ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ސުނާމީ އާއި މެދު ހޭލުންތެރިކަން އިތުރުކުރާ ދުވަހެވެ.

2020 ވަނަ އަހަރުގެ ސުނާމީ އަށް ހޭލުންތެރި ކުރުވާ ދުވަހުގެ އެންމެ ބޮޑު ޝިޢާރެއްގެ ގޮތުގައި ޔޫއެންއިން ކަނޑައަޅާފައިވަނީ ޤައުމީ، އިޖްތިމާޢީ އަދި ޢާންމު ފަރުދުންގެ މެދުގައި މިފަދަ ބޮޑެތި ކާރިސާ ތަކުން ސަލާމަތްވެވޭނޭ ގޮތްތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުވުމެވެ.

Ad
rt

ޔޫއެންއިން ލަފާ ކުރާ ގޮތުގައި، 2030 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ އާބާދީގެ50% މީހުން ދިރި އުޅެމުންދާނީ މޫދާއި ކައިރި ހިސާބުތަކުގައެވެ. އަދި މީގެ ސަބަބުން، ފެންބޮޑުވުމާއި، ބޮޑެތި ޠޫފާންތަކުގެ އިތުރުން ކުރިމަތިވެދާނެ ސުނާމީ ތަކުން ހޭލުންތެރި ނުވެއްޖެނަމަ، ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ދުވަހެއް ދުނިޔެއަށް ކުރިމަތިވާ އިރު މި ކަންކަމަށް ޕޮލިސީ ތަކެއް ކަނޑައެޅި، ހޭލުންތެރިކުރެވިއްޖެ ކަމުގައިވާ ނަމަ، މި ފަދަ ޤުދުރަތީ ކާރިސާތަކުން މީހުންގެ ފުރާނައަށް ގެއްލުންވުން މަދުވެގެންދާނެއެވެ.

2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އޮތް ޔޫއެންގެ ޖެނެރަލް އެސެންބްލީއިން 5 ނޮވެމްބަރަކީ ދުނިޔޭގެ ސުނާމީއަށް ހޭލުންތެރިކަން އިތުރުކުރާ ދުވަސް ކަމުގައިވަނީ ކަނޑައަޅާފައެވެ. މި ބައްދަލުވުމުގައި، ޔޫއެންގެ މި އެސެންބްލީއިން ވަނީ ދުނިޔޭގެ ގިނަ ޤައުމުތަކަށް ސުނާމީއާއި މެދު ހޭލުންތެރިކުރުމަށް ގޮވާލާފައެވެ.

ސުނާމީއަކީ ދުނިޔެއަށް މަދުން ނަމަވެސް ކުރިމަތިވާ ޤުދުރަތީ ކަމެކެވެ. ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި ސުނާމީއިން ލިބިފައިވާ ގެއްލުންތައް ބޮޑުވެފައި، މަރުވެފައިވާ މީހުންގެ ޢަދަދުވެސް ގިނައެވެ. ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި ދުނިޔެއަށް 58 ސުނާމީ ކުރިމަތިވެފައިވާއިރު، 260،000 އަށްވުރެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ.

މިއިން ކޮންމެ ސުނާމީއެއްގައި އެވްރެޖް ގޮތެއްގައި 4000 އަށްވުރެ ގިނަ ޢަދަދެއްގެ މީހުންނެވެ. އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ، ދިވެހިރާއްޖެއަށްވެސް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގައެވެ. މި ސުނާމީގައި އެކަނިވެސް 225،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޖަޕާނުން އިސްނަގައިގެން ދުނިޔެ ސުނާމީއަށް ހޭލުންތެރި ކުރުވުމުގެ ގޮތުން، ޖަޕާނުގެ ހިޔޯގޯ ރީޖަންގައިވަނީ "ހިޔޯގޯ ފްރޭމްވޯރކް އެކްޝަން" ގެ ނަމުގައި ދުނިޔޭގެ ޤައުމުތަކުން ބައިވެރިވެ ސުނާމީ އާއި ދެކޮޅަށް ކުރެވިދާނެ އެކި އެކި ކަން ކުރުމަށް ފަށާފައެވެ.

މި ގޮތުން، މި ޤައުމުތަކުން އެއްވެގެން ވަނީ އިންޑިޔާ ކަނޑުގައި ސުނާމީ ވޯރނިންގް މިޓިގޭޝަން ސިސްޓަމެއް ހަރުކޮށްފައެވެ. މިއީ ކަނޑުގެ ލޮނުގަނޑު އަދި ބިންގަނޑު ތެޅުމުން ނުރައްކަލެއް އަންނަ ކަން ދައްކުވައިދޭ ސިސްޓަމެކެވެ.

ސުނާމީއަކީ އޭގެ ޒާތުގައި ބިންހެލުމެއްގެ ސަބަބުން، ނުވަތަ އެހެނިހެން ޤުދުރަތީ ކަމެއްގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވެ ނަގާ ބިޔަ ބޮޑު ރާޅުތަކެވެ. ސުނާމީ، މި ލަފުޒަށް ބަލާލާއިރު މިއީ ޖަޕާނު ބަހުގެ ލަފުޒެކެވެ. "ސު" ގެ މާނައަކީ ހާބަރެވެ. އަދި "ނާމީ" ގެ މާނައަކީ ރާޅެވެ. މި ރާޅުތައް ނެގުމުގެ އެންމެ ބޮޑު ރޯލެއް އަދާ ކުރަނީ ކަނޑުގެ އެތައް ސަތޭކަ މޭލު ގެ އަޑިޔަށް އަންނަ ޤުދުރަތީ ބަދަލުތަކެއްގެ ސަބަބުންނެވެ.

ސުނާމީ ރާޅުތައް ބިޔަ ބޮޑު ވުމުގެ އިތުރުން، ސުނާމީއެއް އަރާއިރު، ރާޅުތައް ކޮންމެ 5 މިނެޓަކުން 1 ގަޑިއިރު ވަންދެން ހުއްޓާނުލާވެސް އަރާފާނެއެވެ. އަދި މި ކަމުގެ ސަބަބުން ސުނާމީގެ ނުރައްކާ އިތުރުވެގެންދެއެވެ. ފުރަތަމަ ރާޅު ބޮޑު ނުވި ކަމުގައި ވީ ނަމަވެސް، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެއާއި ޖެހިގެން އަންނަ ރާޅުތައް އަންނާނީ ބޮޑެތި ވަމުންނެވެ.

ސުނާމީއެއް އުފެދެން ދިމާވާ ކަންކަމުގެ ގޮތުގައި ކަނޑައެޅިފައި އޮންނަނީ ބިންހެލުން، ބިންގަނޑު ފުރޮޅާލުން، އަލިފާން ފަރުބަދައެއް ގޮވައިގެން އަދި ޖަށްވުން ދުނިޔެއަށް ވެއްޓޭ ގިނި ހިލައެއްގެ ސަބަބުންވެސް ސުނާމީއެއް އުފެދިފައި އެބަހުއްޓެވެ.