ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން އޮފްޑޭގެ 4 ދުވަސް ނުވަތަ 8 ދުވަސް ނިންމައި އެނބުރި ރިސޯޓަށް ދިއުމުން 14 ދުވަސް ކަރަންޓީނުގައި ހުންނަން ރިސޯޓުތަކުގެ މެނޭޖުމަންޓްތަކުން މަޖުބޫރު ކުރަމުންދާކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ކޯވިޑް-19 ޖެހި ހާލު ބޮޑުވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވި ދ. މާއެނބޫދޫ، ދިލްބަހާރުގެ، އާދަމް ނަސީރު، 60، ގެ މަރާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ސަޢީދު ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ ފަސް ލައްކައެއްހާ އާބާދީގެ އެންމެ ބޮޑު މަސައްކަތުގެ އާބާދީ ސިނާޢަތަކަށް
ނިސްބަތްވާ، ދިވެހި އެންމެ ގިނަ ރައްޔިތުން މަސައްކަތްކުރާ އަދި ދިވެހި އެންމެ ގިނަ ޒުވާނުން މަސައްކަތްކުރާ ސިނާޢަތް ކަމަށެވެ.

''އަޅުގަނޑުމެން މިއަދު މި މަޖިލީހަށް އިއްޒަތްތެރި މެންބަރަކު މި މައްސަލަ ގެނައިމާ. ތެދުފުޅެއް! މަރުޙޫމްގެ ޢާއިލާއަށް ވަރަށް ބޮޑު ހިތްދަތިކަމެއް، ވަރަށް ބޮޑު ތަކުލީފެއް މިއަދު އުފުލަންޖެހިފައިވާ މި ހާލަތް، އެހެންނަމަވެސް، އެއާއިއެކުއެކީގައި ވަރަށް ބޮޑު މަސައްކަތުގެ އާބާދީއެއް އިންތިޒާރު އެބަކުރޭ މި މަޖިލީހުން އަޅުގަނޑުމެން މިއަށް ބަހުސްކުރާނެ ގޮތަކާއި، އަޅުގަނޑުމެންގެ ނިންމުންތައް ނިންމާނެ ގޮތަކާ ދޭތެރޭ އިއްޒަތްތެރި ރައީސް، މި މަޖިލީހުގައި
އެބައޮވޭ ހިއުމަން ރައިޓްސް ކޮމިޓީއެއް، އިޤުތިޞާދީ ކޮމިޓީއެއް އެބައޮވޭ. ދިވެހިރާއްޖޭގެ ސިނާޢަތްތަކުގެ ތެރެއިން ދިވެހި މަސައްކަތްތެރިން އެންމެ ގިނައިން މަސައްކަތްކުރާ ސިނާޢަތަކީ ޓޫރިޒަމްގެ ސިނާޢަތް އިއްޒަތްތެރި ރައީސް.''

ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ފަތުރުވެރިކަމުގެ ރިސޯޓެއްގައި މަސައްކަތްކުރާ ދިވެއްސަކު ރަށަށްދާން ބޭނުންވެއްޖެ ނަމަ، އޮފްޑޭގެ 4 ދުވަސް ނުވަތަ 8 ދުވަސް
ދެމުންދާ ކަމަށެވެ.

''އެހެންނަމަވެސް، އޭނަ އެނބުރި އައިމާ މަޖުބޫރު އެބަކުރޭ 14 ދުވަސް ކަރަންޓީނުގައި ހުންނަން. މިއަދު ދިވެހިރާއްޖޭގެ ޓޫރިސްޓު ސެކްޓަރގެ، ޓޫރިޒަމް ސެކްޓަރުގެ %50 ނުވަތަ %60 މުވައްޒަފުން އެތިބީ ވަޒީފާނެތި ތިބިއިރުގައި މަދު ބަޔަކު އެ މީހުންގެ ޢާއިލާ ގޮވައިގެން އުޅުމަށްޓަކައި ގުލާނުކުރަމުން އެ ގެންދަނީ، ކުރާއިރުގައި އޮފްޑޭ ދޭށޭ ބުނީމާ އޮފްޑޭ ދީފައި، ދެން އައިއްސަ މަސައްކަތައް ނިކުންނައިރު 14 ދުވަހެއް މެނޭޖްމެންޓަކުން ނުދޭ. ދެވޭނެ އިންތިޒާމެއް ނެތް، ވަރަށް މަދު އަދަދެއްގެ ބަޔަކު ރިސޯޓުތަކުގައި މި ތިބެނީ''

ސަޢީދު ވިދާޅުވިއެވެ.

އެޗްޕީއޭއިން، ހެލްތު މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ސަރުކާރުން އިސްނަގައިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެމްޕްލޯއިމަންޓް އުފައްދާ ފަރާތްތަކާއި، ވިޔަފާރިވެރިންނާ މަޝްވަރާކޮށްގެން މި މަސައްކަތުގެ އާބާދީއަށް މިއަށްވުރެ ލުއި ތަކުލީފު ގޮތްތަކެއް ހޯދުމަކީ ކުރަންޖެހޭނެ ކަމެއްކަމަށް ސަޢީދު ވިދާޅުވިއެވެ.

މަޖިލީހަށް ރައްޔިތުން މިފަދަ މައްސަލަތައް ހުށަހަޅަން އެ ރައްޔިތުން ހޮވާފައި ތިބޭ މެންބަރުން މެދުވެރިކޮށް ފޮނުވަނީ އެކަން ކުރުމަށް ޓަކައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

''ޢިއްޒަތްތެރި ރައީސް މަޖިލީހުގެ ޖަލްސާ ފަށަމުން ވިދާޅުވި، މުތަޤައްދިމް ޕާޓީއަށް ފަހު އެމް.ޑީ.ޕީ އައި ވާހަކަ. ކޮން ބޭނުމެއްގައިތޯ އެ ވާހަކަ އެ ވިދާޅުވީ؟ ކޮން ބޭނުމެއްގައިތޯ ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ ވާހަކަ އިރުއިރުކޮޅާ އަޅުގަނޑުމެން މި ދައްކަނީ؟ ދިވެހި ރައްޔިތުން ތިބޭތީވެ އެ ވާހަކަ މި ދައްކަނީ. ދިވެހި ރައްޔިތުން ރަށުގައި އިންތިޒާރުގައި، އެ މީހުން މާލޭގައި ހުރި ގޯއްޗަށް ކުލި ދައްކަން އަންނަން ބޭނުންވެގެން ދަރިފުޅު ގޮވައިގެން ސްކޫލަށްދާން ބޭނުންވާތީ އެ ވާހަކަ މި ދައްކަނީ، މިއަދު އިއްޒަތްތެރި ރައީސް، ގޭގޭގައި އަޅުގަނޑުމެންގެ ދަރިން ކިޔަވަން ތިއްބާ 45 މިނެޓު ވެގެން ޒޫމް ސެޝަން
އެކްސްޕަޔަރ ވެގެން އެ ދަނީ، އެ ދަރިން އިންތިޒާރުކުރަމުން ކުލަޖައްސަމުން އަންނަ ޕޯސްޓަރު ނުނިމެނީސް''

ސަޢީދު ވިދާޅުވިއެވެ.

މެންބަރު ސަޢީދުގެ އިތުރުން އެމައްސަލައިގެ ބަހުސްގައިވާހަކަ ދެއްކެވި އިތުރު މެންބަރުން މަރްޙޫމް އާދަމް ނަސީރާއިމެދު ކަންހިނގިގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކޯވިޑް-19 ގެ ބަލިމަޑުކަން މެނޭޖު ކުރުމުގައި ބައެއް ރިސޯޓުތަކުން އިހުމާލު ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ބަލަން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވަނީ އެމައްސަލައިގެ ބަހުސްގައި ހުށަހަޅުއްވާފައެވެ.

"މި ކަންތައް މިއަދު އަޅުގަނޑުމެން ވާހަކަ ދައްކާފައި ނިމިގެން ނުދާނެ ގޮތަކަށް، އަޅުގަނޑު ހުށަހަޅަން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން މި ކަންތައް ބައްލަވައި ދެއްވުމަށް،" ޔާސިރު ވިދާޅުވި އެވެ.

ނަސީރުގެ މަރާ ގުޅިގެން މެންބަރު އާމިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.