެ.

ހައްލު 2: އަނެއް ހައްލަކީ ފެން ދައުރުވާ ފަދަ ގޮތަކަށް ފަސްގަނޑު ތައްޔާރުކުރުމެވެ. އެގޮތުން އެންމެ ހިމުން ކަޅުފަހުގެ އިތުރުން ކޮންމެވެސް ވަރަކަށް ފުށްބޮޑެތި ވެލި ފަސްގަނޑު ތައްޔާރުކުރާއިރު އެޅިދާނެއެވެ. ނުވަތަ ޕާލައިޓް ފަދަ އެއްޗެއް ފަހާއި އެއްކުރެވިދާނެއެވެ. ބޮނބިކުނޑިއަކީ ތެތްކަން ހިފަހައްޓާ އެއްޗެއް ނަމަވެސް ފަސްގަނޑު ބާރު ވިޔަ ނުދިނުމަށް ބޮނބިކުނޑިވެސް އެހީތެރިވެދެއެވެ.

ހައްލު 3: ވިއްސާރަވުމުން ގޭގެ އަސްކަނި، ގަރާޖު ނުވަތަ ކޮރިޑޯ ފަދަ ތަނަކަށް ޕޮޓުތައް ބަދަލުކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިއީ ވަރަށް އުނދަގޫ ކަމެކެވެ. އޭގެ ބަދަލުގައި ޕޮޓުގެ މަތި ހިޔާކުރެވެން އޮތްގޮތަކަށް ހިޔާކުރެވިދާނެއެވެ.

ޕޮޓަށް އެޅެންދާ ފެން ބޭރަށް އޮހޮރިގެން ދާގޮތަށް ޕްލާސްޓިކު ކޮތަޅެއް ގަހުގެ ވަށައިގެން އައްސައިލެވިދާނެއެވެ. ނުވަތަ ޕެލެޓްކޮޅުތަކެއް ޕޮޓުގެ މަތިގައި އަތުރައިލެވިދާނެއެވެ. ބޭނުމަކީ ބުޑަށް ފެން އެޅުނަ ނުދިނުމެވެ. ޕޮޓު ހުންނަ ތަނުގައި ފެން ބޮޑުވާނަމަ އެޅިގައު ފަދަ އެއްޗެއް ބެހެއްޓުމަށްފަހު ވަގުތީގޮތުން ޕޮޓު އުފުލައިލެވިދާނެ އެވެ.

ހައްލު 4: ބިންމަތީގައި ހުންނަ ގަސްތަކުގެ ބުޑަށް ފެން ޖަމާވެ ހަރުލުން ހުއްޓުވުމަށް އުސް ބެޑުގައި ގަސް ހެއްދިދާނެއެވެ. އަދި ބެޑުގެ އެއްފަރާތް އުސްކޮށް އަނެއްފަރާތް ތިރިކޮށް ބެހެއްޓިދާނެއެވެ. އަދި ބެޑުން ފެން ނެރުމަށް ބެޑުފާރުން ބައު ކަނޑާފައި ބެހެއްޓިދާނެއެވެ. ވަކިވަކިން ބިންމަތީގައި ހުންނަ ގަސްތަކުގެ ބުޑަށް ފެން ޖަމާވުން ހުއްޓުވުމަށް ގަހުގެ ބުޑުގައި ވަށްބުރަކަށް ވާގޮތަށް ފާރެއްގޮތަށް ފަސް ޖައްސާފައި ބެހެއްޓިދާނެއެވެ.

ހައްލު 5: ބައެއް ފަހަރު ޕޮޓުގައި ފެން ހަރުލައި ގަހަށް ގެއްލުން ލިބެން ފަށަނީ ގަހުގެ މޫތައް ގިނަވެ މާ ބޮޑެތިވުމުންނެވެ. އާއްމުކޮށް ގިނަ ގަސް އެއްޕޮޓެއްގައި 2 އަހަރު ދުވަހު ބެހެއްޓުމުން ފަސްގަނޑު ތެރޭގައި މޫތައް ފުރާލައެވެ.

އެހެންކަމުން އަހަރަކު 1 ފަހަރު ނުވަތަ 2 އަހަރުން 1 އަހަރު ޕޮޓުން ގަސް ނެގުމަށްފަހު މައިމޫ ބުރިކޮށްލައި ވަށައިގެން ހުންނަ މޫތައް ވެސް ކޮންމެވެސް ވަރަކަށް ކޮށައިލުމަށްފަހު އަލުން އައު ފަހުގައި ގަސް އިންދަން ވާނެއެވެ. މޫކޮށުމަށްފަހު ޕޮޓުގެ ތެރޭގައި ގަސް ބެހެއްޓުމުން މޫތައް ޕޮޓުގައި ނުޖެހި ވަށައިގެން އެއް އިންޗި ހުސްކޮށް ހުންނަ ވާނެއެވެ.

މިގެނެސްދެވުނީ ވިއްސާރަވުމުން ގަހުގެ ބުޑުގައި ފެން ހަރުލުމުން ލިބޭ ގެއްލުންތަކާއި އެކަމުގެ ހައްލުތަކެވެ. ނަމަވެސް ހުރިހާ ވައްތަރެއްގެ ގަހަކަށް ވިއްސާރަވުމުން މިފަދަ ގެއްލުންތަކެއް ނުލިބެއެވެ. އާއްމުކޮށް ގެއްލުން ލިބެނީ ކެކްޓަސް، ސާކިއުލަންޓް އަދި އެއްވެސް ވަރަކަށް ލަކުޑިނުލާ މައިގަނޑުގައި ފެންރައްކައު ކޮށްގެން ހެދޭ ގަސްގަހަށެވެ.

ވިއްސާރަވުމުން ގަހަށް ލިބޭ އިތުރު ގެއްލުންތައް ވެސް ހުރެއެވެ. އެހެން ފަހަރަކުން ވިއްސާރައިން ގަސް ގުރުނޑުވުމާއި ކާނާދޮވިގެން ދިޔުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަން ގެނެސްދެވޭނެއެވެ.

ރީތިކޮށް ހައްދާފައި ހުންނަ ގަހާއި ހަދާފައި ހުންނަ ބަގީޗާތަކަކީ ފަރުވާތެރިކަމާއެކު ބަލަހައްޓަމުން ދާ ގަހާއި ބަގީޗާތަކެކެވެ. ހުސްވަގުތުގެ ބޭނުން ހިފައިގެން އެއްފަހަރާ އެއްދުވަހުން ނޫނަސް ގަސްތައް ބެލެހެއްޓުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާށެވެ.

ނޯޓް: މިއީ ހުބާ ޕްލާންޓްސްއިން އެއްކޮށްފައި މަޢުލޫމާތެވެ.

ލިއުނީ: ޢަބުދުﷲ އަރީފް / ހުބާ ޕްލާންޓްސް