މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މިއަހަރު 150 ރިސޯޓް އަދި ހޮޓެލްއާ 200 އޮޕަރޭޓަރުން ބައިވެރިވާ މި ފެއާގައި އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ ޓްރެވެލް ޓްރޭޑް ފެއާއެވެ.
މިފެއާ ކުރިއަށް ގެންދަން ނިންމާފައި ވަނީ މި ނޮވެމްބަރު މަހުގެ 24 އިން 26 އަށް އަށެވެ. އަދި މިއަހަރުގެ ޓީޓީއެމް ޓްރެވެލް ސަމިޓް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގައެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން ޗީފް އެކްޒެކެޓިވް އޮފިސަރު ހުސައިން ނިޔާޒްއެވެ. އަދި އޯކާ މީޑިއާ ގުރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ. މި އެއްބަސްވުމާއިއެކު އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ފަތުރުވެރިކަމަށް އެހީތެރިވެދޭނެއެވެ.
ޓީޓީއެމްގައި ބައިވެރިވާ ފަރާތްތަކަށް ޓީޓީއެމް ޓްރެވެލް ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބި، ޓީޓީއެމްގެ މެގަޒިންގައި ހިމެނުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އިނގިރޭސި ބަހުން ނެރޭ މި މެގަޒިންއަކީ ބައިނަލްއަގްވާމީ އެކި ފެއާތަކުގައިވެސް ރާއްޖެ ޕްރޮމޯޓް ކުރަން ބަހާ މެގަޒިންއެކެވެ.
ޓްރެވެލް ޓްރޭޑް މޯލްޑިވްސްއަކީ އޯކާ މީޑިއާ ގްރޫޕުން ކުރިއަށްގެންދާ ހަރަކާތެކެވެ. އޯކާ މީޑިއާ ގުރޫޕަކީ ރާއްޖޭގެ މީޑިއާ އަދި މާކެޓިންގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެކެވެ. މިއީ ޓީޓީއެމް މޯލްޑިވްސް ބާއްވާ ހަތަރުވަނަ ފަހަރެވެ.
އުރީދޫން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ވަނީ ކޯވިޑް-19 ގެ ސަބަބުން ހީނަރުކަން ކުރިމަތިވެފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމުގައި ބައިވެރިވެ، ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކޮށްދިނުމުގެ ގޮތުން "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ބައިނަލްއަގުވާމީ ކެމްޕޭނެއް ވެސް ފަށައިފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް އުރީދޫއިން ފެށި މިކެމްޕޭން އުރީދޫ އޮޕަރޭޓުކުރާ 10 ގައުމެއްގެ 117 މިލިއަން މީހުންނާ ހަމަ އަށް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!