ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ގެ ހުކުމްކުރާ އަޑުއެހުން މި މަހުގެ 16 ވާ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްމެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމަވައި، ހުސްވި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހަލީމް ވިދާޅުވެފައި ވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް މެންބަރު ޔައުގޫބު އައްޔަނު ކުރެއްވި ހިސާބުން އޭނާގެ ގޮނޑިގެއްލިފައިވާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމަވައި، އެ ދުވަހު ހަލީމް "ތިލަދުން"އަށް ވިދާޅުވީ ކައިވެނިކޮށް، ވަރިކޮށްފައި ކައިވެނި ރުޖޫއުކުރާ އުސޫލުން މަޖިލީސް މެމްބަރުކަމުން ވަކިވުމަށްފަހު، މެމްބަރުންކަން ރުޖޫއައެއް ނުކުރެވޭނެ ކަމަށެވެ. "ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި އެއޮތީ ނޫންތޯ ވަރަށް ސާފުކޮށް އެކަން އެނގެން، މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެ" ހަލީމް ވިދާޅުވިއެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ ހުސްވި އޮކްޓޯބަރު 27 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުން ނިންމާލަމުން މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރަން ބޭއްވޭ އަޑުއެހުންކަން އިއުލާނުކުރެއްވުމަށްފަހުއެވެ.
އެ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން މި މަހުގެ 16 ވާ ހޯމަ ދުވަހު އޮންނާނެކަން އަންގައި، ސުޕްރީމް ކޯޓުން ވަނީ ޗިޓު ފޮނުވައިފައެވެ. އަދި އެ ދުވަހުގެ ހެނދުނު 10:45 އަށް ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓުގައި އަންގާފައިވެއެވެ.
ޔައުގޫބުގެ މައްސަލަ ސްޕްރީމްކޯޓަށް ވަށްދަވާފައި ވާއިރު، ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ. އެމާއްދާގެ ރ ގައި އެހެން އޮތަސް އެ ހާލަތުގައި މެމްބަރު ކަން ގެއްލޭނެ ކަމެއް ނުވަތަ ނޫންކަން އެ މާއްދާއަކު ނެތެވެ. އެހެންކަމުން ޔައުގޫބް ދައުލަތުގެ އެހެން ވަޒީފާއަކާ ހަވާލުވެވަޑައިގަތުމުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމާ މެދު ބޮޑު ބަހުސެއްވެސް ވަނީ އުފެދިފައެވެ.
އައިސީއޭއެމްގެ މެމްބަރު ކަމާއި ޔައުގޫބް ހަވާލުވެވަޑައިގަތުމުން އޭނާގެ މެމްބަރު ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދެން ފެށުމުން އޭނާ ވަނީ އެ ކައުންސިލުން މިހާރު އިސްތިއުފާ ދެއްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!