މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ރައްޔިތުންނަށް ބޮޑަށް ސިފަވެފައި އޮންނާނީ އިލޮށިފައްޗެއް ގޮތަށް އަދި ދަނޑި ބުރިއެއް ގޮތަށް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް 2021 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން، ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ހުދުމުހުތާރު ވެރިކަމަކުން ޑިމޮކްރަސީއަކަށް ދާއިރު ރައްޔިތުންނަށް ބޮޑަށް ބްރޮޑްކާސްޓް ކޮމިޝަން ސިފަވެފައި އޮންނާނީ އިލޮށިފައްޗެއް ގޮތަށް އަދި ދަނޑި ބުރިއެއް ގޮތަށް ކަމަށެވެ.
އެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ ބޭފުޅުން ވަނީ އެ ކޮމިޝަންގެ އަންނަ އަހަރުގެ ބަޖެޓަށް 4.5 މިލިއަން ރުފިޔާ އިތުރު ކުރަން އެދި ވަޑައިގެންފައެވެ. އެ ބަޖެޓް ބޭނުންވާ ސަބަބު ތަކުގެ ތެރޭގައި ކޮމިޔުނިޓީ ބްރޮޑްކާސްޓްފެށުމަށާއި، ބްރޮޑްކާސްޓިން ދާއިރާގެ މީހުން ތަމްރީން ކުރުން ވަނީ ފާހަގަ ކުރަށްވާފަ އެވެ.
''އެ ގޮވާ ގޮވެލިފަތިވެސް މައިތިރި އެބަ ކުރަންޖެހޭ، އެހެން ނަމަވެސް ތިފާހަގަ ކުރެއްވި ގޮތަށް މިހާރު އެބަ ބަދަލުވާން ޖެހޭ، ވިޔަފާރިއެއް ގޮތަށްވެސް ބަދަލުވާން އެބަޖެހޭ، އަޅުގަނޑުމެން މަޖިލިސްއިން އެމަސައްކަތް މިހާރު ވެސް މިދަނީ ކުރަމުން، އެހެން ނަމަވެސް އެކަންތައް ކުރެވެން އޮތީ އިންޓަނެޓް ސްޕީޑް ހަލުވިވެގެން، އިންޓަނެޓް ސްޕީޑް ހަލުވިކުރަންވެގެން އަޅުގަނޑުމެން އެދުނީމަ އަދިވެސް އެކަމާގުޅޭ މަޢުލޫމާތެއް މިއަދާއި ހަމައަށް ނުލިބިގެން މިއުޅެނީ، ކޮމިނިޔުކޭޝަން އޮތޯރިޓީގައި، އެކަމަކުވެސް އެކަން އެބަކުރިއަށްދޭ''
ބްރޯޑްކޮމްގެ ބޭފުޅުން ކޮމިޓީގައި ދެއްކެވި ވާހަކައަށް އިޝާރާތް ކުރަށްވާ ބޮންޑޭ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓަށް ފައިސާ އިތުރުކުރުމަށް އެދޭ ސަބަބެއްގެ ގޮތުގައި ކޮމިޔުނިޓީ ބްރޮޑްކާސްޓް ފެށުން ފާހަގަ ކުރެއްވުމުން، ބޮންޑޭ ވަނީ އެ ޚިދުމަތް ފައްޓަވަނީ ރޭޑިއޯ ފްރެކުއެންސީއެއް މެދުވެރިކޮށްތޯ ނުވަތަ ޑިޖިޓަލް ކޮށްތޯ ސުވާލު ކުރަށްވާފަ އެވެ. އަދި ޑިޖިޓަލްކޮށް އެކަން ކުރާ ކަމަށްވަންޏާ ރާއްޖެއަށް ހައިސްޕީޑް އިންޓަރނެޓް ބޭނުންވާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ދިވެހިރާއްޖޭގެ އަމިއްލަ ޤައުމީ ކޭބަލެއް މިހާރު އޮންނަން ޖެހޭ ކަމަށެވެ. އަދި އިންޓަރނެޓް އަގު ބޮޑުވެގެން އުޅެނީ ދިރާގާއި އެޚިދުމަތްދޭ އެހެން ކުންފުނިތަކުން ފީނަގާތީ ކަމަށް ބޮންޑޭ ފާހަގަ ކުރެއްވި އެވެ.
''ތިބޭފުޅުންގެ ބްރޮޑްކާސްޓް ކޮމިޝަންގެ ޤާނޫނާއި އެ ކޭބަލާއި ވަރަށް ގުޅޭ، މިވާހަކަ ދައްކަން އެބަޖެހޭ ތިބޭފުޅުން، އެހެން ނަމަވެސް މިހާރު ފާހަގަ ކުރެވެނީ ތީ އިލޮށިފައްޗެއް ގޮތަށް ދަނޑި ބުރިއެއް ގޮތަށް އެއީ މިސާލަކަށް އަދުރާ ގޮވާއެއްޗެއްސަށް ރައްދުދޭން، އެކަހަލަ ގޮތަކަށް ބޮޑަށް އަޅުގަނޑުމެންނަށް ސިފަވެފަ އޮތީ،''
ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ، ބްރޯޑްކޮމްގެ ބޭފުޅުން ފާހަގަކުރެއްވި ގޮތަށް މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން ރާއްޖޭގެ ޤައުމީ ބްރޮޑް ބޭންޑް ސަރވިސް އިންޓަރނެޓް ނެޓްވޯކެއް ގާއިމު ކުރަން ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމަށެވެ. އަދި އެކަމަށް ބްރޯޑްކޮމްއިން އެއްބާރުލުން ދެއްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.
ބަޖެޓް ދެއްވަނީ ފިނޭން މިނިސްޓަރު ނޫން ކަމަށާއި، އަދި ރައީސުލް ޖުމްހޫރިއްޔާވެސް ނޫން ކަމަށާއި، ބަޖެޓް ދެއްވަނީ ރައްޔިތުންކަން ފާހަގަ ކުރަށްވާ ބޮންޑޭ ވަނީ ކޮމިނިއުޓީ ބްރޮޑްކާސްޓާއި ގުޅިގެން ދައުލަތަށް އިތުރަށް ލިބޭނެ އާމްދަނީ އަކީ ކޮބައިތޯވެސް ސުވާލު ކުރަށްވާފަ އެވެ.
ބޮންޑޭ ވާހަކަ ނިންމާލެއްވުމުން ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވީ އެ ކޮމިޝަނަކީ އިލޮށިފައްޗެއް ގޮތަށް ބައެއް ބޭފުޅުން ދެކިވަޑައި ގަންނަވާ ކަމަށާއި ''މިކޮމެޓީން އެހެން ދެކިވަޑައި ނުގަތުމަށް'' އެދޭ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބްރޯޑްކޮމްގެ ބޭފުޅުން ވިދާޅުވީ ހައި ސްޕީޑް އިންޓަނެޓްގެ މުހިންމު ކަން ޤަބޫލު ކުރަށްވާ ކަމަށާއި، މަސައްކަތް ކުރަށްވަނީ އެދާއިރާ ތަރައްޤީކޮށް ކުރި އަރުވަން ކަމަށެވެ. އަދި މި ދިޔަ އަހަރުވެސް ބްރޮޑްކާސްޓަރުންގެ ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް 9 މިލިއަން ރުފިޔާ ލިބިފައިވާނެ ކަމަށް އެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.
ބްރޮޑްކާސްޓިން ދާއިރާގައި ހުރިގޮންޖެހުންތައް ހައްލުކުރެވޭނީ އެކަމަށް އެދާއިރާގެ މީހުން ތަމްރީންކޮށް، އަހުލުވެރި ކުރެވިގެންކަން ފާހަގަކުރަށްވާ މިހާރު ދިމާވާ ގޮންޖެހުންތަކާއި ދަތިތައްވެސް ބްރޯޑްކޮމްގެ ބޭފުޅުން ވަނީ މަޖިލިސް ބަޖެޓް ކޮމެޓީއާއި ހިއްސާ ކުރަށްވާފަ އެވެ.
އަންނަ އަހަރު ރާއްޖޭގެ 5 ސަރަޙައްދެއްގައި ކޮމިޔުނިޓީ ބްރޮޑްކާސްޓިން ތަޢާރަފް ކުރަން ނިންމަވާފަ ވާކަމަށް ވެސް ބްރޯޑްކޮމްގެ ބޭފުޅުން ވަނީ ކޮމެޓީގައި ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!