ވިއެޓްނާމްގެ މެދުތެރޭ ސިޓީތަކަށް އަރާފައިވާ ޠޫފާން މޯލޭވްގައި 2 މީހުން މަރުވެއްޖެކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ބުދަ ދުވަހު އެރި މި ޠޫފާންގައި ވަނީ ވިއެޓްނާމްގެ ސިޓީ ތަކުގެ ގިނަ ގަސްތަކެއް މުލުން ލުހިލާ، ގިނަ ގޭގޭގެ ފުރާޅުތައްވެސް އެއްލާލާފައެވެ. އަދި މިއީ އެ ޤައުމުގެ ގިނަ ބަޔަކު ސިފަކުރާގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި އެ ޤައުމަށް އެރި އެންމެ ވަރުގަދަ ޠޫފާންއެވެ.
އެ ޤައުމުގެ މީހުން ސަލާމަތްކުރާ ޖަމާޢަތްތަކުންވަނީ 375،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. އަދި މި ޠޫފާންގެ ސަބަބުން އެތައް ސަތޭކަ ފްލައިޓުތަކެއް ކެންސަލްކޮށްފައިވާއިރު، ސްކޫލުތައްވެސް ވަނީ ބަންދުކޮށްފައެވެ. ވިއެޓްނާމްގެ ޑަނަންގް ހިސާބުތަކުގައި ގަޑިއަކު 85 މޭލު ބާރު މިނުގައިވަނީ ވައިޖެހިފައެވެ.
އެ ޤައުމުގެ މީޑިޔާތަކުން ރިޕޯޓު ކުރާ ގޮތުގައި، ކުއަންގް ނަގާއި ހިސާބުން މަދުވެގެން 2 މީހުން ވަނީ މަރުވެފައެވެ. އަދި މި މީހުން މަރުވެފައިވަނީ، ޠޫފާންގެ ސަަބަބަބުން އެ މީހުން ދިރިއުޅެމުން އައި ގެ ސަލާމަތް ކުރުމުގެ ތެރޭގައިކަމަށްވަނީ ރިޕޯޓުކޮށްފައެވެ.
މި ޠޫފާންއަކީ ވިއެޓްނާމްއަށް މި މަސްތެރޭގައި އެރި 4 ވަނަ ޠޫފާނެވެ. މި ފަހަރުގެ ޠޫފާންގެ ސަބަބުން އެ ޤައުުމުގެ އައްސޭރިއަށް ނަގަމުންދާ ރާޅުތަކުގައި 6 މީޓަރު ހުންނާނެ ކަމަށާއި، އަދި މި ރާޅުތަކުގެ ބާރު ގަދަވެފައިވާ ކަަމަށް މޫސުމާއި ބެހޭ އިދާރާތަކުންވަނީ ހާމަކޮށްފައެވެ.
މިހާތަނަށް އެ ޤައުމުން މި ޠޫފާނުގެ ވަގުތުގައި މަސްވެރިކަން ކުރުމަށް ނުކުމެފައިވާ 26 މަސްވެރިއަކު ގެއްލިގެންވަނީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައެވެ. އަދި ފަޅުތަކުގައި އަޅާފައިވާ 2 ބޯޓު ގެއްލިގެންވެސް ވަނީ ރިޕޯޓުކޮށްފައެވެ. ގެއްލިގެން ހޯދަންފަށާފައިވާ ބައެއް މަސްވެރިންނާއި މިހާރު ގުޅިފައިވާއިރު، މީހުން ސަލާމަތް ކުރާ ފަރާތްތަކުން އަންނަނީ މި މީހުން ސަލާމަތުގެ އައްސޭރިއަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ޠޫފާނުގެ ބާރުގަދަކަމުން، އެ ޤައުމުގެ ސަރުކާރުން މިހާރުވަނީ މަސްވެރިކަން ކުރުމަށް މަސްެވެރިން ކަނޑަށް ނުކުތުން މަނާކޮށްފައެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން އެއަރޕޯޓުތައްވެސް ވަނީ ބަންދުކޮށްފައެވެ.
މިހާތަނަށް ރެޑް ކްރޮސްއިން ޢާންމު ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރުގައި މި ޠޫފާނުގެ ސަބަބުން ފެންބޮޑުވެ، 310،000 ގެއަށް ވަނީ މީގެ ބޮޑެތި އަސަރުކޮށްފައެވެ.
ވިއެޓްނާމްއަކީ މި ފަދަ ގުތުރަތީ އެތަކެއް ކާރިސާތަކަކާއި ކޮންމެ އަހަރަކުވެސް ކުރިމަތިލާން ޖެހޭ ޤައުމެކެވެ. ވިއެޓްނާމްގެ ވާރޭ މޫސުމަކީ ކޮންމެ އަހަރެއްގެވެސް ޖޫން އިން ނޮވެމްބަރާއި ހަމައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!